ތިލަފުށި

ތިލަފުށީގެ ދެވަނަ ފިޔަވަހީގެ އޭރިއާ ބީގެ ބިން ހިއްކުން ނިންމައިފި

ތިލަފުށީގެ ދެވަނަ ފިޔަވަހީގެ ބިން ހިއްކުމުގެ ދަށުން ހިއްކުމަށް ހަމަޖެހިފައިވާ ފުރަތަމަ ބައި -- އޭރިއާ ބީ ހިއްކާ ނިންމާލައިފި އެވެ.

އޭރިއާ ބީގެ ގޮތުގައި ހިއްކާފައިވަނީ 39.6 ހެކްޓަރުގެ ސަރަހައްދެކެވެ. މިމަސައްކަތް ފެށީ މިދިޔަ ސެޕްޓެމްބަރު 17 ވަނަ ދުވަހު އެވެ.

މި އޭރިއާ ހިއްކާ ނިމުމާ އެކު، އޭރިއާ އޭ ހިއްކުމުގެ މަސައްކަތް މިހާރު ވަނީ ފަށާފަ އެވެ. އޭރިއާ އޭ ހިއްކުމުގެ މަސައްކަތް ނިންމުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ ފެބްރުއަރީ ތެރޭގައެވެ. އޭރިއާ އޭގެ ގޮތުގައި 71.5 ހެކްޓަރުގެ ސަރަހައްދެއް ހިއްކުމަށް ހަމަޖެހިފައިވެ އެވެ.

ތިލަފުށި ބިން ހިއްކުމުގެ މަޝްރޫއަކީ އާބަންކޯ އަދި ޗައިނާ ހާބަ އިންޖިނިއަރިން ކޮމްޕެނީ ލިމިޓެޑްއާ ގުޅިގެން ކުރިއަށް ގެންދާ މަޝްރޫއެކެވެ.

ތިލަފުށި ދެވަނަ ފިޔަވަހީގައި ހިމެނޭ އޭރިއާ ސީ އަދި ޑީ ހިއްކާ ނިންމުމަށްފަހު ތަރައްގީކުރުމުގެ މަސައްކަތް މިހާރުވެސް ކުރިއަށްދާއިރު އޭރިއާ އީގެ ދަށުން 5.9 ހެކްޓަރުގެ އަދި އޭރިއާ އެފްގެ ދަށުން 0.73 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވެ އެވެ.

އާބަންކޯ އިން ބުނީ ތިލަފުށީގެ ބިންހިއްކައި ތަރައްގީކުރުމުގެ މައިގަނޑު ބޭނުމަކީ މާލެ ސަރަހައްދުގެ ރަށްތަކުގެ އިންޑަސްޓްރިއަލް ހަބަކަށް ތިލަފުށި ބަދަލުކޮށް ތަފާތު ފުރުސަތުތައް ހޯދައިދިނުން ކަމަށެވެ. އެގޮތުން މި މަޝްރޫއުގެ ދަށުން ރާއްޖޭގެ އިންޑަސްޓްރިއަލް މަސައްކަތްތަކަށް އިންގިލާބީ ކުރިއެރުމެއް ގެނެވި ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރުތައްވެސް ވަރަށް ބޮޑަށް ކުޑަކުރެވިގެންދާނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.

ތިލަފުށީގެ ބިން ހިއްކުމުގެ މަޝްރޫއަކީ ދިވެހި ސަރުކާރުގެ ލަފައާއި އިރުޝާދުގެ ދަށުން މީހުން ދިރިއުޅޭ ސަރައްހައްދުތަކާއި ދުރުގައި ސިނާއީ މަސައްކަތްތައް ހިންގުމަށް މަގުފަހިކޮށްދިނުމުގެ ގޮތުން އާބަންކޯއިން ކުރިއަށް ގެންދާ މަޝްރޫ އެކެވެ. އެގޮތުން ތިލަފުށީގެ މާސްޓާ ޕްލޭންގެ ދަށުން ބޮޑެތި ބިންތައް ދޫކުރެވި އެކިއެކި އުމްރާނީ މަސައްކަތްތައް ކުރުމަށް ޖާގަ ލިބިގެންދާނެ އެވެ. އަދި ތިލަމާލެ ބްރިޖުން ހުޅުމާލެ، މާލެ، ވިލިމާލެ، އަދި ގުޅީފަޅު ތިލަފުށްޓާއި ގުޅާލުމުން އިގްތިސާދީ ގޮތުން އިންގިލާބީ ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށްވެސް އާބަންކޯ އިން ބުނެ އެވެ.