ތިލަމާލެ ބްރިޖް

ބްރިޖުގެ މަަސައްކަތްތައް ޖޮއިންޓް ކޮމިޓީން ބަލައިފި

Mar 27, 2023
2

ތިލަމާލެ ބްރިޖުގެ މަސައްކަތް ކުރިއަށްދާ ގޮތް ބަލައި ދިރާސާކުރުމަށް ބްރިޖުގެ މަސައްކަތްތަކަށް ހާއްސަކޮށްގެން އެކުލަވާލާފައިވާ ޖޮއިންޓް ކޮމިޓީގެ ބައްދަލުވުމެއް ބާއްވައިފި އެވެ.

ތިލަމާލެ ބްރިޖު މަޝްރޫއަކީ އިންޑިއާގެ ވަރަށް ބޮޑު އެހީތެރިކަމަކާ އެކު ކުރިއަށް ގެންދާ މަޝްރޫއަކަށް ވާތީ ޖޮއިންޓް ކޮމިޓީގައި ހިމެނެނީ އިންޑިއާ އާއި ދިވެހި ސަރުކާރުގެ ކަމާ ގުޅޭ އިދާރާތަކުގެ ބޭފުޅުންގެ އިތުރުން މިމަޝްރޫއަށް ފަންޑުކުރާ އެގްޒިމް ބޭންކްގެ ބޭފުޅުންނެވެ.

ރާއްޖޭގެ ޕްލޭނިން މިނިސްޓްރީން މައުލޫމާތު ދިން ގޮތުގައި މިދިޔަ ހަފްތާ ބޭއްވީ ޖޮއިންޓް ޕްރޮޖެކްޓް މޮނިޓަރިން ކޮމިޓީގެ ހަވަނަ ބައްދަލުވުމެވެެ. މިފަދަ ބައްދަލުވުމެއް އެންމެ ފަހުން ބާއްވާފައިވަނީ މިދިޔަ ނޮވެމްބަރު 29 ވަނަ ދުވަހު އެވެ.

މިބައްދަލުވުމުގައި އިސް އޮފިޝަލުން ބައިވެރިވެ ބްރިޖުގެ މަަސައްކަތްތަކާ ގުޅޭގޮތުން އެންމެ ފަހުގެ މައުލޫމާތުތައް އޮޅުންފިލުއްވާ މަޝްވަރާތައް ކުރިއަށް ގެންދެވި ކަމަށްވެސް މިނިސްޓްރީން ބުނެ އެެވެ.

މިބައްދަލުވުމަށްފަހު ޖޮއިންޓް ކޮމިޓީގެ މެންބަރުން ވަނީ ބްރިޖުގެ މަސައްކަތް ހިނގަމުންދާ ސައިޓަށް ވެސް ޒިޔާރަތްކޮށްފަ އެވެ.

ތިލަމާލެ ބްރިޖު އަޅަން ހަވާލުކޮށްފައިވާ އިންޑިއާގެ އެފްކޯންސް އިންފްރާސްޓަރަކްޗާއާ އެކު ދިވެހި ސަރުކާރުން އެއްބަސްވުމުގައި ސޮއި ކުރީ މިދިޔަ އަހަރުގެ އޮގަސްޓް 26 ވަނަ ދުވަހު އެވެ. ބްރިޖުގެ އަމަލީ މަސައްކަތާއި ކަމާ ގުޅޭ ސާވޭ ތަކާއި ދިރާސާތައް ވެސް ހަދާނީ އެފްކޯންސް ކުންފުނިންނެވެ.

ބްރިޖާއި ކޯޒްވޭ ހިމެނޭ ގޮތަށް ހަދަން ނިންމާފައިވާ ގާތްގަނޑަކަށް 6.695 ކިލޯ މީޓަރުގެ ބްރިޖު މަޝްރޫއަށް ފަންޑު ކުރަނީ އިންޑިއާ ސަރުކާރުންނެވެ. ތިލަމާލެ ބްރިޖު އަޅަނީ އިންޑިއާގެ 100 މިލިއަން ޑޮލަރުގެ ހިލޭ އެހީ އާއި އެ ގައުމުގެ އެގްޒިމް ބޭންކުން ދޫކުރާ 400 މިލިއަން ޑޮލަރުގެ ލޯނު ފައިސާއިންނެވެ. ދިވެހި ރުފިޔާ އިން ނަމަ މުޅި މަޝްރޫއަށް 7.7 ބިލިއަން ރުފިޔާ ވަރު ހަރަދުކުރާނެ އެވެ.