އެމްޑީޕީ

އަމްޖަދު ޕާޓީން ވަކިކުރީ ދައުވާކުރި ފަހުން: ވަކީލު

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ އަލުން ބޭއްވުމަށް އަމުރުކޮށްދިނުމަށް އެދި ސިވިލް ކޯޓަށް މައްސަލަ ހުށަހެޅި އަލީ އަމްޖަދު އެމްޑީޕީން ވަކިކުރީ ކޯޓަށް މައްސަލަ ހުށަހެޅި ފަހުން ކަމަށާއި އެހެންކަމުން މައްސަލަ ކުރިއަށް ގެންދެވޭނެ ކަމަށް އޭނާގެ ވަކީލު ފާތިމަތު ދިޔާނާ ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.

މައްސަލައިގައި ސިވިލް ކޯޓުގައި އޮތް ޝަރީއަތުގައި އެމްޑީޕީން ވަނީ އަލީ އަމްޖަދަކީ އެ ޕާޓީގެ މެންބަރެއް ނޫން ކަމަށް ބުނެފަ އެވެ. އެހެންކަމުން އެ މައްސަލަ ނުބެލޭނެ ކަމަށް އެމްޑީޕީން ވަނީ ބުނެފަ އެވެ.

ސިވިލް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި ދިޔާނާ ވިދާޅުވީ އެމްޑީޕީގެ ދަފްތަރުން އަލީ އަމްޖަދު އުނިކުރީ އެމްޑީޕީގެ ޕްރައިމަރީ އަލުން ބޭއްވުމުގެ އަމުރުކޮށްދިނުމަށް އެދި ކޯޓަށް މައްސަލަ ހުށަހެޅިތާ ހަތް ދުވަސް ފަހުން ކަމަށެވެ. އަލީ އަމްޖަދު ޕާޓީގެ ދަފްތަރުން އުނިކުރީ ފެބްރުއަރީ 22 ވަނަ ދުވަހު އެވެ.

މައްސަލަ ބައްލަވާ ގާޒީ އައިޝަތު އަޒުފާ އަބްދުލްޣަފޫރު މިއަދު ވިދާޅުވީ ނުކުތާތައް ދިރާސާކޮށް ގޮތެއް ނިންމަވާނެ ކަމަށެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހާއި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވާދަކުރައްވައިގެން ބޮޑު ތަފާތަކުން އިންތިހާބު ކާމިޔާބު ކާމިޔާބު ކުރެއްވީ ރައީސް ސޯލިހެވެ. ޕްރައިމަރީގައި ރައީސް ސޯލިހަށް 61 ޕަސަންޓް -- 24،572 ވޯޓު ލިބިވަޑައިގެންނެވި އެވެ. ރައީސް މުހައްމަދު ނަޝީދަށް ލިބިވަޑައިގަތީ 15،631 ވޯޓު -- 39 ޕަސަންޓެވެ.

އަލީ އަމްޖަދު ހުށަހެޅި މައްސަލައިގައި ބުނެފައިވަނީ އެމްޑީޕީން 39،000 މެމްބަރުން ވަކިކުރިއިރު، ވަކި ކުރުމުގައި މެމްބަރުންނާ މެދު ފިޔަވަޅު އެޅީ އެކަމުގައި އަމަލު ކުރަންޖެހޭ އިޖުރާއަތުތަކާ ހިލާފަށް ކަމަށެވެ.

މީގެ އިތުރުން މެންބަރުންނަށް ވޯޓު ދިނުމުގެ ހައްގު ގެއްލޭގޮތަށް ބޭއްވި އިންތިހާބެއް ސައްހަ ނުވާނެ ކަމަށާއި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ އަލުން ބޭއްވުމަށް އެ ޕާޓީގެ މައްޗަށް އަމަރުކުރުމަށް މައްސަލައިގައި ވަނީ އެދިފަ އެވެ.