އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ މައްޗަށް އުފުލާފައި ހުރި ދައުވާތައް އަޑުއިއްވުމަށް އަންގާރަ ދުވަހު ނިއުޔޯކްގެ މެންހަޓަން ކޯޓަށް ހާޒިރުވެ ވަޑައިގަތުމުން ވަނީ ހައްޔަރުކޮށްފަ އެވެ.
ޓްރަމްޕްގެ މައްޗަށް 34 ދައުވާއެއް އުފުލި ނަމަވެސް، އޭނާ ވަނީ އެ ހުރިހާ ދައުވާއަކަށް އިންކާރު ކުރައްވާފަ އެވެ.
ދައުވާތައް އިއްވުމާ އެކު ކޯފާ އިސްކުރައްވައި ކޯޓުން ނުކުމެ ވަޑައިގެން ނިއުޔޯކް ދޫކުރައްވައި ޓްރަމްޕް ވަނީ ފްލޮރިޑާއަށް އެނބުރި ވަޑައިގެންފަ އެވެ. އަދި ކުރިންވެސް ރާވާފައި އޮތް ގޮތަށް އޭނާގެ ރިސޯޓް ގަނޑުވަރު، މާރަލާގޯގައި ސަޕޯޓަރުންނާ މުޚާތަބުކުރައްވައި ވަނީ ވާހަކަދައްކަވާފަ އެވެ.
ޓްރަމްޕް ވިދާޅުވި ގޮތުގައި އޭނާ ހައްޔަރުކުރުމަކީ ޕްރޮސެކިއުޓަރުން ހެދި ވަރަށް ބޮޑު ގޯހެކެވެ. އެމެރިކާގެ ހަޔާތުގައި ވެސް ރައީސްކަން ކުރެއްވި މީހެއްގެ މައްޗަށް ޖިނާއީ ދައުވާއެއް އުފުލައި ކޯޓަށް ހާޒިރުކޮށްފައި ނުވާއިރު، ޓްރަމްޕަށް ދައުވާކުރުމަކީ ޑިމޮކްރެޓުންގެ ހިތުގައި އޭނާއަށް އޮތް ނަފުރަތު ކަމަށް ސިފަކުރެއްވި އެވެ.
ޓްރަމްޕް ވިދާޅުވީ 2016 ގައި އެމެރިކާގެ ރައީސްކަން އޭނާއަށް ލިބިވަޑައިގަތުމުން ޑިމޮކްރެޓުން ވަރަށް ހަސަދަވެރިވި ކަމަށެވެ. އަދި ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަކޮށްފާނެތީ އެ ފުރުސަތު ބަންދުކުރަނީ ކަމަށް ވެސް ވިދާޅުވި އެވެ.
ޓްރަމްޕް ވިދާޅުވީ އެމެރިކާގައި މިފަދަ ކަމެއް ހިނގާފާނެ ކަމަށް ދުވަހަކު ވެސް ގަބޫލުނުކުރައްވާ ކަމަށެެވެ. އޭނާ އަކީ ދުވަހަކު ވެސް ކުށެއް ކުރެއްވި ބޭފުޅެއް ނޫން ކަމަށް ވިދާޅުވާ ވިދާޅުވުން ތަކުރާރު ކުރައްވައި ޓްރަމްޕް ވިދާޅުވީ އޭނާ ކުރިހާ ވެސް ކުށަކީ ޖެހިލުމެއް ނެތި ގައުމުގެ ދިފާއުގައި ނުކުންނަވައި -- އެމެރިކާ ހަލާލުކޮށްލަން ރާވައިގެން ތިބި ބައެއްގެ ކިބައިން ގައުމު ސަލާމަތްކުރުން ކަމަށެވެ.
އޭނާ ހައްޔަރު ކުރުމަކީ ވޯޓު ފޮށިން ބަލި ނުކުރެވޭނެކަން ޔަގީންވުމުން ޑިމޮކްރެޓުން ރާވައިގެން ހިންގާ ޖަރީމާއެއް ގޮތުގައި ޓްރަމްޕް ސިފަކުރެއްވި އެވެ.
އެމެރިކާ މިހާރު އޮތީ ބަނގުރޫޓުވާން މިސްރާބު ޖަހާފައި ކަމަށް ޓްރަމްޕް ވިދާޅުވި އެވެ. އޭނާއަށް ވެރިކަން ގެއްލި ވަޑައިގަތުމާ ހަމައިން އެމެރިކާގައި ކުށްކުރާ މީހުން ގިނަވެއްޖެ ކަމަށާއި ތަކެތީގެ އަގު އިންތިހާއަށް ބޮޑުވެއްޖެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެމެރިކާގެ ވެރިކަމުގައި މިހާރު ތިބި ބަޔަކަށް ނުކުރެވިގެން އުޅޭ ކަމަކީ އެމެރިކާ ވެސް ޝާމިލްވާ ގޮތުން ތިން ވަނަ ބޮޑު ހަނގުރާމަ ފެށުން ކަމަށްވެސް ޓްރަމްޕް ވިދާޅުވި އެވެ.
ޑޮނަލްޑް ޓްރަމްޕްގެ މައްޗަށް އުފުލާފައި ހުރި ދައުވާތަކުގެ ތެރޭގައި ބަދުއަޚުލާގީ މައްސަލައެއް ވެސް ހިމެނެ އެވެ. އަދި ވިޔަފާރީގައި މަކަރު ހައްދަވައި އަދި ޓެކުހުން ރެކިވަޑައިގަތުމަށް ހިސާބުތައް އޮޅުވާލެއްވުންވެސް ހިމެނެ އެވެ.
އެމެރިކާގައި 2016 ގައި އޮތް ރިޔާސީ އިންތިހާބު ކާމިޔާބުކުރެއްވުމަށް ޓްރަމްޕް މަކަރުހައްދަވައި ގާނޫނާއި ގަވައިދާ ޚިލާފު މުއާމަލާތްތަކެއް ހިންގެވި ކަމަށްވެސް ޕްރޮސެކިއުޓަރުން ވިދާޅުވި އެވެ.