ކޮލަމް

ލޯތްބާއެކު ދިރިއުޅެން ދަސްކުރި ނަމަ!

Jan 25, 2015
2

އަޅުގަނޑުވެސް މީގެ ދުވަސްތަކެއް ކުރިން ރާއްޖެއިން ބޭރުން ކޮންމެވެސް ވަރަކަށް ތަޢުލީމު ޙާޞިލު ކުރީމެވެ. ޅަޒުވާން ޢުމުރުން ދުވަސްތަކެއް، ޢާއިލާއާ ދުރުގައި، ރަޙްމަތްތެރިން ތަކަކާއެކު ދިރިއުޅުނީމެވެ. އެއީ، ލައްކަ ގިނަ ކަންކަން ދަސްވެގެން ދިޔަ ދުވަސްވަރެކެވެ. އެދުވަސްވަރު ދަސްވި ކަންކަމުގެ އަސަރު އަޅުގަނޑުގެ މުޅި ޢުމުރަށް އަދި މިހާތަނަށް ކުރަމުންދެއެވެ. މިގޮތުން އޭރު ފަރިތަވި ދެތިން ކަމެއްގެ ވާހަކަ ދަންނަވާލާނަމެވެ. އެއިން އަޅުގަނޑަށާއި، ކިޔުންތެރިންނަށް ޢިބުރަތެއް ލިބޭނެ ކަމަށް ދެކިގެންނެވެ. އަދި އެކަންކަން ދަސްކޮށްދެއްވި ބޭފުޅުންނާމެދު އަޅުގަނޑުގެ ހިތުގައި އޮތް ލޯތްބާއި، ޤަދަރާއި އިޙްތިރާމުގެ ހަނދާން އައުކޮށް، ޝުކުރު ވެރި ވުމުގެ ގޮތުންވެސްމެއެވެ.

އަޅުގަނޑުމެންނާއެކު ކިޔަވަން އުޅުނު ކުދިން ނިކަން ޅައެވެ. ގިނަ ކުދިންނަކީ، މުޅިން އަލަށް ރާއްޖެއިން ބޭރަށް ދަތުރު ކުރި ކުދިންނެވެ. މަތީ ތަޢުލީމު ޙާޞިލުކުރަން ދިއުމަށް ލިބުނީ މާބޮޑުތަނަކުން ތަރައްޤީވެ ކުރިއަރާފައިވާ ޤައުމަކަށް ނޫނެވެ. ނަމަވެސް، ޤަދީމީ ޙަޟާރަތުގެ ގޮތުން އެއީ ދުނިޔޭގެ އެއްވަނައެވެ. އަޅުގަނޑުމެން އެންމެން، ދުވަސްވީ މީހަކާ ނުލައި، ދިގު ދަތުރެއް ކުރަން ލިބުމުން ޠަބީޢީ ގޮތުން އަޅުގަނޑުމެންގެ ތެރެއިން ލީޑަރުންތަކެއް އުފަންވިއެވެ. ފުރަތަމަ ދަތުރުގައެވެ. އެލީޑަރުންނަކީ މިއަދު މިޤައުމުގެވެސް ލީޑަރުންގެ ގޮތުގައި ތިއްބެވި ބޭފުޅުންނެވެ. މަތީ މަޤާމުތަކުގައެވެ. ފަނޑިޔާރުކަމުގައެވެ. ސިޔާސީ މަޤާމުތަކުގައެވެ. ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮތުގައެވެ. އެހެންވެސް، ފަންނީ ވަޒީފާތަކުގައެވެ. ޤައުމު ފަޚުރުވެރިވާ ދަރިންގެ ގޮތުގައެވެ. މިހުރިހާ ކަމެއް ފެށިގެން އައީ އެންމެ ދަތުރަކުންނެވެ. އޭގެ ފަހުން، ކިޔަވާ ކުދިންގެ ޖަމްޢިއްޔާއާއި، ޢިލްމީ އަދި، ކުޅިވަރާއި އިޖްތިމާޢީ އެހެން ޙަރަކާތްތަކުން، އެލީޑަރުންގެ ހުނަރު އިތުރު ނުވާ ވާހަކައެއް ނޫނެވެ. އެކަންވެސް ވިއެވެ. ނަމަވެސް، އެލީޑަރުން ފައުޅުވުމުގެ ފުރަތަމަ ހިލަން ފެނިގެން ދިޔައީ މިދެންނެވި ދަތުރުންނެވެ.

އޭގެ ފަހެވެ. އަޅުގަނޑުގެ ޙަޔާތަށް އެންމެ ބޮޑު އަސަރެއް ކުރުވި އެއް ދުވަހެވެ. ކަން ދިމާކުރި ގޮތުން، އަޅުގަނޑާއެކު އެއް ކޮޓަރިއެއްގައި ހަތަރު އަހަރަށްވުރެ ގިނަ ދުވަސް ހޭދަކުރި އަޅުގަނޑުގެ އަޚު، ކިޔަވާ ނިމިއްޖެއެވެ. އޭރު އަޅުގަނޑުމެންނާއެކު ޖުމްލަ ހައެއްކަ ކުދިން އެގޭގައި އުޅެއެވެ. ކިޔަވާ ނިމިގެން އެނބުރި ރާއްޖެއަށް ފުރުމުގެ ކުރިން އަޅުގަނޑުމެން އެންމެން އެއްކޮށްފިއެވެ. އެއަށްފަހު، ވަދާޢީ ޚުޠުބާއެއް އޭނާ އިއްވިއެވެ. މިޚުޠުބާގެ މައުޟޫޢަކީ ލޯތްބެވެ. އޭނާ އަޅުގަނޑުމެންނަށް ދޫކުރި އެންމެ އިޚްލާޞްތެރި ބަސްތަކަކީ، "ކަލޭމެން ކުދިން އެކަކު އަނެކަކު ދެކެ ވަރަށް ބޮޑަށް ލޯބިވާށޭ" އެވެ. އިޚްލާޞްތެރި ލޯބިވާށޭއެވެ.

މިކަމާ އަޅުގަނޑު ވަރަށް ބޮޑަށް ވިސްނީމެވެ. ލޯތްބަކީ ކޮން އެއްޗެއްބާއެވެ. ލޯބި ވާނީ ކިހިނެތްބާއެވެ. މިއީ ހާދަ ބޮޑު މައުޟޫޢެކެވެ. ކޮންމެއަކަސް، އަޅުގަނޑުގެ އަޚް، އެއިޝާރާތްކުރި ލޯތްބަކީ އަޚުވަންތަކަމުގެ ލޯބިކަން އަޅުގަނޑަށް އެނގުނީ އެކަމާ ވިސްނުނު ވަރުންނެވެ. ލޯބީގައި ޢިޝްޤީ ލޯތްބާއި، ޢާއިލީ ލޯތްބާއި، އިންސާނީ ލޯތްބާއި، މިހެން ގޮސް އެތައް އެތައް ވައްތަރެއްގެ ލޯބި ހުންނަކަން އަޅުގަނޑަށް އިޙްސާސް ކުރެވުނެވެ. އަޅުގަނޑުގެ އަޚު، އިލްތިމާސްކުރި ލޯތްބަކީ އަޚުވަންތަކަމުގެ ލޯތްބެވެ. އެލޯބިން ލޯބިވީމާ، އެކަކު އަނެކަކާ ދެމެދު އޮންނަ ނުތަނަވަސްކަން ފިލައިދެއެވެ. އެކަކު އަނެކަކަށް އިންޞާފުވެރިވެވެއެވެ. އަޅާލެވެއެވެ. އޭރު އެކަން އަޅުގަނޑުމެންނަށް އިޙްސާސްކުރެވުނީ ޢާންމު ދިރިއުޅުމުގެ ތެރޭގައެވެ. އެކަކު އަނެކަކަށް ކަޅު ސައި ހަދައިދިނުމުގައެވެ. ކެއްކުމުގައި ފަރުވާ ބެހެއްޓުމުގައެވެ. އެކަކު އަނެކަކުގެ ތަކެއްޗަށް ރައްކާތެރިވުމުގައެވެ. އެކަކު އަނެކަކަށް ބަލައިގެން އުޅުމުގައެވެ. ބަލިވީމާ ޑޮކްޓަރަށް ގެންދިއުމުގައެވެ. ފައިސާގެ ގޮތުން ދަތިވީމާ، އެކަކު އަނެކަކަށް އެހީތެރިވެދިނުމުގައެވެ. މިހެންގޮސް، ދުނިޔަވީ ހުރިހާ ކަމެއްގައި، އެކަކު އަނެކަކު ދެކެ ލޯބިވެގެން އުޅެން އަޅުގަނޑުމެންނަށް ދަސްވިއެވެ. ފަރިތަވިއެވެ.

މިއަދު، އަޅުގަނޑުމެންގެ ތެރެއިން ލޯތްބާއެކު ދިރިއުޅެން ދަސްކުރި ކުދިން، ޤައުމުގެ އިސް މަޤާމުތަކުގައި ތިބޭއިރު، އެމީހުން ރައްޔިތުން ދެކެ ލޯބިވާނެކަމުގެ ޔަޤީންކަމާއި އިތުބާރު އަޅުގަނޑަށް އޮވެއެވެ. މީހުންނަކަށް ޡުލްމުވެރިއެއް ނުވާނެއެވެ. ފަނޑިޔާރު ކަމުގައި ތިއްބެވި (މިދެންނެވި ބޭފުޅުން) ކޮރަޕްޝަނުގެ ޢަމަލެއް ނުހިންގާނެއެވެ. މީހުންނާމެދު ނުބައިކޮށެއް ނުދެކޭނެއެވެ. ޣީބަ ބުނެއެއް ނަހަދާނެއެވެ. މިކަންކަން އަޅުގަނޑުމެންނަށް ދަސްވީ، އަޅުގަނޑުމެންގެ އަޚު، އެވާހަކަ އަޅުގަނޑުމެންނަށް ހަނދާން އައު ކޮށްދެއްވައި، އެކަން އެގޮތަށް ކުރާނޭ ގޮތް ދަސްކޮށްދެއްވީތީއެވެ.

އަޅުގަނޑު ދަންނަވަން މިއުޅޭ ވާހަކައަކީ، ތަޢުލީމީ އައު އަހަރެއް ފެށިގެން، މިހަފްތާގެ ތެރޭގައި މުޅި ދިވެހިރާއްޖެ ޢިލްމު އުނގެނުމުގެ މަގުން ހިނގަން ފަށާއިރު، އެކަކު އަނެކަކު ދެކެ އިޚްލާޞްތެރި ކަމާއެކު ލޯބިވެ އުޅުމަށް އިސްކަންދޭކަށް ނުވޭބާއެވެ. މިވާހަކަ، އަޅުގަނޑުމެންގެ ވަރުވަރުގެ ވެރިންގެ ޚިޠާބު ތަކުގައި ނުދައްކަވާތީ އަޅުގަނޑު ދެރަވެއެވެ. އަޞްލު ޙަޤީޤީ ލޯތްބަކީ، އިޚްލާޞްތެރިކަމާއެކު އެކަކު އަނެކަކު ދެކެ ވެވޭ ލޯބި ނޫންބާއެވެ. އެލޯތްބަށް ތަޢުލީމީ ދާއިރާގައިވެސް އިސްކަންދޭންވާނެ ނޫންބާއެވެ. އަޅުގަނޑުމެންގެ މާތްވެގެންވާ އިސްލާމް ދީނުގައިވެސް މިކަން މިމަގުން އަންގަވާފައިވެއެވެ. އެއްވެސް މީހެއްގެ އީމާންތެރިކަން ފުރިހަމަވާހުށީ، އޭނާގެ އަމިއްލަ ނަފްސަށް އެދޭ ކަމެއް، އޭނާގެ އަޚާއަށްވެސް އެދޭނަމަ ކަމަށް ރަސޫލާ (ޞ) ޙަދީޘް ކުރައްވާފައިވެއެވެ.

މިފުރުޞަތުގައި، އަޅުގަނޑަށް ލޯބިވުމަށް އިލްތިމާސްކުރެއްވި އަޅުގަނޑުގެ އަޚަށް ނުހަނު ލޯތްބާއެކު ޝުކުރު ދަންނަވަމެވެ. ތިޔަ ދަސްކޮށްދެއްވި ފަލްސަފާއަކީ މާތް ﷲ ގެ އަމުރުފުޅުން، މުޅި އުއްމަތުގެ މަސާރު ބަދަލުކޮށްދެއްވި ފަލްސަފާއެކެވެ. އެކަން އަޅުގަނޑުމެން ދަންނަމެވެ. މަނިކުފާނު ދެކެވެސް އަޅުގަނޑު ނުހަނު ބޮޑަށް ލޯބިވަމެވެ.