ތިލަފުށި

ތިލަފުށީގެ ދެވަނަ ފިޔަވަހީގެ އޭރިއާ އީގެ ބިން ހިއްކަން ފަށައިފި

ތިލަފުށި ބިން ހިއްކުމުގެ ދެވަނަ ފިޔަވަހީގެ ދަށުން އެރިއާ އީ ހިއްކުމުގެ މަސައްކަތް މިއަދު ފަށައިފި އެވެ.

އޭރިއާ އީ ހިއްކުމުގެ މަސައްކަތް ފެށީ 25 ދުވަސް ތެރޭގައި މަސައްކަތް ނިންމަން އަމާޒުކޮށްގެންނެވެ. މި އޭރިއާއަށް 5.9 ހެކްޓަރުގެ ބިން ހިއްކާނެ އެވެ.

ތިލަފުށީގެ ދެވަނަ ފިޔަވަހި ތަރައްގީކުރުމަށް އެރިއާ އޭ، ބީ، އީގެ ބިން ހިއްކައި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއަކީ އާބަންކޯ އާއި ޗައިނާ ހާބަ އިންޖިނިއަރިން ކޮމްޕެނީ ލިމިޓެޑާ ގުޅިގެން ކުރިއަށް ގެންދާ މަޝްރޫއެކެވެ.

އާބަންކޯ އިން ބުނީ ތިލަފުށީގެ ބިން ހިއްކައި ތަރައްގީކުރުމުގެ މައިގަނޑު ބޭނުމަކީ މާލެ ސަރަހައްދުގެ ރަށްތަކުގެ އިންޑަސްޓްރިއަލް ހަބަކަށް ތިލަފުށި ބަދަލުކޮށް ތަފާތު ފުރުސަތުތައް ހޯދައިދިނުން ކަމަށެވެ.

އާބަންކޯ އިން އަބަދުވެސް މަސައްކަތް ކުރަމުން އަންނަނީ ސަރުކާރުގެ އިރުޝާދުގެ ދަށުން ރާއްޖޭގެ ތަރައްގީއަށް ހިންގާ މުހިއްމު މަޝްރޫއުތައް ހެދިފައިވާ ތާވަލުތަކާއި އެއްގޮތަށް ކުރިއަށް ގެންގޮސް، ރައްޔިތުންނަށް މިކަމުން ލިބެން ހުރި ފައިދާ އަދި މަންފާތައް ވީހާވެސް އަވަހަށް ފޯރުކޮށްދިނުން ކަމަށެވެ.

ތިލަފުށީގެ ދެވަނަ ފިޔަވަހީގެ ބިން ހިއްކަން ފެށީ މިދިޔަ އަހަރުގެ މާޗް މަހުގެ ތެރޭގައެވެ.