ދުނިޔެ

ނޭޓޯގެ ސުލްހަ ބަލަހައްޓާ ސިފައިންނަށް ހަމަލާދޭން ޖެހިދާނެ: ރަޝިއާ

ނޭޓޯގެ ސުލްހަ ބަލަހައްޓާ ސިފައިން ޔުކްރޭންގައި ހަތިޔާރު އަޅައިގެން ހަރަކާތްތެރިވާނަމަ އެއީ ސައްހަ އަމާޒުތަކެއް ގޮތުގައި ރަޝިއާ ސިފައިން އަމަލުކުރާނެ ކަމަށް ރަޝިއާގެ ސެކިއުރިޓީ ކައުންސިލްގެ ޑެޕިއުޓީ ޗެއާމަން ދިމިތުރީ މީޑްވޭޑެފް ވިދާޅުވެއްޖެ އެވެ.

ރަޝިއާއާ މަޝްވަރާކުރުމެއް ނެތި ޔުކްރޭނަށް ނޭޓޯއިން ސުލްހަ ބެލެހެއްޓުމަށް ސިފައިން ފޮނުވައި އަދި އެ މީހުން ބަޑި ހިފައިގެން މައިދާަނަށް ނުކުމެއްޖެނަމަ އެއީ ހަނގުރާމާގައި ޔުކްރޭނާ އެއްކޮޅަށް އަދި ރަޝިއާ ސިފައިންނަށް ހަމަލާދިނުމުގެ ނިޔަތުގައި އުޅޭ ބައިގަނޑެއް ކަމަށް ރަޝިއާ ދެކޭނެ ކަމަށް ވެސް ދިމިތުރީ މިޑްވެޑޭފް ވިދާޅުވި އެވެ.

ޔުކްރޭންގައި ސުލްހަ ގާއިމުކުރުމަށް ހުޅަނގުގެ ހަގީގީ އަމާޒަކީ، އޮފިޝަލް ވިދާޅުވި ގޮތުގައި، އެ މީހުންނަށް ފައިދާ ހުރި ނިޒާމެއް ޔުކްރޭންގައި ގާއިމުކުރުމެވެ. އެ މީހުން ބޭނުންވާ ތަރުތީބަކުން ސުލްހަ ބަލަހައްޓާ ސިފައިން ޔުކްރޭންގައި ދެމެހެއްޓުމެވެ.

މިޑްވެޑޭފް ވިދާޅުވި ގޮތުގައި ނޭޓޯގެ ސުލްހަ ބަލަހައްޓާ ސިފައިން ޔުކްރޭނަށް އަރައި ހަމަނުޖެހުން ހިންގާނަމަ ރަޝިއާ ސިފައިން ބަލާކަށް ނުތިބޭނެ އެވެ. އަދި ރައްދު ހަމަލާތަކުގެ ސަބަބުން ތިންވަނަ ބޮޑު ހަނގުރާމަ ފަށަން ޖެހުނު ނަމަވެސް ރަޝިއާ އޮތީ ތައްޔާރަށް ކަމަށް ވިދާޅުވި އެވެ.

ތިންވަނަ ބޮޑު ހަނގުރާމަ ދެކެ ހުޅަނގުން ބިރުގަންނަނަމަ، އެ ހަނގުރާމަ ފަށަން މެދުވެރިވާ ބައެއް ގޮތުގައި އެ މީހުން ވަނީތޯ މިޑްވެޑޭފް ސުވާލު އުފެއްދެވި އެވެ.

ދިމިތުރީ މިޑްވެޑޭފް މި މޭރުމުން ވާހަކަދެއްކެވި ސަބަބަކީ ޔުކްރޭންގައި ސުލްހަ ބެލެހެއްޓުމަށް ނޭޓޯ ސިފައިން ފޮނުވުމާ މެދު ހުޅަނގުން މަޝްވަރާކުރަމުން ގެންދާތީ އެވެ. އަދި ރަޝިއާގެ އިޒުނަ ނެތި ހުޅަނގަށް ކަމުދާ ނިޒާމަކުން ޔުކްރޭންގެ ސުލްހައަށް މަސައްކަތްކުރާތީ އެވެ.

ރަޝިއާ ބުނާ ގޮތުން ރަޝިއާގެ ހިއްސާ ނެތި ޔުކްރޭންގައި ސުލްހަ ދެމެހެއްޓުން ނޭޓޯއަށް ތަކުލީފަކަށް ވާނެ އެވެ.