ޖުމްހޫރީ ޕާޓީ

އާޒިމް އާއި ޝާހް، ގާސިމާ ދުރަށް

Mar 30, 2023
2

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ އެޑްވައިޒަރުގެ މަގާމުގައި ހުންނެވި އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް އެ މަގާމުން އިސްތިއުފާ ދެއްވައި އެމްޑަބްލިއެސްސީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހް ޖުމްހޫރީ ޕާޓީން ވަކިވެވަޑައިގެންފި އެވެ.

އާޒިމް އާއި ޝާހް ސަރުކާރު ހިއްސާވާ ދެ ކުންފުނީގެ އެންމެ އިސް ބޭފުޅުންގެ ގޮތުގައި ތިއްބެވީ ޖޭޕީގެ ސްލޮޓްތަކުގަ އެވެ.

އާޒިމް މިއަދު ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމަށް ފޮނުއްވި ސިޓީގައި ވިދާޅުވީ އޭނާ އެޑްވައިޒަރު ކަމުން އިސްތިއުފާ ދެއްވަން ނިންމެވީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ރައީސް އިބްރަހީމް މުހައްމަދު ސޯލިހަށް އޭނާ ތާއީދުކުރައްވަތީ ކަމަށެވެ.

އާޒިމް ވިދާޅުވީ ރިޔާސީ ދެވަނަ ދައުރަކަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އިންތިހާބު ކުރުމަކީ މިވަގުތު ރާއްޖެއަށާއި އެންމެހާ ރައްޔިތުންގެ މުސްތަގުބަލަށް އެންމެ ފައިދާ ކުރަނިވި ގޮތް ކަމަށެވެ. އަދި ގައުމުގައި ހަމަޖެހުން ދެމެހެއްޓުވޭނެ ވެރިޔަކީ ރައީސް ސޯލިހް ކަމަށް ގަބޫލުކުރައްވާ ކަމުގައިވެސް ވިދާޅުވި އެވެ.

"2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ޖުމްހޫރީ ޕާޓީން ރިޔާސީ ކެންޑިޑޭޓަކު ނެރެ، ޖުމްހޫރީ ޕާޓީން އިސްވެ އޮވެ ކޯލިޝަން ހެދުމަށް ޖުމްހޫރީ ޕާޓީގެ ކައުންސިލުން ނިންމުމާ ގުޅިގެން، މަނިކުފާނުގެ އެޑްވައިޒަރުގެ މަގާމުގައި މިވަގުތު ހުރުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް އަޅުގަނޑު ގަބޫލުނުކުރާތީވެ، އެ މަގާމުން މިއަދުން ފެށިގެން އަޅުގަނޑު އިސްތިއުފާ ދީފީމެވެ،" އާޒިމްގެ ސިޓީގައިވެ އެވެ.

ގާސިމްގެ އެޑްވައިޒަރުގެ މަގާމުން އާޒިމް އިސްތިއުފާ ދެއްވި ނަމަވެސް ޖުމްހޫރީ ޕާޓީން އޭނާ އަދި ވަކިވެވަޑައިގެންފައެއް ނުވެ އެވެ.

ޝާހް މިއަދު ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމަށް ފޮނުއްވި ސިޓީގައި ރައީސް ސޯލިހްގެ ރިޔާސީ ދައުރުގައި ދައްކަވައި ދެއްވާފައިވަނީ ގައުމުގެ ހަމަޖެހުމާއި އަސާސީ ހިދުމަތް ފޯރުކޮށްދިނުމާއި ތަރައްގީ އެވެ.

"ވީމާ ރިޔާސީ އިންތިހާބުގައި އެމަނިކުފާނަށް އަޅުގަނޑު ތާއީދުކުރާތީ ތިޔަ ޕާޓީގެ ކައުންސިލް މެންބަރުކަމުން އަޅުގަނޑު އިސްތިއުފާ ދީފީ މެވެ. އަދި ޖޭޕީގެ ދަފްތަރުން އަޅުގަނޑުގެ ނަން އުނިކޮށްދެއްވުން އެދި އިހްތިރާމާ އެކު ދެންނެވީމެވެ." ޖުމްހޫރީ ޕާޓީގެ ސެކްރެޓަރީ ޖެނަރަލްގެ މަގާމުވެސް ފުރުއްވާފައިވާ ޝާހްގެ ސިޓީގައިވެ އެވެ.

ޖުމްހޫރީ ޕާޓީން ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ނިންމުމާ ގުޅިގެން ރައީސް އޮފީހުގެ މިނިސްޓަރުގެ މަގާމުގައި ހުންނެވި އަހްމަދު ސަމީރާއި އާޓްސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރެއްގެ ގޮތުގައި ހުންނެވި ވަލީދާ ވަލީދު ވެސް ވަނީ ޖޭޕީން ވަކިވެވަޑައިގެންފަ އެވެ.