ރައީސް އަބްދުﷲ ޔާމީން

ޔާމީން ހުށަހެޅީ އިސްތިއުނާފް ކުރެވޭނެ މައްސަލައެއް ނޫން: ދައުލަތް

Mar 30, 2023

ރ. ފުއްގިރި މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްތިއުނާފްކޮށްފައިވަނީ އިސްތިއުނާފް ކުރެެވޭނެ ހުށަހެޅުންތަކެއް ނޫން ކަމަށް ދައުލަތުން ހައިކޯޓުގައި ބުނެފި އެވެ.

ފުއްގިރީގެ މައްސަލާގައި ރައީސް ޔާމީން ހައިކޯޓުގައި އިސްތިއުނާފްކޮށްފައިވަނީ ކްރިމިނަލް ކޯޓުގައި އޮތް ފުއްގިރީގެ މައްސަލައިގެ ޝަރީއަތް ފެށުމުގެ ކުރިން ހުށަހަޅުއްވަންޖެހޭ ހުށަހެޅުއްވުންތަކެއް ކްރިމިނަލް ކޯޓުން ބަލައިނުގަތުމަށް ނިންމި މައްސަލަ އެވެ. ބަލައިނުގަތުމަށް ނިންމި ހުށަހެޅުންތަކުގެ ތެރޭގައި ދައުލަތް މެދުވެރިކޮށް ހެކީގެ ގޮތުގައި ހޯދަން ހުށަހެޅި ހުށަހެޅުންތަކެއްވެސް ވެއެވެ.

މިމައްސަލައިގައި މިއަދު ހައިކޯޓުގައި އޮތް އަޑުއެހުމުގައި ދައުލަތުން ބުނީ ޔާމީން އިސްތިއުނާފް ކޮށްފައިވަނީ އިސްތިއުނާފް ކުރެވޭނެ މައްސަލައެއް ނޫން ކަމަށެވެ. ދައުލަތުން ބުނި ގޮތުގައި ކްރިމިނަލް ކޯޓުން ބަލައިނުގަތުމަށް ނިންމި ހުށަހެޅުންތަކަކީ ފަނޑިޔާރަށް ލިބިގެންވާ ބާރުގެ ދަށުން ނިންމި ނިންމުމެއް ކަމަށެވެ.

ދައުލަތުން ބުނީ ރައީސް ޔާމީން ހުށަހަޅަން ބޭނުންވާ ހުށަހެޅުންތައް ދަށު ކޯޓު މަރުހަލާގައި ބަލައިނުގަތަސް ހެކިތަކާ ގުޅޭގޮތުން ވާހަކަދައްކާއިރު ހުށަހެޅުންތަކުގެ ވާހަކަވެސް ޝަރުއީ ފަހުގެ މަރުހަލާއެއްގެ ދެއްކޭނެ ކަމަށް ސުޕްރީމް ކޯޓުގެ ހުކުމަކުން އެނގޭ ކަމަށެވެ.

ދައުލަތް މެދުވެރިކޮށް ހެކިތަކެއް ހޯދަން ޔާމީން އެދިފައިވާތީ އެކަމާ ގުޅޭތުން ދައުލަތުން ބުނީ ޔާމީން ހޯދަން އެދޭ ލިޔުންތައް ބޭނުންވާ ސަބަބު ބުނެދީފައި ނެތް ކަމަށެވެ. ޔާމީން ހޯދަން އެދިފައިވަނީ ސީދާ މައްސަލައާއި ގުޅޭ ލިޔުންތަކެއް ނޫން ކަމަށް ދޭހަވާ ގޮތަށްވެސް ދައުލަތުން ވަނީ ވާހަކަަދައްކާފަ އެެވެ.

ދައުލަތުން މިއަދު އެދުނީ ޔާމީންގެ ހުށަހެޅުންތައް ބަލައިނުގަތުމަށް ދަށު ކޯޓުން ނިންމި ނިންމުމަށް ބަދަލު ގެންނަންޖެހޭ ކަމެއް ނެތް ކަމަށް ކަނޑައަޅައިދިނުމަށެވެ. އަދި އިސްތިއުނާފް ކޮށްފައިވަނީ އިސްތިއުނާފީ މިންގަނޑަށް ވާސިލްނުވެވޭ މައްސަލައެއް ކަމަށް ކަނޑައަޅައިދިނުމަށެވެ.

ދައުލަތުގެ ވަކީލަށް ރައްދު ދެއްވަމުން ޔާމީންގެ ވަކީލް ވިދާޅުވީ ދައުލަތް މެދުވެރިކޮށް ހެކިތަކެއް ހޯދަން ހުށަހެޅީ މައްސަލައާއި ގުޅުމެއް ނެތް ލިޔުންތަކެއް ހުށަހަޅައިގެން މައްސަލަ ސާބިތުކުރަން ދައުލަތުން މަސައްކަތް ކުރާތީ ކަމަށެވެ. ދައުލަތުން ދިފާއުގައި މިއަދު ދެއްކި ވާހަކަތަކުގައި ބުރަދަނެއް ނެތް ކަމަށް ދޭހަވާ ގޮތަށްވެސް ޔާމީންގެ ވަކީލުން ވާހަކަ ދެއްކެވި އެެވެ.

ޔާމީންގެ ވަކީލުން އިތުރަށް ވިދާޅުވީ ދައުލަތް މެދުވެރިކޮށް ހެކި ތަކެއް ހޯދަން ހުށަހެޅި ބޭނުމާއި ސަބަބު ބުނެދީފައިވާނެ ކަމަށާއި ބޭނުންވާ ލިޔުންތައް ހިފަހައްޓައިގެން ދައުލަތަށް ނުތިބެވޭނެ ކަމަށެވެ.

ހައިކޯޓުގެ ތިން ފަނޑިޔާރުން ކަމަށްވާ ފަނޑިޔާރު މުހައްމަދު ފައިސަލާއި ފަނޑިޔާރު ހަސަން ޝަފީއު އާއި ފަނޑިޔާރު ދީބާނާޒް ފަހުމީ ހިމެނޭ ބެންޗުން ބަލަމުންދާ މިމައްސަލައިގައި އިތުރު ކަމެއް އޮޅުންފިލުވަން ނެތް ނަމަ ދެން އޮންނާނީ ހުކުމް ކުރުމުގެ މަޖިލީހެވެ.

ފުއްގިރީގެ މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދެ ދައުވާ އަކީ ވެސް ފުއްގިރި ކުއްޔަށް ދޫކުރުމުގައި މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ރިޝްވަތު ނަގައި އަދި އެ ފައިސާ ބޭނުން ކޮށްގެން މަނީ ލޯންޑާ ކުރުމުގެ އަމަލު ހިންގަވާފައި ކަމަށް ބުނެ ކުރި ދެ ދައުވާ އެވެ. މިގޮތުން ރިޝްވަތުގެ ގޮތުގައި 1.1 މިލިއަން އެމެރިކާ ޑޮލަރު ޔާމީން ނަންގަވާފައިވާ ކަމަށް ތުހުމަތު ކޮށްފައިވެ އެވެ.

ރައީސް ޔާމީން މިވަގުތުވެސް ގެންދަވަނީ 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރަމުންނެވެ. އެއީ ވ. އާރަށް ކުއްޔަށް ދޫކޮށްގެން ރިޝްވަތުގެ ގޮތުގައި ފައިސާ ނަންގަވައި އެ ފައިސާ ބޭނުންކޮށްގެން މަނީ ލޯންޑާ ކުރެއްވި ކަމުގެ ކުށް ސާބިތުވެގެންނެވެ. މިމައްސަލަ ވެސް މިހާރު ވަނީ ހައިކޯޓުގައި އިސްތިއުނާފްކޮށްފަ އެވެ.

ރައީސް ޔާމީނަށް އިއްވާފައިވާ ޖަލު ހުކުމް މަތީ ކޯޓަކުން ބާތިލް ނުކުރާނަމަ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެމަނިކުފާނަށް ވާދައެއް ނުކުރެއްވޭނެ އެވެ.