ފެމިލީ ކޯޓް

ތާރީހީ ބޮޑު ނިންމުމެއް: ކުއްޖާގެ ހަރަދު ބައްޕަގެ ފަރާތުން ދައުލަތަށް ދެއްކުމަށް އަމުރުކޮށްފި

Apr 6, 2023

ރައްކާތެރިކުރުމުގެ އަމުރެއްގެ ދަށުން ދައުލަތުގެ ބެލުމުގެ ދަށުގައި ބެހެއްޓުމަށް އަމުރުކޮށްފައިވާ ކުއްޖެއްގެ ހަރަދުތައް ދައުލަތަށް ދެއްކުމަށް ކުއްޖާގެ ބައްޕަގެ މައްޗަށް ފެމިލީ ކޯޓުން އަމުރުކޮށްފި އެވެ.

މިއީ މިފަދަ އަމުރެއް ދިވެހިރާއްޖޭގައި ކުރި ފުރަތަމަ ފަހަރެވެ. މިއަމުރު ނެރުއްވީ ފެމިލީ ކޯޓަށް އެންމެ ފަހުން އައްޔަންކުރެއްވި އަންހެން ގާޒީންގެ ތެރޭގައި ހިމެނޭ ގާޒީ ޒައީމާ ނަޝީދު އަބޫބަކުރު އެވެ.

މިކުއްޖާ ދައުލަތުގެ ބެލެމުގެ ދަށުގައި ބަހައްޓާފައި ހުރީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގެ 89 ވަނަ މާއްދާގެ (ށ)ގެ (1) ވަނަ ނަންބަރުގެ ދަށުން ނެރުނު ރައްކާތެރިކުރުމުގެ އަމުރެއްގެ ދަށުންނެވެ. ކުއްޖާގެ ހަރަދުތައް ދައުލަތަށް ދެއްކުމަށް އަމުުރުކުރީ ކުއްޖާ ދައުލަތުގެ ބެލުމުގެ ދަށުގައި ހުންނަ މުއްދަތުގަ އެވެ.

ފެމިލީ ކޯޓުން މި އަމުރު ނެރުނީ މައިންބަފައިންގެ ފަރާތުން ކުއްޖާއަށް ރައްކާތެރިކަން ފޯރުކޮށްދީފައި ނުވާތީއާއި، ކުއްޖާގެ އާއިލާގެ ތެރޭގައި ކުއްޖާއާ ހަވާލުވާނެ މީހަކު ނެތުމުން ކުއްޖާ ދައުލަތުގެ ބެލުމުގެ ދަށަށް ގެންގޮސް ދައުލަތުން ހުށަހެޅި މައްސަލައެއްގައި މިފަދަ އަމުރެއް ނެރެދިނުމަށް ދައުލަތުން ހުށަހެޅުމުންނެވެ.

ކުއްޖާ ބެލެހެއްޓުމަށް ހިނގާނެ ހަރަދު ކަނޑައެޅުމުގައި ދައުލަތުގެ ބެލުމުގެ ދަށުގައި ކުއްޖާ ބަހައްޓާފައިވާ ތަނުގައި ކުއްޖާ ހުންނަ މުއްދަތުގައި ކެއުމުގެ ޚަރަދާއި، ކުއްޖާ ބަހައްޓާފައިވާ ތަނުގެ ކަރަންޓް އަދި ފެނުގެ ޚަރަދާއި، ކުދިން ބެލެހެއްޓުމަށް މަސައްކަތްކުރާ މުވައްޒަފުންގެ މުސާރަ އާއި، އެތަނުގައި މަސައްކަތް ކުރާ ގުރުއާން މުދައްރިސުންގެ މުސާރައިން އެތަނުގައި މިވަގުތު ދިރިއުޅޭ ކުއްޖަކަށް ޖެހޭނެ މިންވަރަށް ކޯޓުން ބަލާފައިވެ އެވެ.

މީގެއިތުރުން ކުއްޖާގެ އަންނައުނާއި އެހެނިހެން ހަރަދުތަކުގެ ގޮތުގައި މަހެއްގެ މައްޗަށް ހޭދަކުރެވޭނެ މިންވަރަށާއި، އަދި ކުއްޖާއަކީ ހާއްސަ އެހީއަށް ބޭނުންވާ ކުއްޖެއް ކަމުން، ކުއްޖާ ނަގަންޖެހޭ ތަފާތު ތެރަޕީތަކަށް ހަރަދުވާނެ ކަމަށް އަންދާޒާ ކުރެވޭ މިންވަރަށްވެސް ކޯޓުން ރިއާޔަތްކޮށްފައިވެ އެވެ.

ކުއްޖާއަށް ކުރަންޖެހޭ މައިގަނޑު ހުރިހާ ހަރަދަކަށް ބެލުމަށްފަހު ގާޒީ ނިންމެވީ ކުއްޖާގެ ހަރަދަށް ކޮންމެ މަހަކު 16،219 ރުފިޔާ ކުއްޖާގެ ބައްޕަގެ ފަރާތުން ދައުލަތަށް ދެއްކުމަށެވެ. ކޯޓުން އަދަދު ކަނޑައެޅީ ކުއްޖާގެ ބައްޕަގެ ރުހުމާވެސް އެކު އެެވެ.

އަމުުރުގައި ބުނެފައިވަނީ ކުދިންގެ އަސާސީ ހަރަދުތައް ބެލެހެއްޓުމަކީ މައިންބަފައިންގެ އަސާސީ ޒިންމާއެއް ކަމަށެވެ. އެހެންކަމުން މައިންބަފައިން ދުނިޔޭގައި ތިބެ، ކުއްޖާ ބަލަހައްޓަމުން ގެންދަނީ ދައުލަތުން ނުވަތަ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން ކަނޑައެޅޭ މީހެއްނަމަ، ކުއްޖާގެ މައިންބަފައިން ކުއްޖާގެ ޚަރަދު، އެ ކުއްޖާ ބަލަހައްޓަމުން ގެންދާ މީހަކާ ހަވާލުކުރުން ގާނޫނުގައި ލާޒިމް ކޮށްފައިވާ ކަމަށްވެސް އަމުރުގައި ވެއެވެ. މައިންބަފައިން އެމީހުންގެ ދަރިންނަށް ދޭންޖެހޭ ހަރަދު ދިނުމުގައި އިހުމާލު ވެއްޖެނަމަ، މައިންބަފައިން ޒިންމާދާރު ކުރުވުމަކީ ދައުލަތުގެ ވާޖިބެއް ކަމުގައިވެސް އަމުރުގައި ފާހަގަކޮށްފައިވެ އެވެ.