ލައިފްސްޓައިލް

ދުވަހަކުވެސް ދަރިއަކު ނުލިބޭނޭ ނީތާ އަމްބާނީ ކައިރީ ޑޮކްޓަރުން ބުނި!

ނީތާ އަމްބާނީ އަކީ އިންޑިޔާގެ އެންމެ މުއްސަނދި މަހުޖަނު މުކޭޝް އަމްބާނީގެ އަނބިމީހާ އެވެ.

އާދަޔާޚިލާފު ރީތިކަމެއް ލިބިފައިވާ ނީތާ އަކީ އިންޑިޔާގެ ނުފޫޒުގަދަ އަންހެނުންގެ ތެރެއިން އެންމެ ކުރީގައި އުޅޭ ވަރަށް ހިތްވަރުގަދަ އެހާމެ ހިންގުންތެރި ކަނބަލެކެވެ. އަދި ޗެރިޓީ އަށް ގިނަ ގުނަ މަސައްކަތްތައް ކުރާ ދީލަތިކަމާއި ހިތްހެޔޮކަމުގެ މިސާލެކެވެ.

ރިލަޔަންސް ފައުންޑޭޝަން އާއި ދީރޫބާއީ އަމްބާނީ އިންޓަނޭޝަނަލް ސްކޫލުގެ ބާނީ އަކީ އަދި ޗެއާޕާސަން އަކީ ވެސް ނީތާ އެވެ. އަދި ރިޔަންސް އިންޑަސްޓްރީޒްގެ ޑައިރެކްޓަރެއްގެ މަގާމުވެސް ނީތާ ފުރަ އެވެ.

ނީތާ އަކީ ތިން ދަރިންގެ މަންމަ އެކެވެ. އެންމެ ދޮށީ އެއްމާބަނޑު ދެބެން ކަމަށްވާ އީޝާ އާއި އާކާޝް އަށް މިހާރު 31 އަހަރެވެ. އަދި ހަގު އަނަންތު އަމްބާނީ އަށް 27 އަހަރެވެ.

ނީތާ އަށް ތިން ދަރިން ލިބިފައިވަނީ އޭނާއަށް ދުވަހަކުވެސް ކުއްޖަކު ނުލިބޭނެ ކަމަށް ޑޮކްޓަރުން ބުނެފައި ވަނިކޮށެވެ.

"އަހަރެންގެ ހިތުގައި މަންމައަކަށް ވުމުގެ ޝުއޫރު އަބަދުވެސް އޮވޭ. ސްކޫލް ދައުރުގައި ލިޔާ މަޒްމޫނުތަކުގައި ވެސް އަބަދު ލިޔެވެނީ 'އަހަރެން މަންމައަކަށް ވީމަ' މި މައުލޫއަށް، މަންމައަކަށް ވުމުން ކަންކަން ކުރާނެ ގޮތްގޮތުގެ ވާހަކަތައް،" އިންޑިޔާގެ ލައިފްސްޓައިލް ވެބްސައިޓަކަށް ނީތާ ދީފައިވާ އިންޓަވިއު އެއްގައި ބުނެފައި ވެއެވެ.

މަންމައަކަށް ވުމުގެ އުންމީދުގައި ހުރި ނީތާއަށް ކައިވެންޏަށްފަހު ދަރިއަކު ނުލިބިގެން އެންމެ ފަހުން ޑޮކްޓަރަށް ދެއްކުމުން ޑޮކްޓަރުން ދިން ޚަބަރުން ނީތާގެ ހިތް ކުދިކުދި ވިއެވެ.

"ޑޮކްޓަރުން ބުނި އަހަރެންނަށް ދުވަހަކުވެސް ދަރިއަކު ނުލިބޭނޭ،" ނީތާ ބުންޏެވެ.

އެންމެފަހުން އައިވީއެފް ހަދައިގެން ވަރަށް ހާލުން، ވަރަށް ދުވަހު ވޭނުގައި އުޅެގެން ނީތާ ބަލިވެ އިނެވެ. އެއްމާބަނޑު ދެބެންނަށެވެ. ނަމަވެސް އޭނާގެ ސިއްހީ ހާލަތު ހުރި ގޮތުން ބަނޑަށް ހަތް މަހުގައި މެޑިކަލް އިމަޖެންސީއެއް ދިމާވެ، ކުދިން ނަގަން މަޖްބޫރުވިއެވެ. ނަމަވެސް މިކަންވެސް ނީތާ ނެގީ ޕޮޒިޓިވް ކޮށެވެ. އޭނާއަށް ހަގީގަތުގައި ކުދިން ހޯދުމުގައި ކާމިޔާބުވީ ވެސް އޭނާގެ ހުންނަ ޕޮޒިޓިވް މިޒާޖުންނެވެ.

އޭގެ ތިން އަހަރު ފަހުން ނީތާ އަށް އަނެއްކާވެސް ފިރިހެން ދަރިއަކު ލިބުނެވެ. އަނަންތު އަމްބާނީ އެވެ. ދުވަހަކު މަންމައަކަށް ނުވާނޭ ޑޮކްޓަރުން ބުނެފައި ވިޔަސް، އަނަންތު އަކީ ނީތާ ގުދުރަތީ ގޮތުން ބަލިވެ އިނދެ ލިބުނު ދަރިއެކެވެ.

މައިންބަފައިންގެ މުއްސަނދިކަމުގެ ސަބަބުން ދަރިން ހަލާކުވާކަށް ނީތާ ބޭނުމެއް ނުވި އެވެ. އެހެންވެ ވަރަށް ކުޑައިރުއްސުރެ ދަރިންނަށް މުއްސަނދިކަމުގެ އިހްސާސް ނީތާ ނުކުރުވަ އެވެ.

"އަހަރެންގެ ކުދިން ކުޑައިރު ކޮންމެ ހުކުރު ދުވަހަކު ކޮންމެ ކުއްޖަކަށް ވެސް ކެންޓީނުން އެއްޗެއް ކާލަން 5 ރުފިޔާ ދެން. އެއް ދުވަހަކު ހަގު ދަރިފުޅު އަނަންތު ދުވެފައި އައިސް ބުނެފި އޭނާއަށް 5ރ ގެ ބަދަލުގައި 10ރ ދޭށޭ. އަހަރެން އަހައިފިން ކީއްވެހޭ 10ރ ހޯދަނީ. އަނަންތު ބުނި ސްކޫލްގެ އެކުވެރިން މަލާމާތް ކުރަނިއްޔޭ އޭނާ ކޮންމެ ފަހަރަކު 5 ރުފިޔާގެ ކޮއިން އެއް ނަގާތީ. އެކުދިން އަހައޭ ތީ އަމްބާނީއެއްހޭ ނޫނީ ބިކާރީއެއް (ސަލާންޖަހާ ކުއްޖެއް) ހެއްޔޭ؟" ނީތާ ކިޔައިދިނެވެ. ނީތާ ބުނި ގޮތުގައި އެ ދުވަހު އޭނާ އާއި ފިރިމީހާ މުކޭޝް އަމްބާނީ އަށް ވަރަށް ހެވުނެވެ.

ނީތާގެ އަތުގައި އަގުބޮޑު އެތައް 100 ކާރެއް އޮތަސް އޭނާގެ ދަރިން ކޮލެޖަށް ވެސް ފޮނުވީ އާއްމުން ދަތުރުކުރާ ބަހުގަ އެވެ.