ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރުގެ މަގާމަށް މ. ބަނަފްސާވިލާ, އިބްރާހީމް ވަހީދު (އިބްރޭ) މިއަދު އައްޔަންކުރައްވައިފި އެވެ.
އިބްރާހީމް ވަހީދު މަގާމަށް އައްޔަނުކުރައްވާ މަގާމުގެ ފަތްކޮޅު ދެއްވީ މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގަ އެވެ.
އެމްޑީޕީގެ ޗެއާޕާސަންގެ ނާއިބު އިދާރީ އިބްރާހީމް ވަހީދު ވަނީ 2009 އިން 2012 އަށް ސަރުކާރުގެ އިސްމަގާމުތަކެއް ފުރުއްވާފަ އެވެ.
މިގޮތުން މިނިސްޓާ އޮފް ސްޓޭޓް ފޮ ހެލްތް އެންޑް ފެމިލީގެ މަގާމާއި، ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ)ގެ ޗެއާމަންކަމުގެ މަގާމު ފުރުއްވި އެވެ. އޭގެ އިތުރުން ފެނަކަ ކޯޕަރޭޝަންގެ ޑެޕިއުޓީ މެނޭޖިން ޑައިރެކްޓަރުގެ މަގާމާއި، އެކުންފުނީގެ ބޯޑު މެމްބަރުކަމުގެ މަގާމުވެސް ފުރުއްވި އެވެ. މީގެ އިތުރުން 2007 އިން 2018އަށް މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖްގެ ކޮމްޕެނީ ސެކްރެޓަރީގެ މަގާމުވެސް ފުރުއްވި އެވެ.
ރައީސް އޮފީހުގެ މިނިސްޓަރު ކަމަށް އިބްރޭ އައްޔަނުކުރައްވާފައިވާއިރު ރައީސް އޮފީހުގެ މިނިސްޓަރެއްގެ ގޮތުގައި ހުންނެވި އެމްޑީޕީގެ ނައިބް ރައީސް މުހައްމަދު ޝިފާޒު، ވަނީ މަގާމުން ވަކި ކުރައްވާފަ އެވެ.