ރަށްރަށުން ސާފު ބޯފެން ހުސްވެއްޖެ ނަމަ ކުއްލި ހާލަތްތަކުގައި ބޯފެން ފޯރުކޮށްދެވޭނެ ނިޒާމެއް ގާއިމް ކުރަންޖެހޭ ކަމަށް ހިއުމަން ރައިޓް ކޮމިޝަން (އެޗްއާރްސީއެމް) އިން ބުނެފި އެވެ.
އެޗްއާރްސީއެމް އިން މިހެން ބުނީ ގދ. ތިނަދޫ އިންޖީނުގޭގައި ރޯވެ އެރަށު ރައްޔިތުންނަށް ދަތިތަކާ ކުރިމަތިވި ހާދިސާއާ ގުޅުވައި މިއަދު ނެރުން ބަޔާނެއްގައެވެ.
އެޗްއާރްސީއެމް އިން ބުނީ ކަރަންޓާއި ސާފު ބޯފެނަކީ ރައްޔިތުންނަށް ބޭނުންވާ އެންމެ އަސާސީ ކަންތައްތަކުގެ ތެރޭގައި ކަމަކަށް ވާއިރު ތިނަދޫ އިންޖީނުގޭގައި ހިނގާދިޔަ އަލިފާނުގެ ހާދިސާއާ ގުޅިގެން ކަރަންޓުގެ ހިދުމަތް ކެނޑި އަދި ރަށުން ސާފުބޯފެން ހުސްވެދާނެ ކަމުގެ ބިރުވެރިކަން އުފެދުނު ކަމަށެވެ.
އެގޮތުން މިފަދަ ހާލަތެއްގައި ރައްޔިތުންނަނަށް ނަފްސާނީ ގޮތުންނާއި މާލީ ގޮތުން ލިބޭ ގެއްލުން ކުޑަ ކުރުމަށް "ކޮންޓެއިނަރައިޒްޑް މޮބައިލް ޕަވާ ހައުސް" ތަކެއް ގާއިމްކުރަން ފެނަކަ ކޯޕަރޭޝަނުން ނިންމާފައިވާ ނިންމުމަކީ އެކުންފުނިން އެޅި ހަރުދަނާ ފިޔަވަޅެއް ކަމަށާއި ނަމަވެސް ހަމަ އެގޮތަށް ސާފު ބޯފެން ހުސްވެއްޖެ ނަމަވެސް އެފަދަ ނިޒާމެއްގާއިމް ކުރެވިފައި ހުންނަން ޖެހޭނެ ކަމަށެވެ.
"... ކުއްލި ހާލަތުގައި ކަރަންޓުގެ ހިދުމަތް ފޯރުކޮށްދިނުމަށްޓަކައި ގާއިމު ކުރުމަށް ފެނަކައިން ނިންމާފައިވާ މޮބައިލް ޕަވާ ހައުސްގެ މަސައްކަތް އަވަސް ކުރުމަށާއި، ރަށްރަށުން ސާފު ބޯފެން ހުސްވެގެންދާ ހާލަތްތަކުގައި ރައްޔިތުންނަށް ބޭނުންވާ ސާފު ބޯފެން ފޯރު ކޮށްދިނުމަށްޓަކައި ވެސް މިފަދަ ނިޒާމެއް ގާއިމުކުރުމުގެ މުހިއްމުކަން ފާހަގަ ކޮށް އެފަދަ އިންތިޒާމެއް ވީހާވެސް އަވަހަކަށް ހަމަޖެއްސުމަށް ދައުލަތުގެ ކަމާބެހޭ ފަރާތްތަކަށް ގޮވާލާ" ކަމަށް އެ ބަޔާނުގައި ވެއެވެ.
އެޗްއާރްސީއެމްގެ ބަޔާނުގައި އިތުރަށް ބުނެފައި ވަނީ ތިނަދޫގައި ހިނގި ހާދިސާއަކީ ބަޔަކު މީހުން ގަސްތުގައި ހިންގި އަމަލެއްތޯ ބަލައި، އެފަދަ ގޮތަކަށް ކަން ހިނގާފައިވާނަމަ، އެ ޖަރީމާ ހިންގި ބަޔަކާމެދު ވީހާވެސް އަވަހަކަށް ފިޔަވަޅު އަޅަން ފުލުހުންނަށާއި ކަމާބެހޭ އިދާރާތަކަށް ގޮވާލާ ކަމަށެވެ.