އިންޑިއާ އިން ކާށި ގެނެސްގެން ރާއްޖޭގެ ބާޒާރުގައި އެސްޓީއޯ އިން ކާށި ވިއްކަން ފަށައިފި އެވެ.
ރާއްޖޭގެ ބާޒާރުގައި މިވަގުތު ކާށްޓެއް ގަންނަން ލިބެން ހުރީ 15 ރުފިޔާއާއި 30 ރުފިޔާއާ ދެމެދުގެ އަގުތަކުގަ އެވެ.
ކާށީގެ އަގު ވަރަށް ބޮޑަށް އުުފުލުމާ ގުޅިގެން އެސްޓީއޯ އިން ރާއްޖެއަށް ކާށި ގެނެސްގެން ވިއްކަން ފެށީ ކިލޯއެއް 12 ރުފިޔާގެ ރޭޓުންނެވެ.
ރާއްޖޭގެ އެންމެ ގިނައިން ކާށި ހައްދާ ރަށްތަކުގެ ރުށްތަކަށް ބައްޔެއް ޖެހި ކާށި ލިބުން ދަތިވެފައިވާތީ ބައެއް ވިޔަފާރިވެރިން އިންޑިއާ އިން ކާށި ގެންނަތާ ދެމަހެއް ވަރު ވެއްޖެ އެވެ.
ރާއްޖެއަށް އެތެރެކުރި ކާށީގެ ތެރެއިން ބަސްތާއެއް އެންމެ ފުރަތަމަ ވިއްކީ 300 ރުފިޔާއާ ގާތްކުރާ އަގެއްގަ އެެވެ. ފަހުން އެ އަގު 16،00 ރުފިޔާ އަށް ވެސް ބޮޑުވި އެވެ.
ރޯދަ މަހާ ދިމާކޮށް ރާއްޖޭގެ ބާޒާރުގައި އަގު އުފުލޭ މުދަލުގެ އަގު އަބަދުވެސް ކޮންޓްރޯލް ކުރާ އެއް ފަރާތަކީ އެސްޓީއޯ އެވެ. އަގު ބޮޑުވާ ބާވަތްތައް ރޯދައަށް ދުރާލައި ރާއްޖެއިން ބޭރުން ގެނެސް އާންމު އަގުތަކަށްވުރެ ހެޔޮކޮށް ވިއްކުމަކީ އެެސްޓީއޯ އިން މިފަހަކަށް އައިސް ކުރަމުންދާ ކަމެކެވެ.