މުހައްމަދު ނާޒިމް

ޑްރަގު މައްސަލަ ހައްލުކުރުމުގައި ސަރުކާރުން އިހުމާލުވެއްޖެ: ނާޒިމު

ރާއްޖޭގައި މަސްތުވާތަކެތީގެ މައްސަލަތައް ހައްލުކުރުމަށް ވެފައިވާ އެއްވެސް ވައުދެއް ނުފުއްދޭ ކަމަށާއި މަސްތުވާތަކެތީގެ މައްސަލަތައް ހައްލުކުރުމުގައި ސަރުކާރުން އިހުމާލުވެއްޖެ ކަމަށް ދަނގެތި ދާއިރާގެ މެންބަރު އަދި މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ރައީސް މުހައްމަދު ނާޒިމް ވިދާޅުވެއްޖެ އެވެ.

ނާޒިމު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ މީހުންނަށް ފަސޭހައިން ފަރުވާ ލިބޭނޭ ގޮތަށް ނިޒާމު ބަދަލުކުރުމަށް ސަރުކާރަށް ގޮވާލައި ހުށަހަޅާފައިވާ ގަރާރަށް ބަހުސް ކުރައްވަމުންނެވެ.

"މި ސަރުކާރު ވެރިކަމަށް އައުމުގެ ކުރިން ތައްޔާރު ކުރި މެނިފެސްޓޯގައި މިކަމާ ބެހޭގޮތުން ވަރަށް ބޮޑަށް އަލިއަޅުވާލި. މަސްތުވާތަކެއްޗަށް ހުޅުވިފައިވާ ހުރިހާ ދޮރެއް ބަންދު ކުރާނެ ކަމަށް ވަރަށް އަޑު ހަރުކޮށް ވިދާޅުވި،" ނާޒިމް ވިދާޅުވި އެވެ.

ނާޒިމް ވަނީ މަސްތުވާތެކީގެ މައްސަލަތައް ހައްލުކުރުމަށް މި ސަރުކާރުގެ މެނިފެސްޓޯގައި ހިމަނާފައިވާ ކަންކަމުގެ ތެރެއިން އެއްވެސް ކަމެއް ނުވާކަމަށް ބުނެ ފާޑު ވިދާޅުވެފަ އެވެ.

މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހުން ހިފާ ހައްޔަރުކޮށް އަދަބުދީ މަސްތުވާތަކެތީގެ ވިޔަފާރި ހުއްޓުވުމާއި މަސްތުވާތަކެތި ބޭނުން ކުރާ މީހުންނަށް ފަރުވާ ދިނުމަށް ގައުމީ ރިހެބިލިޓޭޝަން ސެންޓަރެއް ގާއިމު ކުރަންވެސް ނުކުޅެދިފައިވާ ކަމަށް ނާޒިމް ވަނީ ވިދާޅުވެފަ އެވެ.

"މީގެތެރެއިން އެއްވެސް ކަމެއް މި ސަރުކާރަށް ކުރެވިފައެއް ނެތް،" ނާޒިމް ވިދާޅުވި އެވެ.

މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ މީހުންނަށް ފަސޭހައިން ފަރުވާ ލިބޭނޭ ގޮތަށް ނިޒާމު ބަދަލުކުރުމަށް ސަރުކާރަށް ގޮވާލައި ހުށަހަޅާފައިވާ ގަރާރަކީ ޒުވާން ޖީލަށް ވަރަށް މުހިންމު ގަރާރެއް ކަމުގައި ނާޒިމް ވަނީ ފާހަގަކުރައްވާފަ އެވެ.