ލައިފްސްޓައިލް

ވޭޕްކުރި ޒުވާން ކުއްޖަކު ތަހައްމަލުކުރި ވޭންތައް

ވޭޕްކުރާތާ ހަ އަހަރު ވެފައިވާ ޓީންއޭޖް ފުރައިގެ ފިރިހެން ކުއްޖެއްގެ ފުއްޕާމޭގެ މަސައްކަތް ހަތަރު ފަހަރަށް ހުއްޓި ވަރަށް ވޭން ތަހައްމަލުކުރަން ޖެހުނު ކަމަށް މި ކުއްޖާ ބުނެފި އެވެ.

އެމެރިކާގެ ސްޓޭޓެއް ކަމަށްވާ ވެސްޓް ވާޖީނިއާގައި ދިރިއުޅޭ 19 އަހަރުގެ ޑްރެވަން ހެޓްފީލްޑް ބުނި ގޮތުގައި 30 އަހަރު ދުންފަތުގެ އިސްތިއުމާލުކުރުމުން އިންސާނެއްގެ ހަށިގަނޑު ހުންނަ ހާލަތަށް މިހާރު އޭނާގެ ހަށިގަނޑު ވެއްޓިފައި ވެއެވެ.

ހެޓްފީލްޑް ބުނި ގޮތުގައި އޭނާ ވޭޕްކުރަން ފެށީ އުމުރުން 13 އަހަރުގަ އެވެ. އެކަން ފެށިއިރު އޭނާ ހީކުރީ މިއީ އެއްވެސް ގެއްލުމެއް ނެތް ޒަމާނާ ގުޅޭ ކަމެއް ކަމަށެވެ.

ކިޔަވަމުން އަމިއްލަ މަސައްކަތްކުރާ ހެޓްފީލްޑް އަށް ވޭޕްކުރަން ފެށިތާ ކުރީކޮޅު އެއްވެސް މައްސަލައެއް ދިމައެއް ނުވެ އެވެ. އޭނާގެ ސިއްހީ ހާލަތު ގޯސްވާން ފެށީ 2021ގެ އޮކްޓޯބަރު މަހު އެވެ. އެންމެ ފުރަތަމަ އޭނާއަށް ވާން ފެށި ގޮތަކީ ވަރަށް ގަދަޔަށް މޭގައި ރިއްސުމެވެ. އަދި އަކުނިވަޔަށް ދެމުން ފަދަ މައްސަލަތައް ވެސް ދިމާވަމުން ދިޔަ އެވެ.

އެ ފަހަރު ޑޮކްޓަރުން ހެޓްފީލްޑް ކައިރީ ބުނީ އޭނާއަށް ކުރިމަތިވެގެން އުޅެނީ ނިއުމޯތޮރެކްސް ކިޔާ ސިއްހީ މައްސަލައެއް ކަމަށެވެ. މި މައްސަލަ ކުރިމަތިވަނީ ފުއްޕާމެޔާއި ޗެސްޓް ވޯލްގައި ވައި ބޮކިތަކެއް ތާށިވެފައި ހުރުމުންނެވެ.

"ޑޮކްޓަރުން ބުނި ވޭޕް ކުރުމުގެ ސަބަބުން ވައި ބޮކިތަކެއް އަހަރެންގެ ފުއްޕާމޭގައި އުފެދިފައި އެބަހުއްޓޭ. އަދި އެ ބޮކިތައް ފަޅައިގެން ގޮސް ވައިތައް އެތެރެހައްޓަށް ލީކްވުމުން ފުއްޕާމޭގެ މަސައްކަތް ހުއްޓެނިއްޔޭ،" ހެޓްފީލްޑް ބުންޏެވެ.

ފުރަތަމަ މެޔަށް ތަދުވާން ފެށިފަހަރު ހެޓްފީލްޑް އަށް ހޮސްޕިޓަލުގައި ވަރަށް ވޭނީ ހާލަތެއްގައި އޮންނަން ޖެހުނެވެ. ހޮސްޕިޓަލުގައި އޮތް ދުވަސްތަކުގައި އޭނާގެ މެޔަށް ވެސް ހޮޅިއެއް ލައްވާފައި ހުއްޓެވެ. އެ ފަހަރު ރަނގަޅުވެގެން ގެޔަށް ދޫކޮށްލުމުން އަނެއްކާވެސް ވަޒީފާ އަށް ދާން ފަށައި، ދެވަނަ ފަހަރަށް ވެސް ވޭޕްގެ އަވައިގައި ޖެހުނީ އެވެ.

ހެޓްފީލްޑް ބުނި ގޮތުގައި އޭނާގެ ފުއްޕާމޭގެ މަސައްކަތް ހުއްޓެނީ ވޭޕްކުރުމުގެ ސަބަބުން ކަމަކަށް އޭނާގެ އަމިއްލަ ނަފްސަށް އޭރު ގަބޫލެއް ނުކުރެވެ އެވެ. މިގޮތަށް ތިން ފަހަރު އޭނާގެ ފުއްޕާމޭގެ މަސައްކަތް ހުއްޓުނު ފަހުން ވޭޕް ކުރުން ހުއްޓާލި ކަމަށް އޭނާ ބުންޏެވެ.

"ހަތަރު ވަނަ ފަހަރަށް އަހަރެންގެ ފުއްޕާމޭ ކޮލެޕްސްވީ ސްކޫލްގައި އިންދާ. އަހަރެންނަށް އެނގުނު ވަގުތުން އެހެންކަން މިވީ،" ހެޓްފީލްޑް ބުންޏެވެ.

"އެ ފަހަރު އަހަރެން ހޮސްޕިޓަލަށް ގެންދިއުމުން ސާޖަރީއެއް ހަދައި ފުއްޕާމޭގައި ހުރި ވައި ބޮކިތައް ނެގި،" ހެޓްފީލްޑް ބުންޏެވެ.

ހެޓްފީލްޑް ކިޔައިދިން ގޮތުގައި ސާޖަރީ އަށްފަހު އޭނާ ރަނގަޅުވި ނަމަވެސް އުމުރަށް ނުފިލާ ހުންނަ ވަރުގެ ކަންކަން އޭނާގެ ހަށިގަނޑަށް ވަނީ ކުރިމަތިވެފަ އެވެ. މިހާރުވެސް ބައެއް ފަހަރަށް އޭނާގެ ބުރަކަށީގައި ރިއްސަ އެވެ. އަދި ފުއްޕާމޭ ކޮލެޕްސް ވީތަނުގައި ވެސް ބައެއް ފަހަރު ރިއްސަ އެވެ.

"ބައެއް ފަހަރު ވަރަށް ގަދަޔަށް ރިއްސާ. އަދި އަހަރެންގެ މޭގައި ވަރަށް ގިނަ ލަކުނުތައް ލައިފި. މިހާރުވެސް މޭގައި ރިއްސަން ފެށުމުން ފުއްޕާމޭ ކޮލެޕްސް ވަނިއްޔޭ ހިތަށް އަރާ،" ހެޓްފީލްޑް ބުންޏެވެ.

ހެޓްފީލްޑް މިހާރު ވަނީ ވޭޕްކުރުން މުޅިން ހުއްޓާލާފަ އެވެ. އަދި ނިކޮޓީން ގަމްގެ އެހީގައި ވޭޕް ކުރުމާ ދުރަށް ދާން އޭނާ ދަނީ މަސައްކަތް ކުރަމުންނެވެ.

އޭނާ ބުނި ގޮތުގައި ވޭޕްކުރާ އޭނާ ކަހަލަ ޒުވާނުންނަށް މީގެ ނުރައްކާތެރިކަން ކިޔައިދީ އިންޒާރުކުރަން އޭނާ ބޭނުމެވެ.

"އަހަރެން ދެން ދުވަހަކުވެސް ވޭޕްގައި އަތެއް ނުލާނަން. އަދި ދުންފަތުގެ އިސްތިއުމާލެއް ނުކުރާނަން. އަހަރެންނަށް ޔަގީން އަހަރެންގެ ސިއްހަތަށް މިލިބުނު ބޮޑު ގެއްލުމުގެ އަސްލަކީ ވޭޕްކުރުންކަން. އަދި އަހަރެންގެ ސްޕެޝަލިސްޓް އާއި ލަންގް ޑޮކްޓަރަށް ވެސް ޔަގީންވޭ އަހަރެންގެ ފުއްޕާމޭ ކޮލެޕްސް ވާން މެދުވެރިވީ ވޭޕްކޮށްގެން ކަމަށް،" ހެޓްފީލްޑް ބުންޏެވެ.

އެހެން ބުންޏަސް މިހާރުވެސް އޭނާ ޑިސްޕޯސަބަލް ވޭޕް ޕެން އެއް ބައެއް ދުވަސް ދުވަހު ބޭނުން ކުރެ އެވެ. ނަމަވެސް މިކަން އެއްކޮށް ހުއްޓާލެވޭތޯ އޭނާ ގެންދަނީ ވަރަށް މަސައްކަތް ކުރަމުންނެވެ.