ސިވިލް ކޯޓް

އެމްޑީއެން އުވާލީ ރަނގަޅަށް: ހުކުމް

Mar 28, 2023

މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އުވާލުމުގައި ގޯހެއް ހަދާފައި ނެތް ކަމަށް ސިވިލް ކޯޓުން ހުކުމްކޮށްފި އެވެ.

ދިވެހި ސަރުކާރުން އެމްޑީއެން އުވާލީ އެ ޖަމިއްޔާ އިން އދ. އަށް ހުށަހެޅި "ޕްރިލިމިނަރީ އެސެސްމަންޓް އޮފް ރެޑިކަލައިޒޭޝަން އިން މޯލްޑިވްސް" ރިޕޯޓްގައި އިސްލާމް ދީނަށާއި ކީރިތި ރަސޫލާއަށް ފުރައްސާރަކޮށްފައިވާ މައްސަލައިގަ އެވެ. ރިޕޯޓްގެ މައްސަލަ ފުލުހުން ތަހުގީގުކޮށް ހެދި އެސެސެމަންޓްގައި ޔޫތް މިނިސްޓްރީއަށް އަންގާފައިވަނީ އެމްޑީއެންގެ ރިޕޯޓުގައި ދީނަށާއި ރަސޫލާއަށް ފުރައްސާރަކޮށްފައިވާ ކަން ފާހަގަވެފައިވާ ކަމަށެވެ.

ފުލުހުންގެ ތަހުގީގަށް ބިނާކޮށް އެމްޑީއެން އުވާލުމަށް ޔޫތު މިނިސްޓްރީން ނިންމީ ނޮވެމްބަރު 5، 2019ގައެވެ. ނަމަވެސް އެމްޑީއެން އުވާލިކަން ސަރުކާރުން ރަސްމީކޮށް އިއުލާންކުރީ ޑިސެމްބަރު 19، 2019 ގައެވެ.

އެމްޑީއެން އުވާލުމަށް ނިންމުމާ ގުޅިގެން އެ މައްސަލަ ސިވިލް ކޯޓަށް ހުށަހެޅީ އެ ޖަމިއްޔާގެ އެއް ފައުންޑަރު ޝަހިންދާ އިސްމާއިލެވެ.

ސިިވިލް ކޯޓުން މިއަދު އިއްވި ހުކުމްގައި ބުނެފައިވަނީ އެމްޑީއެން އުވާލުމަށް ޖަމިއްޔާތަކާ ބެހޭ ރަޖިސްޓްރާ ނިންމާފައިވަނީ ޖަމިއްޔާތަކާ ބެހޭ ގާނޫނުގައި ބުނާ އިޖުރައާތު ފުރިހަމަކުރުމަށްފަހު ރަޖިސްޓްރާއަށް ލިބޭ ބާރުގެ ދަށުން ކަމަށެވެ.

ސިވިލް ކޯޓުގެ ހުކުމްގައިވެސް ވަނީ އެމްޑީއެންގެ ރިޕޯޓްގައި އިސްލާމްދީނާ ހިލާފް ވާހަކަތަކެއް ހުރިކަން ފާހަގަކޮށްފަ އެވެ.

އެމްޑީއެން އުވާލާފައިވީ ނަމަވެސް އެ ޖަމާއަތުގައި ތިބެ، އިސްލާމް ދީނަށް ފުރައްސާރަކޮށް ރިޕޯޓް ލިޔުނު މީހުންނަށް މިހާތަނަށް އެއްވެސް ފިޔަވަޅެއް އަޅާފައެއް ނުވެއެވެ. އަދި ސަރުކާރުގެ ނިންމުމަށް ގޮންޖަހާ އެ ޖަމިއްޔާއިން މިހާރުވެސް ގެންދަނީ ބަޔާންތައް ނެރެ ބަސް ބުނަމުންނެވެ.