އެކްސިޑެންޓް

ފަރެސްމާތޮޑާގައި ލޯޑަރެއް ދަށުވެ ކުޑަކުއްޖަކު ޒަހަމްވެއްޖެ

  • އިތުރު ފަރުވާއަށް ކުއްޖާ ތިނަދޫއަށް
  • ކުއްޖާގެ ހާލު ވަރަށް ސީރިއަސް
  • ކުޑަކުއްޖާއަށް ވަނީ ބޮޑެތި ޒަހަމްތައް ލިބިފައި

ގދ. ފަރެސްމާތޮޑާގައި ލޯޑަރެއް ދަށުވެ ކުޑަކުއްޖަކަށް ސީރިއަސް އަނިޔާތަކެއް ލިބިއްޖެ އެވެ. މިއަދު މި ހާދިސާ ހިނގާފައި ވަނީ މެންދުރު 12:15 އެހާކަންހާއިރު އެރަށުގައި ބޭނުން ކުރާ ހޯގާޑް ކުންފުނީގެ ލޯޑަރެއްގައި ޖެހި ކުއްޖާ އޭގެ ދަށުގައި ވެގެނެވެ.

ނުރައްކާތެރި މި ހާދިސާ އުމުރުން 10 އަހަރު ކުޑަކުއްޖާ އަށް ސީރިއަށް ޒަހަމްތަކެއް ލިބިފައިވާ ކަމަށް ވެއެވެ.

ފަރެސްމާތޮޑާ ކައުންސިލްގެ ރައީސް އަބްދުﷲ ސައީދު ދާދިދެންމެއަކު ވިދާޅުވީ، އެކްސިޑެންޓްގައި ޒަހަމްވިކުއްޖާގެ ހާލު ދެރަ ކަމަށާއި އެ ހާދިސާ ހިނގީ ހޯގާޑުގެ ލޯޑަރަށް އެއްޗެއްހި އަރުވައިގެން ދަތުރުކޮށް އަންލޯޑް ކުރުމަށްފަހު ނައްޓާލަން އުޅެނިކޮށް ކަމަށެވެ. މަންޒަރު ދުށް ބައެއް ފަރާތްތަކާ ހަވާލާދީ ސައީދު ވިދާޅުވީ ލޯޑަރު ދުއްވާލިއިރު އެކުއްޖާ އޮތީ އޭގެ ދަތްގަނޑު ތެރެއަށް އެރި ކަމަށެވެ. އަދި ހާދިސާ ހިނގި އިރު ލޯޑަރު ދުއްވަން އިން މީހާއަށް ކުއްޖާ ނުފެންނަ ކަމަށެވެ.

"އެއީ އާންމުކޮށް މިހެން އުޅޭއިރު ވަރަށް ސިޔާސަކޮށް އުޅޭ ކުއްޖެއް. ކުއްޖާ ވެއްޓި ލޯޑަރު ދަށުވީ ދަތްގަނޑު ތިރިކޮށް ލޯޑަރު ދުއްވާލި ވަގުތު،" ކައުންސިލަރު ވިދާޅުވި އެވެ.

ލޯޑަރު ދަށުވެގެން ޒަހަމްވި ކުއްޖާ އަކީ އެރަށު ސްކޫލުގައި އޮންނަ ނުކުޅެދުންތެރިކަން ހުންނަ ކްލާހެއްގައި ކިޔަވާ ކުއްޖެކެވެ. ނަމަވެސް އެ ކުއްޖާ އަކީ އެފަދަ އުނިކަމެއް ހުރި ކުއްޖެއް ނޫން ކަމަށާއި، ނަމަވެސް ކުއްޖާ ސެން ކްލާހަށް ބައިވެރިކުރުވަން ނިންމީ ސްކޫލުން ކަމަށް ކައުންސިލާ ވިދާޅުވި އެވެ.

ފަރެސްމާތޮޑާ ސިއްހީމަރުކަޒުގެ އޮފިޝަލަކު ވިދާޅުވީ ލޯޑަރު ދަށުވެ ޒަހަމްތައް ލިބުނު ކުޑަކުއްޖާ އޮތީ ވަރަށް ސީރިއަސް ހާލަތުގައި ކަމަށެވެ. ކުއްޖާ ފުރަތަމަ ހޮސްޕިޓަލަށް ގެންދިޔައިރު އޮތީ "ހުއްޓިފައި" ކަމަށާއި އެކަމަކު އިތުރަށް ޓެސްޓު ކުރުމަށްފަހު ކުއްޖާގެ ވިންދު ހުރި ކަމަށް ޑޮކްޓަރުން ބުނި ކަމަށެވެ. އަދި ވިދާޅުވީ އިތުރު ފަރުވާ މިހާރު އެކުއްޖާ ގދ. ތިނަދޫއަށް ފުރުވާލާފައިވާ ކަމަށާއި އޭނާއާއެކު ޑޮކްޓަރަކާއި ނަރުހަކު ވެސް ފޮނުވި ކަމަށެވެ.

މަންޒަރު ދުށް ބައެއް މީހުނާ ހަވާލާދީ އެރަށުގެ ކައުންސިލް އިދާރާގެ އެހެން އޮފިޝަލަކު ވިދާޅުވީ ކުޑަ ފިރިހެން ކުއްޖާގެ ބޮލަށް ބޮޑެތި ޒަހަމްތައް ލިބުނު އިރު ދެ ލޮލަށާއި މޫނަށް ވެސް ވެސް ގެއްލުންތައް ލިބިފައިވާ ކަމަށެވެ.

ފުލުހުން ބުނީ ޒަހަމްވި ކުޑަ ކުއްޖާއަށް ފަރުވާ ދެމުން އަންނަ އިރު އެކަން ހިނގައި ދިޔަ ގޮތް ބަލަމުން އަންނަ ކަމަށެވެ.