އާދަމް އާޒިމް

ބޮޑުތަފާތަކުން މާލެ ދާއިރާގެ ރައީސްކަން އާޒިމަށް

އެމްޑީޕީގެ ގައުމީ މަޖިލީހުގައި މެންބަރުން ނެތް ދާއިރާތަކަށް މެންބަރުން ހޮވުމަށް އިއްޔެ ބޭއްވި އިންތިހާބުގައި މާލޭ ދާއިރާގެ ރައީސްކަން މާލޭގެ މޭޔަރު އާދަމް އާޒިމް ކާމިޔާބު ކުރައްވައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މާފަންނު ހުޅަނގު ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ފަލާހު އާއި ވާދަކޮށް އާޒިމް އިންތިހާބު ކާމިޔާބުކުރެއްވީ 1،079 ވޯޓުންނެވެ. ފަލާހުއަށް ލިބިފައިވަނީ 470 ވޯޓެވެ.

މާލެ ދާއިރާ ހިމެނޭހެން ޖުމްލަ 20 ދާއިރާއެއްގެ ބައި އިލެކްޝަން އިއްޔެ ބާއްވާފައިވެ އެވެ. މީގެތެރެއިން ގަލޮޅު އުތުރު ދާއިރާގެ ރައީސް ކަން ކުރީގެ ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ ވަނީ ކާމިޔާބު ކުރައްވާފަ އެވެ.

މާލޭ ދާއިރާގެ ރައީސްގެ މަގާމު ހުސްވީ ކުރިން އެ މަގާމުގައި ހުންނެވި މާލޭގެ ކުރީގެ މޭޔަރު ޝިފާ މުހައްމަދު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި އާޒިމް އެމްޓީސީސީ ހިންގުމާއި ހަވާލުވެ ހުންނެވީ ޖުމްހޫރީޕާޓީގެ ސްލޮޓެއް ގައެވެ.

މިދިޔަ ރިޔާސީ އިންތިހާބުގައި އާޒިމް ވަނީ ޖުމްހޫރީ ޕާޓީން ވަކިވެވަޑައިގެން އެމްޑީޕީއާ ގުޅިވަޑައިގެންފަ އެވެ.

އެމްޑީޕީއާ ގުޅިވަޑައި ގަތުމަށްފަހު މާލެސިޓީގެ މޭޔަރު ކަމަށް އެމްޑީޕީގެ ޓިކެޓްގައި ވާދަކުރައްވާ އެ އިންތިހާބުވެސް އާޒިމް ކާމިޔާބު ކުރެއްވި އެވެ.