ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް)

ހުވަދު އަތޮޅުގައި ބޭނުންކުރާ އާރްޓީއެލްގެ ފުރަތަމަ ފެރީ ބަނދެފި

ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް)ގެ ހިދުމަތް ހުވަދު އަތޮޅުގައި ފެށުމަށް ބޭނުންކުރާ ފުރަތަމަ ފެރީ ބަނދެފި އެވެ.

މި ފެރީއަކީ އެމްޓީސީސީން ފެރީގެ ހިދުމަތް ދިނުމަށް މީގެ ކުރިން ބޭނުންކުރި ލޯންޗުތަކަށްވުރެ ބޮޑު ޖާގަ ތަނަވަސް ލޯންޗެކެވެ.

އެއްފަހަރާ 50 މީހުންނަށް ދަތުރުކުރެވޭ މި ފެރީ ބަނދެފައިވަނީ އަލްޝާލީ މެރިންއިންނެވެ. ފެރީ ހަދާފައިވަނީ ވީލްޗެއާ އަދި ސްޓްރެޗާ ބެހެއްޓޭނެ ޖާގައާއެކު އެވެ.

އެމްޓީސީސީން ބުނި ގޮތުގައި ހަ ލޯންޗާއެކު ހުވަދު އަތޮޅުގައި އާރްޓީއެލްގެ ހިދުމަތް މިއަހަރުގެ މެދު ތެރޭގައި ފެށޭނެ އެވެ.

ހުވަދު އަތޮޅުގައި އާރްޓީއެލްގެ ހިދުމަތް ފަށާ އެ އަތޮޅާއި ފުވައްމުލައް ސިޓީ އާއި އައްޑޫ ސިޓީ ގުޅާލާނެ ކަމަށް އެމްޓީސީސީން ވަނީ ބުނެފަ އެވެ.

އެމްޓީސީސީން ކުރިއަށް ގެންދާ އާރްޓީއެލްގެ ފެރީގެ ހިދުމަތް އިތުރަށް ފުޅާކުރުމަށްޓަކައި ބޭނުންވާ 65 ލޯންޗް ބަނުމަށް އަލް ޝާލީ މެރިން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކުރީ ސެޕްޓެމްބަރު 2022ގަ އެވެ.

ފެރީތައް ބަންނަން ހަވާލުކޮށްފައިވަނީ 537 މިލިއަން ރުފިޔާއަށެވެ.

ގައުމީ ފެރީ ނިޒާމު ނުވަތަ އާރްޓީއެލްގެ ހިދުމަތް ރަސްމީކޮށް ފެށީ ޖޫން 12، 2022ގަ އެވެ.

ގައުމީ ފެރީ ނިޒާމުގައި އަތޮޅުތައް ޒޯންތަކަށް ބެހިފައިވާ ގޮތް

  • ފުރަތަމަ ޒޯން: ހއ | ހދ | ށ
  • ދެވަނަ ޒޯން: ނ | ރ | ބ | ޅ
  • ތިންވަނަ ޒޯން: ކ | އއ | އދ | ވ
  • ހަތަރުވަނަ ޒޯން: މ | ފ | ދ | ތ | ލ
  • ފަސްވަނަ ޒޯން: ގއ | ގދ
  • ހަވަނަ ޒޯން: ފުވައްމުލައް | އައްޑޫ ސިޓީ

ހއ. އަތޮޅާއި އދ. އަތޮޅާއި ށ. އަތޮޅުގެ އިތުރުން ޅ. އަތޮޅުގައި އާރްޓީއެލްގެ ފެރީ ހިދުމަތް އަންނަނީ ދެމުންނެވެ.

ފެރީތަކުގައި މޯބައިލް ފޯން ޗާޖު ކުރެވޭނެ ގޮތާއި ފާހާނާ އާއި ލަގެޖަށް ހާއްސަ ކުރެވިފައިވާ ޖާގަ ވެސް ހުރެ އެވެ.