ކަންޒުކަހނބާއި މުސަޅުގެ ވާހަކައަކީ ކުރީ ޒަމާނުއްސުރެ ދިވެހިންގެ ތެރޭގައި ވަރަށް މަޝްހޫރު ވާހަކަ އެކެވެ.
މިފަދަ ހަގީގީ ހާދިސާއެއް ދާދިފަހުން އިންޑިއާގެ ރަށެއްގައި ހިނގާފައި ވެއެވެ. ހިޔާލީ ވާހަކައިގައި މުސަޅު ނިދާފައި އޮއްވާ ކަންޒުކަހަނބު މަޑުމަޑުން ގޮސް ރޭސް ނިންމަ އެވެ. އަސްލު ވެސް މިކަންވީ ހަމަ މިކަހަލަ ގޮތަކަށެވެ.
މަދްޔަ ޕްރަދޭޝްގެ ކަންޑްވާ ކިޔާ ރަށެއްގައި ފޮރެސްޓް ރޭންޖަރުންގެ ވަޒީފާއަށް މީހުން ހޮވުމަށްޓަކައި ފިޒިކަލް ޓެސްޓެއް ބޭއްވި އެވެ. މި ޓެސްޓްގައި އިމްތިހާނު ހަދާ އެންމެން 24 ކިލޯމީޓަރަށް ރޭސް ޖަހަން ޖެހެ އެވެ.
ވަޒީފާއަށް އެދި ފޯމް ހުށަހެޅި 114 މީހުންގެ ތެރެއިން މި ރޭހުގައި ބައިވެރިވީ 61 މީހުންނެވެ. އެއީ ނުވަ އަންހެނުންނާއި 52 ފިރިހެނުންނެވެ.
މި ވަޒީފާއަށް ނަގަން ހަމަޖެހިފައިވަނީ 38 މީހުން ކަމަށް ވާތީ މި ރޭސް އެންމެ ކުރިން ނިންމާ ތަރުތީބުން މީހުންނަށް ޕޮއިންޓް ލިބެ އެވެ.
ގުވާލިއާގެ ދަބްރާގައި ދިރިއުޅޭ ޕަހާދް ސިންގް އަކީ ވެސް މި ވަޒީފާއަށް ކުރިމަތިލައި ރޭހުގައި ދުވި މީހެކެވެ. އޭނާއަކީ ހަށިގަނޑު ފިޓްކޮށް ހުރި މީހަކަށް ވާތީ ރޭސް ފެށިތާ އިރުކޮޅެއް ނުވަނީސް އޭނާ އެހެން މީހުންނަށް ވުރެ މާ ކުރިއަށް އެރި އެވެ. އަދި ރޭސް ކާމިޔާބު ކުރެވޭނެކަން ޔަގީން ވިއެވެ. އެހެންވެ އެހެން މީހުން އޭނާއާ އަރާ ހަމަވަންދެން އަރާމުކޮށްލަން ޕަހާދް ގަސްތުކުރި އެވެ. އަދި ބިންމަތީގައި ޖައްސާލިތަނާ ނިދުނީ އެވެ.
އޭނާއަށް ހޭލެވުނުއިރު ރޭހުގައި ބައިވެރިވި އެންމެން ރޭސް ނިންމައިފި އެވެ. އަދި އޭނާ އަށް ރޭސް ވަނީ ގެއްލިފަ އެވެ.
އެންމެން ރޭސް ނިންމިތާ އެތައް އިރެއް ވީއިރުވެސް ޕަހާދްގެ ޚަބަރެއް ނުވެގެން ޓީމުގެ މެމްބަރުން އޭނާ ހޯދަމުން ދިޔައިރު ފެނުނީ އެންމެ ފަހު ޗެކްޕޮއިންޓާ ކައިރީގައި ނިދާފައި އޮއްވަ އެވެ. އޭރު ހެނދުނު 10.30 ވެއްޖެ އެވެ.
ޕަހާދް އާއެކު ރޭސް ޖެހި 60 މީހުން ރޭސް ނިންމިއިރު ޕަހާދް އަށް ރޭސް ނުނިންމުނީ އޭނާ އަމިއްލަ ނަފްސަށް ބޮޑާވެ ގަތުމުންނެވެ. އަދި އެހެން މީހުންނަށް ވުރެ މާކުރިން އޭނާއަށް ރޭސް ނިންމޭނެކަމުގެ ޔަގީންކަން އޮތްލެއް ބޮޑުކަމުންނެވެ.
ޕަހާދް ބުނި ކަމަށް އިންޑިޔާގެ ނޫސްތަކުގައި ލިޔެފައިވާ ގޮތުގައި އޭނާ ރޭސް ނުނިންމާ ކުޑަކޮށް އަރާމުކޮށްލަން މަޑުކޮށްލީ ފައިގައި ފޮޅުތައް ލައިގެން އެތަންތަނަށް ތަދުވާ ވަރުންނެވެ. އަދި އިށީނދެލިތަނާ އޭނާއަށް ނިދުނީކަމަށް ޕަހާދް ބުނެފައި ވެއެވެ.