ލައިފްސްޓައިލް

ޑްރައިވިން ލައިސަންސް ހޯދަން 960 ފަހަރު އިމްތިހާނު ހަދައިފި

ޑްރައިވިން ލައިސަންސް ހޯދަން ސައުތު ކޮރެއާ އަންހެނަކު ކުރި ވަރުގެ މަސައްކަތެއް ކުރި މީހަކު ދުނިޔޭގައި ހުރިކަމެއް ނޭނގެ އެވެ.

އޭނާ ލައިސަންސް ހޯދަން ހަދާ އިމްތިހާނުގައި އެތައް ސަތޭކަ ފަހަރަކު ބައިވެރިވެފައި ވެއެވެ. އަދި 11،000 ވަރަކަށަ ޕައުންޑް ޚަރަދުކޮށްފައި ވެއެވެ. އެންމެ ފަހުން އޭނާ ފާސްވެ ލައިސަންސް ލިބޭ ގޮތްވީ އިމްތިހާނު ހަދާތާ 960 ވަނަ ފަހަރު އެވެ.

ޗާ ސާ-ސޫން، 69، އެންމެ ފުރަތަމަ ލިޔުމުން ދޭ އިމްތިހާނުގައި ބައިވެރިވީ އެޕްރީލް 2005 ގައެވެ. އެ ފަހަރު ފެއިލް ވުމުން ކޮންމެ ދުވަހަކު އިމްތިހާނު ހަދަން ފެށި އެވެ. އެގޮތުން ހަފުތާއަކު ފަސް ދުވަހު އޭނާ އިމްތިހާނު ހަދަމުން ގެންދިޔަ އެވެ.

ތިން އަހަރު ވަންދެން މިގޮތަށް ހިތްވަރުކޮށްފައި އިމްތިހާނު ހަދަމުން ގެންދިޔަ ނަމަވެސް އެމީހާ ފާސްވާ ގޮތެއް ނުވި އެވެ. އެންމެ ފަހުން ހަފުތާ އަކު ދެ ދުވަހު އިމްތިހާނު ހަދަމުން ގޮސް 960 ވަނަ ފަހަރު ހެދި ޓެސްޓުން ފާސްވީ އެވެ.

ޕްރެކްޓިކަލް ޓެސްޓްގައި ނަސީބަކުން އޭނާއަށް މިހާ ގިނަ ފަހަރު ބައިވެރިވާކަށް ނުޖެހުނެވެ. ޓެސްޓްގައި 10 ވަނަ އަށް ބައިވެރިވީ ފަހަރު އޭނާ ވަނީ ޕްރެކްޓިކަލް އިން ފާސް ވެފަ އެވެ.

މިހާ ގިނަ ފަހަރު އިމްތިހާނު ހަދަން ޖެހުމުން ވެސް އަންހެން މީހާގެ ހިތްވަރާއި އަޒުމަކަށް ބަދަލެއް ނައެވެ. ކޮންމެ ފަހަރަކު ފެއިލް ވާއިރަށް އަނެއްކާ ފައިސާ ދައްކައިގެން އަނެއް ބުރުގައި ބައިވެރިވަނީ އެވެ.

އަންހެންމީހާ އަކީ ތަރުކާރީ ވިއްކުމުގެ ވިޔަފާރިކުރާ މީހަކަށް ވާތީ އޭނާއަށް ޑްރައިވިން ލައިސަންސް ވަރަށް މުހިއްމެވެ. ހިތްވަރު އެލުވާ ނުލައި ލައިސަންސް ހޯދަން މަސައްކަތްކުރީ އެހެންވެ އެވެ.

ޗާ ސާ-ސޫން އަށް ލައިސަންސް ލިބުމުން އޭނާއަށް އެއްގަމު އުޅަނދު ދުއްވަން ދަސްކޮށްދިން އިންސްޓްރަކްޓަރަށް ވެސް ހަމަޖެހުމުގެ ނޭވާއެއް ލެވުނު ކަމަށް އޭނާ ބުންޏެވެ.

"އޭނާއަށް އެންމެ ފަހުން ޑްރައިވިން ލައިސަންސް ލިބުމުން އަހަރެމެން އެންމެން ވަރަށް އުފާކޮށް އޭނާއަށް މަރުހަބާ ކިޔައި މާބޮނޑި ހަދިޔާކުރިން،" އިންސްޓްރަކްޓަރު ބުންޏެވެ.

ޗާ ސާ-ސޫން ޑްރައިވިން އިމްތިހާނުން ފާސްވުމުން އޭނާއަށް ދަސްކޮށްދިން އިންސްޓްރަކްޓަރުންގެ ބުރަކަށިން ވެސް ބޮޑު ބުރައެއް ނެތިގެން ދިޔަ ކަމުގެ އިހްސާސް ކުރެވުނު ކަމަށް އިންސްޓްރަކްޓަރު ބުންޏެވެ.

ލައިސަންސް ހޯދާ އިމްތިހާނުގައި މާގިނައިން ބައިވެރިވެ ފޭލްވަމުން ދިއުމުގެ ސަބަބުން މުޅި ސައުތު ކޮރެއާގައި ވެސް ޗާ ސާ-ސޫން މަޝްހޫރުވެ ނެޝަނަލް ސެލެބްރިޓީ އެއްގެ ދަރަޖަ ލިބިފައި ވެއެވެ. އަދި ހިޔުންޑާއީ ފަދަ ކާރުގެ އިޝްތިހާރުތައް ވެސް އޭނާ ލައްވާ ކުޅުވާފައި ވެއެވެ. އަދި ޗާ ސާ-ސޫން ފާސްވުމުގެ އުފަލުގައި ސައުތު ކޮރެއާގެ ކާރު އުފައްދާ ކުންފުނި ހަޔުންޑާއީ އިން އޭނާއަށް 11،640 ޕައުންޑްގެ އަގުހުރި ކާރެއް ވެސް ހަދިޔާ ކޮށްފައިވެ އެވެ.

ލައިސަންސް ހޯދަން ޗާ ސާ-ސޫން 15 އަހަރުގެ ދިގު މުއްދަތެއްގައި ކުރި މި މަސައްކަތުގެ ޚަބަރު ސޯޝަލް މީޑީއާގައި ވައިރަލް ވުމުން ވަރަށް ގިނަ ބަޔަކު އޭނާގެ ހިތްވަރަށް ތައުރީފުކޮށް ކޮމެންޓު ކޮށްފައި ވެއެވެ.

ބައެއް މީހުން ބުނެފައިވާ ގޮތުގައި ފަސް ވަރަކަށް ފަހަރު އިމްތިހާނެއް ހަދަން ޖެހުނަސް އެމީހުން މާޔޫސްވެގެން ގޮސް ގޮތްހުސްވާ ކަމަށާއި ޗާ ސާ-ސޫން ފަދައިން 960 ފަހަރު އިމްތިހާނު ހަދަން ހިތަށް ވެސް ނާރާނެ ކަމަށެވެ. މާގިނައިން ފެއިލްވާން ފަށައިފިނަމަ ދެން އެކަމެއް އިތުރަށް ނުކޮށް ހުއްޓާލާނެ ކަމަށް ބައެއް މީހުން ބުނެ އެވެ.

މި އަންހެން މީހާގެ ވާހަކައަކީ އިބުރަތްތެރި ވާހަކައެއްގެ ގޮތުގައި ދުށުމަށްވެސް ބައެއް މީހުން މަޝްވަރާ ދީފައި ވެއެވެ. މިއީ ހިތްވަރާއި ނުގުޑާ އަޒުމް އަދި ކެތްތެރިކަމުގެ ލާމަސީލު ނަމޫނާ ވާހަކައެއް ކަމަށް ޗާ-ސާ-ސޫން އަށް ތައުރީފުކުރި ގިނަ ބަޔަކު އެއްބަސްވި އެވެ.