އާބަންކޯ

ފްލެޓަށް ގަވައިދުން ކުލި ދައްކައިގެން އުމުރާ ދަތުރެއް ލިބިދާނެ

Apr 2, 2023

އާބަންކޯ އިން ބަލަހައްޓަމުންދާ ފްލެޓްތަކަށް ގަވައިދުން ކުލި ދައްކާ މީހުންނަށް އުމުރާ ދަތުރެއް ލިބޭ ތަފާތު ޕްރޮމޯޝަނެއް ފަށައިފި އެވެ.

މި ޕްރޮމޯޝަން އިއުލާން ކުރީ ކުރިން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ނަމުގައި ހިންގަމުން ދިޔަ ކުންފުނި، "އާބަންކޯ"އަށް ރޭ ރީބްރޭންޑް ކުރުމަށްފަހު އެވެ.

ރާއްޖޭގައި އެންމެ ގިނަ އަދަދަކަށް ފްލެޓް އަޅައި މެނޭޖުކުރުަމުންދާ ކުންފުނި -- އާބަންކޯ އިން ބުނީ އުމުރާ ދަތުރު ލިބޭ ޕްރޮމޯޝަނަކީ އެއް އަހަރަށް ކުރިއަށްދާ ޕްރޮމޯޝަނެއް ކަމަށެވެ.

އާބަންކޯއިން ބުނީ ޝޯޝަލް ހައުސިންގެ ގޮތުގައި އެ ކުންފުނިން ހަދާފައިވާ ފްލެޓްތަކުގައި ދިރިއުޅޭ މީހުންގެ ތެރެއިން ޖެހިޖެހިގެން ހަމަސް ދުވަހު ކުލި ދައްކާފައިވާ މީހުންނަށް މި ޕްރޮމޯޝަންގައި ބައިވެރިވެ އުމްރާ ދަތުރު ހޯދުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.

އާބަންކޯ އިން ނިންމާފައިވަނީ ކޮންމެ ތިން މަހުން އެއް މަހު ނަސީބުވެރިން ހޮވައި، ކޮންމެވެސް ދެ މީހަކަށް އުމުރާ ދަތުރު ދިނުމަށެވެ.

ސަރުކާރުން ކުރިއަށް ގެންދާ އިޖުތިމާއީ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުގެ ދަށުން އަޅާފައިވާ ފްލެޓްތަކުގައި ދިރިއުޅޭ މީހުން ގަވައިދުން ކުލި ނުދައްކާ މައްސަލަ ބޮޑެވެ. އަދި ކުލި ދެއްކުމަށް ހަނދާންކޮށްދީ، އިންޒާރު ދިނުމުންވެސް ބައެއް މީހުން އަޅާނުލާ ކަން ފާހަގަކުރެވެ އެވެ.