އެކްސިޑެންޓް

ފަރެސް މާތޮޑާގައި ލޯޑަރު ދުއްވި މީހާ ހައްޔަރުކޮށްފި

ފަރެސްމާތޮޑާގައި ކުއްޖަކު ލޯޑަރެއްގެ ދަށުވެގެން ޒަހަމްވި މައްސަލާގައި ލޯޑަރު ދުއްވަން އިން ޑްރައިވަރު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ ފަރެސްމާތޮޑާގައި ހޯގާޑްގެ ލޯޑަރެއްގެ ދަށުވެގެން ކުޑަކުއްޖަކު ޒަހަމްވި މައްސަލާގެ ތަހުގީގަށް، އެހާދިސާ ހިނގި އިރު ލޯޑަރު ދުއްވަން އިން މީހާ ހައްޔަރުކޮށްފައިވާ ކަމަށެވެ. ހައްޔަރުކޮށްފައިވާ ޑްރައިވަރަކީ ދިވެއްސެކެވެ.

ކުއްޖާ ލޯޑަރު ދަށުވި މައްސަލާގައި ޑްރައިވަރު ހައްޔަރުކޮށްފައިވާއިރު ހާދިސާ ހިނގިއިރުގެ މަންޒަރު ދުށް ފަރާތްތަކާ ހަވާލާދީ ފަރެސްމާތޮޑާ ކައުންސިލްގެ ރައީސް އަބްދުﷲ ސައީދު ވިދާޅުވީ، ލޯޑަރު ދުއްވާލިއިރު އެކުއްޖާ އޮތީ އޭގެ ދަތްގަނޑު ތެރެއަށް އެރި ކަމަށެވެ. އަދި ހާދިސާ ހިނގި އިރު ލޯޑަރު ދުއްވަން އިން މީހާއަށް ކުއްޖާ ނުފެންނަ ކަމަށެވެ.

ލޯޑަރުގެ ދަށުވެގެން ޒަހަމްވެފައިވަނީ އުމުރުން 10 އަހަރުގެ ފިރިހެން ކުއްޖެކެވެ.