ލައިފްސްޓައިލް

ދެ އަތް ކާމިޔާބުކަމާއެކު ޓްރާންސްޕްލާންޓްކޮށް އިންޑިއާ ތާރީޚުގެ ތެރެއަށް

އިންޑިޔާގެ ރާޖަސްތާނުގެ އަޖްމީރުގެ މީހެއްގެ ދެ އަތް ޓްރާންސްޕްލާންޓް ކޮށްފި އެވެ.

މުމްބައިގެ ގްލޯބަލް ހޮސްޕިޓަލުގެ ޓްރާންސްޕްލާންޓް ކުރުމަށް ޚާއްސަ ޑޮކްޓަރުން 16 ގަޑިއިރު ވަންދެން ކުރި ބުރަ މަސައްކަތުން އަލުން ދެ އަތް ޖަހައިދީފައިވަނީ އުމުރުން 33 އަހަރުގެ ޕްރޭމާ ރާމް ގެއެވެ. މިއީ އިންޑިއާ އަށް ވެސް ސިއްހީ ޚިދުމަތް ދިނުމުގެ ރޮނގުން ކުރިއަށް އެޅުނު ވަރަށް ބޮޑު ފިޔަވަޅެކެވެ.

ރާމް އުފަންވީއިރު ދެ އަތް ބަރާބަރެވެ. މީގެ 15 ވަރަކަށް އަހަރު ކުރިން އޭނާ ދަނޑެއްގައި މަސައްކަތް ކުރަނިކޮށް ކަރަންޓް ދީފައި ހުރި ދަގަނޑު ދަނޑިއެއްގައި ދެ އަތުން ހިފި އަތަށް ކަރަންޓް އައިސް ދެ އަތް ވަރަށް ބޮޑަށް ފިހުނީ އެވެ. އަދި އެ ވަގުތަށް އޭނާގެ ފުރާނަ ސަލާމަތް ކުރެވޭނެ އެހެން އެއްވެސް ގޮތެއް ޑޮކްޓަރުންނަށް ނުފެނިގެން އޭނާގެ ދެ އަތް ކޮނޑުހުޅުން ބުރިކޮށްލީ އެވެ.

ދެ އަތް ބުރިކޮށްލުމުގެ ސަބަބުން ރާމްގެ މުޅި ދިރިއުޅުން އެކޮޅުކޮޅުން ޖެހުނެވެ. ކިތަންމެ ކުޑަ ކަމެއް ވިޔަސް އެހެން މީހެއްގެ އެހީއާ ނުލާ ނުކުރެވި އޭނާ މުޅިން ބޭކާރު މީހެއްގެ އިހްސާސް ކުރެވެން ފެށި އެވެ. ރާމްގެ އާއިލާއިން އޭނާގެ މަސްނޫއީ ދެ އަތް ޖަހައިދިނަސް އެ ދެ އަތް އެއްގޮތަކަށް ވެސް މަސައްކަތެއް ނުކުރި އެވެ.

އޭގެ ފަހުން ފާއިތުވީ 15 އަހަރު ތެރޭގައި ރާމް ވަނީ ލިޔުން ފަދަ މަސައްކަތްތައް ފައިގެ އިނގިލިތަކުން ގަލަން ހިފަހައްޓައިގެން ކުރަން ދަސްކޮށްފަ އެވެ.

"ކުއްލިއަކަށް ދެ އަތް ނެތި ދިއުމުން އަހަރެންގެ ހިތް ހަލާކުވި. އަދި ޑިޕްރެޝަންގެ މައްސަލަތައް ކުރިމަތިވި. ދެ އަތް ބުރިކޮށްލިތާ ކުރީކޮޅު އަހަރެންނަށް އެއް ކަމެއް ވެސް އަމިއްލައަށް ނުކުރެވޭ. ކިތަންމެ ކުޑަ ކަމެއް ކުރަން ވެސް އަހަރެން ޖެހެނީ ބޭބެއެއްގެ ނުވަތަ އާއިލާގެ މެމްބަރެއްގެ އެހީ ހޯދަން،" ރާމް ބުންޏެވެ.

ކުއްލިއަކަށް ކުރިމަތިވި މި ނުކުޅެދުންތެރިކަމަށް ބޯލަނބައިގެން ހުންނާކަށް ރާމް ބޭނުމެއް ނުވި އެވެ. ކޮންމެވެސް ގޮތަކުން އަމިއްލައަށް ހުރިހާ ކަމެއް ކޮށްގެން ދިރިއުޅެވޭނެ ގޮތްތަކެއް ހޯދަން އޭނާ މަސައްކަތް ފެށި އެވެ. އަދި ކަންކަން އަމިއްލަ ސިކުނޑިން އީޖާދުކޮށްގެން އެހެން މީހެއްގެ އެހީއަކާ ނުލާ ދިރިއުޅެވޭނެ ގޮތްތަކެއް އޭނާ ހޯދި އެވެ. އެގޮތުން ފައިން އެއްޗެތީގައި ހިފަހައްޓައިގެން ކަންކަން ކުރަން އޭނާ ޕްރެކްޓިސް ކުރަމުން ގެންދިޔަ އެވެ.

"އަހަރެން ދިރިހުރުމަށް ލޯބިކުރަން. އެހެންވެ މީހެއްގެ އެހީއާ ނުލައި އެންމެ ފުރިހަމަ ގޮތުގައި ދިރިހުރެވޭނެ ގޮތްތަކެއް ހޯދަން ބޭނުންވި،" ދާދިފަހުން ބެޗްލާޒް ޑިގްރީއެއް ހާސިލުކުރި ރާމް ބުންޏެވެ.

ރާމްގެ ދެ އަތް ޓްރާންސްޕްލާންޓް ކޮށްދިނުމުގެ މަސައްކަތްކުރަން ޑޮކްޓަރުންނަށް ހިތްވަރު ލިބުނީ ވެސް އޭނާގެ ނުގުޑާ އަޒުމުގެ ސަބަބުންނެވެ. އަދި އޭނާއަށް މި ޓްރާންސްޕްލާންޓް ކޮށްދިނުމަށް އާއިލާއިން ބޭނުންވެފައިވާ މިންވަރުންނެވެ. އެހެންވެ ރާމްގެ ހިތް ވަނީ މި އެންމެންނަށްޓަކައި ޝުކުރުން ފުރިފަ އެވެ.

"އަހަރެން ގަބޫލުކުރާ ގޮތުގައި މި ދުނިޔޭގައި ނުވާނެ އެއްވެސް ކަމެއް ނޯންނާނެ. މި ޓްރާންސްޕްލާންޓްކުރި ދެ އަތުގެ މަސައްކަތް ބަރާބަރުވެ އަމިއްލައަށް އަތުން މަސައްކަތް ކުރަން ފެށޭނެ ދުވަހަކަށް އިންތިޒާރުކުރަން،" ރާމް ބުންޏެވެ.

މިހާރު އަތް ފަސޭހަވެ ރާމް ގެންދަނީ ފިޒިއޮތެރަޕީ ހަދަމުންނެވެ. ދެ އަހަރެއްހާ ދުވަހު އޭނާ ފިޒިއޮތެރަޕީ ހަދަން ޖެހޭނެ އެވެ. އަދި އަތުގެ މަސައްކަތް ރަނގަޅަށް ކުރެވެން ފަށާނީ 18 ވަރަކަށް މަހު ފިޒިއޮތެރަޕީ ދީގެން ކަމަށް ޑޮކްޓަރުން ލަފާ ކުރެ އެވެ.

ރާމްގެ މި ތާރީޚީ ޓްރާންސްޕްލާންޓް ހަދައިދިން ޑޮކްޓަރުންގެ ޓީމުގެ އިސް ޑޮކްޓަރަކީ ޑރ. ނިލޭޝް ޖީ ސެޓްބާއި އެވެ. އޭނާ އަކީ ގްލޯބަލް ހޮސްޕިޓަލުގެ ޑިޕާޓްމަންޓް އޮފް ޕްލާސްޓިކް، ހޭންޑް އެންޑް ރިކޮންސްޓްރަކްޓިވް މައިކްރޯސާޖަރީ އެންޑް ޓްރާންޕްލާންޓް ސާޖަރީގެ ހެޑް އެވެ.

ޑރ. ސެޓްބައި ވިދާޅުވީ މީގެ ކުރިން ދެ އަތް އެއްކޮށް ޓްރާންސްޕްލާންޓެއް ހަދާފައިވަނީ ޔޫރަޕްގަ އެވެ. އަދި މިއީ މިފަދަ ސާޖަރީއެއް އޭޝިއާގެ ގައުމެއްގައި ހެދި ފުރަތަމަ ފަހަރެވެ. މިފަދަ ސާޖަރީއެއް ހެދުމުގައި ހުރިހާ ލެވެލް އެއްގައި ވެސް ވަރަށް ބޮޑެތި ގޮންޖެހުންތައް ހުރިކަމަށް ވެސް ޑޮކްޓަރު ވިދާޅުވި އެވެ. ސަބަބަކީ ޓްރާންސްޕްލާންޓް ހަދަން ޖެހެނީ ވަރަށް ހަލުވި ބާރުމިނެއްގައި ކަމަށާއި ވަކި ގަޑިއަކަށް ނުނިންމިއްޖެނަމަ އެކަން ނާކާމިޔާބު ވާނެތީ އެވެ.

އެހެންވެ މި ސާޖަރީ ފުރިހަމަ ކުރުމުގައި ވަގުތާއި ކޯޑިނޭޝަން ވަރަށް މުހިއްމު ރޯލެއް ކުޅޭ ކަމަށާއި ޑޮނޭޓްކޮށްފައިވާ އަތް ނައްޓާލައި އަނެއް މީހާގެ ހަށިގަނޑާ އެ އަތް ވީހާވެސް އަވަހަކަށް ގުޅާލައި ލޭ ދައުރުވާ ގޮތް ހަދަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ. އަތެއް ޓްރާންސްޕްލާންޓްކުރާއިރު ވަރަށް ގިނަ އަދަދެއްގެ ބޮޑެތި މަސްފަށަލަތަކެއް ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ޓްރާންސްފާކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ދެ އަތުގެ މަސައްކަތް އެއް ފަހަރާ ކުރަން ޖެހުމުން ވިސްނުން ގެންގުޅެން ޖެހުނު ގޮތާއި ޓެކްނިކަލް ރޮނގުން އެކަން ކުރުމުގައި ވަރަށް ބޮޑެތި ގޮންޖެހުންތައް ކުރިމަތިވީ ކަމަށް ޑރ. ސެޓްބައި ވިދާޅުވި އެވެ.

ޑރ. ސެޓްބައި އިތުރަށް ވިދާޅުވީ ކާމިޔާބު ކަމާއެކު އެ ބޭފުޅުން މި ކުރެއްވި މަސައްކަތް ކާމިޔާބުވުމުން އިންޑިޔާއަށް ބެންޗުމާކެއް ވަނީ ހާސިލުކުރެވިފައިވާ ކަމަށެވެ. އަދި ޕްރޮސްތެޓިކްސް އިން ދާއިމީ ހައްލެއް ނުލިބޭއިރު މިއީ ކޮންމެހެން މުހިއްމު ޓްރާންސްޕްލާންޓެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ދެ އަތް ޓްރާންސްޕްލާންޓް ކުރުމަކީ ގާތްގަނޑަކަށް ނުވާނެކަމެއްގެ ގޮތުން މީގެ ކުރިން އިންޑިއާ އިން ވެސް ބަލާފައި ވެއެވެ. ނަމަވެސް މިކަން އިންޑިއާ އިން ކޮށްފައިވަނީ އެމެރިކާ އާއި ޔޫރަޕްގައި މިފަދަ ޓްރާންސްޕްލާންޓް ހަދާ އަގަށް ވުރެ 8 ނުވަތަ 10 ގުނަ އަގުހެޔޮކޮށެވެ.