ދުނިޔެ

އެމެރިކާ ރުހުނަސް، ނުރުހުނަސް ހެޔޮ: މުހައްމަދު ބިން ސަލްމާން

އެމެރިކާ އިން ކަންކުރަން ޖެހޭނީ އެވެނި މިވެނި ގޮތަކަށް ކަމަށް ބުނެ ގޮތްފޮތް ކިޔައިދިނުމަކީ ސައޫދީ އަރަބިއްޔާއަށް ކުރެވޭނެ ކަމެއް ނޫން ކަމަށް ސައޫދީގެ ބޮޑުވަޒީރު އަދި ވަލީއަހުދު މުހައްމަދު ބިން ސަލްމާން (އެމްބީއެސް) ވިދާޅުވެއްޖެ އެވެ.

ބިން ސަލްމާން ވިދާޅުވީ ސައޫދީއަށް ގޮތްފޮތް ކިޔައިދީ ދުނިޔޭގެ ސިޔާސަތު ބައްޓަން ކުރުމަކީ އެމެރިކާއަށް ވެސް ކުރެވިގެން ވާނެ ކަމެއް ނޫންކަން ގަބޫލުކުރަން ޖެހޭ ކަމަށެވެ.

އެމެރިކާގެ ރައީސް ޖޯ ބައިޑަން އަކީ އެމްބީއެސްގެ އިޚުތިޔާރީ ލީޑަރެއް އަދި ސަޚުސިއަޔަތެއް ވެސް ނޫން ކަމަށް މުހައްމަދު ވިދާޅުވި އެވެ. ސައޫދީ ކުރިއަރައި ދިއުމަށް ހުރި ރޭވުންތަކުގައި ޖޯ ބައިޑަންގެ އެއްވެސް އެހީތެރިކަމެއް ބޭނުން ނުވާ ކަމަށްވެސް ވިދާޅުވި އެވެ.

ސައޫދީ ބޮޑުވަޒީރު ވިދާޅުވީ އެމެރިކާއަށް ދެން ސައޫދީން ކަމެއް ކޮށްދޭނީ ބަދަލުގައި ސައޫދީން ބޭނުންވާ އެއްޗެއް ދިނުމުން ކަމަށެވެ.

މުހައްމަދު ބިން ސަލްމާން މި މޭރުމުން ވާހަކަދެއްކެވި ސަބަބަކީ އޯޕެކް ޕްލަސް ގައުމުތަކުން ދުނިޔޭގެ ބާޒާރަށް ނެރޭ ތެލުގެ އަދަދު މަދުކުރަން ނިންމި ނިންމުން ބަދަލުކުރުމަށް އެމެރިކާގެ އޮފިޝަލުން ގޮވާލައި ބުއްދިލައިދިނުމާ ގުޅިގެންނެވެ.

ދުނިޔޭގެ ނުފޫޒުގަދަ ގައުމުތަކުގެ ސިޔާސަތުގައި ބައެއް ގައުމުތައް ފިތި ބާރުވެފައި އޮތް މިދުވަސްވަރު އެމެރިކާއަށް އޮތް ތަރުހީބާއި އެއްބާރުލުން ދަނީ ގެއްލެމުންނެވެ.

އެމެރިކާއަށް ބަރޯސާކުރުން ދޫކޮށްލައި އަދި ވަކިން ޚާއްސަކޮށް އެމެރިކާ ޑޮލަރު ދޫކޮށްލައި ގައުމުތަކުގެ މެދުގައި މަގުބޫލު ކޮންމެވެސް އެހެން ފައިސާއަކުން މާލީ މުއާމަލާތްތައް ފުރިހަމަކުރުމަށް ދަނީ ވިސްނަމުންނެވެ.

މިއީ ސައޫދީ އާއި ރަޝިއާ، އިންޑިއާ އަދި ޗައިނާ އިސްނަގައިގެން ދުނިޔޭގެ މާލީ ނިޒާމަށް ގެންނަން ވިސްނާ ބަދަލުތަކެެކެވެ.

ދުނިޔޭގެ މާކެޓަށް އެންމެ ގިނައިން ތެޔޮ ނެރޭ ސައޫދީ އަރަބިއްޔާގެ ބުނުން މި އިސްނެގުމުގައި ވަރަށް ބާރުގަދަ ކަމަށް ބެލެވެ އެވެ.

ގައުމުތަކާ ގުޅިގެން ދުނިޔެއަށް މިފަދަ ބަދަލުތައް ނުގެނައުމަށް އެމެރިކާގެ އޮފިޝަލުން ސައޫދީއަށް ދަނީ ބާރުއަޅަމުންނެވެ.

ބިން ސަލްމާން ވިދާޅުވީ ވިސްނުމަކީ ހުސްއަތާ ތިބުން ނޫން ކަމަށެވެ. އެމްބީއެސް ވިދާޅުވި ގޮތުގައި ސައޫދީއަށް މުހިންމު ކަމެއް، މުހިންމު ކަމެއް ގޮތުގައި ނުދެކޭ ގައުމުތަކާ އެކު ދެމެހެއްޓެނިވި މަޝްވަރާއެއް ނޯންނާނެ އެވެ.