ކޮމިއުނިކޭޝަންސް އޮތޯރިޓީ އޮފް މޯލްޑިވްސް (ކޭމް)

ސިމް ނެގޭނެ ލިމިޓެއް ކަނޑައަޅަނީ

Mar 28, 2023

އެކަކުގެ ނަމުގައި މޯބައިލް ސިމް ކާޑު ނެގޭ މިންވަރު ކަނޑައެޅުމުގެ މަސައްކަތް މެއި މަހުގެ ތެރޭގައި ފަށާނެ ކަމަށް ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސް (ކޭމް) އިން ބުނެފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިޒަސް ކޮމެޓީގެ މިއަދުގެ ބައްދަލުވުމުގައި ކޭމްގެ ޗީފް އެގްޒެކެޓިވް އިލްޔާސް އަހުމަދު ވިދާޅުވީ ކޮންމެ މީހަކަށްވެސް ވަކި ވަރަކަށް މޯބައިލް ސިމް ކާޑު ލިބޭ އުސޫލެއް ހަމަޖެއްސުމަށް މަސައްކަތްކުރައްވާ ކަމަށެވެ.

އެކެއްގެ ނަމުގައި ގިނަ ސިމްތަކެއް ނަގާފައިވާނަމަ އެ މީހެއްގެ އައިޑެންޓިޓީ އާއި ސިމްތައް ވެރިފައިކުރާނެ ކަމަށްވެސް އިލްޔާސް ވިދާޅުވި އެވެ. ވެރިފައި ކުރުމަށް ގާތްގަނޑަކަށް ތިން މަސް ދުވަސް ހޭދަވާނެ ކަމަށް ބެލެވޭ ކަމަށް އިލްޔާސް ވިދާޅުވި އެވެ.

ސްކޭމް ފޯނު ކޯލުތައް އިތުރުވާ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ އެސްއޯއީ ކޮމިޓީން އަންނަނީ ދިރާސާ ކުރަމުންނެވެ.

ފުލުހުން އެސްއޯއީ ކޮމިޓީއަށް ފޮނުވި ރިޕޯޓުގައި އެކަކުގެ ނަން މަތީ 800 އަށް ވުރެ ގިނަ ސިމާއި ދެ ބިދޭސީއެއްގެ ނަން މަތީ 24،000 އަށް ވުރެ ގިނަ ސިމާއި 12 ބިދޭސީއެއްގެ ނަން މަތީ 38،000 ސިމެއް ނަގާފައިވާ މައްސަލައެއް ވަނީ ފާހަގަ ކޮށްފަ އެވެ.