ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ސްލޮޓެއްގައި ޓޫރިޒަމް މިނިސްޓަރުގެ މަގާމުގައި ހުންނެވި ޑރ. އަބްދުﷲ މައުސޫމު ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހަށް ތާއީދުކުރައްވަން ނިންމަވައިފި އެވެ.
ރައީސް ސޯލިހަށް ތާއީދުކުރައްވާ ކަމަށް ޑރ. މައުސޫމް ރަސްމީކޮށް ވިދާޅުވެފައެއް ނުވެ އެވެ. ނަމަވެސް ރައީސް ސޯލިހާ އެކު އޭނާ ހުންނެވި ފޮޓޯއެއް ޑރ. މައުސޫމް ވަނީ ފޭސްބުކް ޕޭޖަށް ކަވާ ފޮޓޯގެ ގޮތުގައި ފޮޓޯއެއް ލައްވާފަ އެވެ.
ޑރ. މައުސޫމް މިހާރު ވަނީ ޖުމްހޫރީ ޕާޓީގެ ވަޓްސްއަޕް ގުރޫޕުން ވެސް ނިކުމެވަޑައިގެންފަ އެވެ. ނަމަވެސް އޭނާ ޖުމްހޫރީ ޕާޓީން އަދި ވަކިވެވަޑައިގެންފައި ނުވާ ކަމަށް އެ ޕާޓީން ބުނެ އެވެ.
ގާސިމްގެ އަމިއްލަ ވިޔަފާރީގެ ތެރޭގައި ކުރިން ވަރަށް އިސްކޮށް އުޅުއްވި ޑރ. މައުސޫމް ވަނީ ޖުމްހޫރީ ޕާޓީގެ ނައިބް ރައީސް ކަންވެސް ކުރައްވާފަ އެވެ. އެކަމަކު ނިމިގެން ދިޔަ ޖުމްހޫރީ ޕާޓީގެ ގައުމީ ކޮންފަރެންސްގައިވެސް އޭނާ ބައިވެރިވެވަޑައިގެންފައެއް ނުވެ އެވެ.
ޑރ. މައުސޫމް މިފަހަކަށް އައިސް ގެންދަވަނީ ރައީސް ސޯލިހަށް ވަރަށް ބޮޑަށް ތައުރީފް ކުރައްވާ ސޯޝަލްމީޑިއާގައި ވާހަކަވެސް ދައްކަވަމުންނެވެ.
ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައި ވަޒީރުންގެ ގޮތުގައި ތިއްބެވީ ޑރ. މައުސޫމްގެ އިތުރުން ފިޝަރީޒް މިނިސްޓަރު ޑރ. ހުސައިން ރަޝީދާއި ޓްރާންސްޕޯޓް މިނިސްޓަރު އަދި ގާސިމްގެ ފިރިކަލުން އައިޝަތު ނަހްލާ އެވެ. ޑރ. ހުސައިން އާއި ނަހްލާ އަދި ވަކިކޮޅެއް ނަންގަވާފައެއް ނުވެ އެވެ. އެކަމަކު ޑރ. ހުސައިން އާއި ނަހްލާ ގެންދަވަނީ ޖުމްހޫރީ ޕާޓީގެ މަސައްކަތްތަކުގައި ގަވައިދުން ބައިވެރިވެވަޑައިގަންނަވަމުންނެވެ.
ވެރިކަން ކުރާ ކޯލިޝަންގައި މިވަގުތުވެސް އޮތް ޖުމްހޫރީ ޕާޓީން ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވަކިން ވާދަކުރަން ނިންމުމާ ގުޅިގެން ޖުމްހޫރީ ޕާޓީގެ އިސް ބައެއް ބޭފުޅުން ގެންދަވަނީ އެ ޕާޓީއާ ދުރަށް ވަޑައިގަންވަމުންނެވެ.
މީގެތެރޭގައި ރައީސް އޮފީހުގެ މިނިސްޓަރު އަހްމަދު ސަމީރާއި، އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު އަހްމަދު ހުސައިން (ހަނަފީ)އާއި، އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހް އާއި، އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމްއާއި ހަޔާ އެޑިޔުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އައިމިނަތު މުހައްމަދު ސަލީމްގެ އިތުރުން އާޓްސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ވަލީދާ ވަލީދު ހިމެނެ އެވެ.