ދެހާސް ތޭވީސް ވަނަ އަހަރު އޮންނަ ރިޔާސީ އިންތިޚާބަށް ބަޔަކު ޝައުގުވެރިވީ ނަމަވެސް ކެންޕެއިން ފަށަން އަދި ތަންކޮޅެއް އަވަސް ކަމަށް ރާއްޖެއިން ސިންގަޕޫރަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެ އެވެ.
ޑރ. މައުސޫމް މިހެން ވިދާޅުވީ މިރޭ ކުރައްވާފައިވާ ޓްވީޓެއްގައެވެ. މައުސޫމް މި ޓްވީޓް ކުރައްވާފައިވަނީ ކޮން ޕާޓީއަކަށް ނުވަތަ ކޮން ސިޔާސީ ލީޑަރަކަށް އަމާޒުކޮށްކަން ޓްވީޓްގައި ވިދާޅުވެފައިނުވި ނަމަވެސް މިއީ އޭނާ ކުރިން ނާއިބް ރައީސްކަން ކުރެއްވި އަދި މިހާރުވެސް މައުސޫމް ނިސްބަތްވެވަޑައިގަންނަވާ ޖުމްހޫރީ ޕާޓީއަށް އަމާޒުކޮށް ވިދާޅުވެ ވާހަކަފުޅެއް ކަމަށް ބެލެއެވެ.
މިހާތަނަށް 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށް ކެންޑިޑޭޓަކު ނެރޭނެކަން ހާމަކޮށްފައިވަނީ ޖުމްހޫރީ ޕާޓީން އެކަންޏެވެ.
މައުސޫމް މިރޭ ވަނީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށް ޝައުގުވެރިވާ ބަޔަކު ޝައުގުވެރިވީނަމަވެސް، ކެންޕެއިން ފަށަން އަދި ތަންކޮޅެއް އަވަސް ނޫންތޯ ސުވާލު ކުރައްވާފައެވެ.
ދެހާސް ތޭވީސް ވަނަ އަހަރު އޮންނަ ރިޔާސީ އިންތިޚާބުގައި ޖޭޕީގެ ކެންޑިޑޭޓަކު ނެރޭނެކަން އިއުލާނުކޮށްފައިވަނީ ސެޕްޓެންބަރު މަހުގެ 15 ވަނަ ދުވަހުގެ ރޭ އެޕާޓީގެ ލީޑަރު ގާސިމް އިބްރާހިމެވެ.
ގާސިމް ވިދާޅުވީ ޖުމްހޫރީ ޕާޓީ "ރިފޯމް" ކުރުމުގެ މަސައްކަތް ފެށިފައިވާ ކަމަށާ ކުރިއަށް އޮތް ތާނގައި ރާއްޖޭގައި އޮތް އެންމެ ޑިމޮކްރެޓިކް ޕާޓީއަކަށް ވެގެންދާނީ ވެސް ޖޭޕީ ކަމަށެވެ. އަދި ގާސިމް ވިދާޅުވީ 2023 ގެ ރިޔާސީ އިންތިޚާބުގައި އެ ޕާޓީން ރިޔާސީ ކެންޑިޑޭޓަކު ނެރޭނެ ކަމަށެވެ.
"އަންނަ ރިޔާސީ އިންތިޚާބުގައި ޖުމްހޫރީ ޕާޓީން ވެސް ކެންޑިޑޭޓަކު ނެރޭނެ. އެކަން ކަށަވަރު. އެއީ ކޮން ބޭފުޅެއްތޯ އަޅުގަނޑުތޯ ނޫނީ އެހެން ބޭފުޅެއްތޯ ނިންމާނީ ޕާޓީން." 2008 ވަނަ އަހަރު އަދި 2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައިވެސް ވާދަކުރި އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް ވިދާޅުވި އެވެ.
މިފަހުން ޖުމްހޫރީ ޕާޓީއާ ގިނަ އަދަދެއްގެ ބަޔަކު ގުޅެމުންދާއިރު، އޭގެ ތެރޭގައި ރައީސް ޔާމީންގެ އެންމެ އަރިހުގައި ކުރިން މަސައްކަތް ކުރެއްވި ބޭފުޅުން ހިމެނެއެވެ. އެ ބޭފުޅުންނަށް ޖޭޕީގެ އިސް މަގާމުތައް ދެއްވަމުން ގެންދަވާއިރު 2023 ވަނަ އަހަރު ރައްޔިތުންނަށް އެންމެ ރަނގަޅު ކެންޑިޑޭޓަކަށް ވާނީ ގާސިމް އިބްރާހިމް ކަމަށް އެ ބޭފުޅުން ގެންދަވަނީ ވިދާޅުވަމުންނެވެ.
ޖޭޕީއަކީ މި ސަރުކާރުގެ މުހިންމު ބައިވެރިއަކަށްވީއިރު، މީގެ ހަތަރު އަހަރު ފަހުން އޮންނަ ރިޔާސީ އިންތިޚާބަކަށް ކެންޑިޑޭޓަކު ނެރޭނެ ކަން މިހާ ކުރިން އިއުލާނުކުރުމުން ކޯލިޝަންގެ ބައެއް ޕާޓީތަކުގެ އިސް ބޭފުޅުންނާ އެ ޕާޓީތަކަށް ނިސްބަތްވާ އާންމުން ގެންދަނީ ޖޭޕީއަށް ފާޑުކިޔަމުންނެވެ.