ސައޫދީ އަރަބިއްޔާ އާއި އޮމާންގެ ވަފުދެއް ޔަމަނަށް ދަތުރުކުރަނީ އެވެ. ބޭނުމަކީ އަށް އަހަރަށް ދިގުލާފައި އޮތް މަޝްހޫރު ޔަމަން ހަނގުރާމަ ނިންމުމެވެ.
ޚަބަރު ރިޕޯޓްތައް ބުނާ ގޮތުން ޔަމަނުގެ ވެރިރަށް ސަންއާގައި، ހޫސީ ލީޑަރުންނާ އެކު ސައޫދީ ވަފުދުން މަޝްވަރާކުރާނެ އެވެ. އެއީ ޔަމަން ހަނގުރާމަ މުޅިން ނިންމައި ސިއްކަ ޖަހަން ހުރި ޝަރުތުތަކަށް ބަހުސް ކުރުމަށެވެ.
ރޮއިޓާސް ބުނާ ގޮތުން ހޫސީންނާ އެކު ދާއިމީ ސުލްހަ ދެމެހެއްޓުމަށް އޮތް އެއްބަސްވުމެއްގައި އޭޕްރީލް 20ގެ ކުރިން އޮފިޝަލުން ސޮއިކުރާނެ އެވެ. އެހެންވެއްޖެނަމަ ފިތުރު އީދުގެ އުފާ އިސްލާމީ އުންމަތަށް އިތުރު އުފަލަކަށް ވެގެން ދާނެ އެވެ.
ޔަމަންގެ ސުލްހައަށް ޝަރުތު ކަނޑައެޅުމަށް ބައްދަލުވުންތައް ބާއްވަމުން އަންނަތާ ދުވަސްތަކެއް ވެއްޖެ އެވެ.
ހޫސީ އޮފިޝަލުންނާ އެކު އޮމާންގައިވެސް ވަނީ ބައްދަލުވުންތައް ބާއްވާފަ އެވެ. މި ބައްދަލުވުންތަކުގައި އދ.ގެ ޚާއްސަ މަންދޫބު ހާންސް ގްރަންޑްބާގް ވެސް ބައިވެރިވެ ވަޑައިގެންނެވި އެވެ.
ސުލްހައަށް މަޝްވަރާ ކުރުމަށް ސައުދީ އިސްވެ އުފައްދާފައި އޮތް ކޯލިޝަނުން ވަނީ އެ މީހުންގެ ބާރުގެ ދަށުގައި އޮތް ބަންދަރުތައް ވެސް ހުޅުވާފަ އެވެ. އެހެންކަމުން ޖިއްދާގައި ސެކިއުރިޓީ ޗެކްކުރަން ބަނދަރުކުރުމުގެ ބަދަލުގައި މިހާރު ސީދާ އަދަންގެ ބަނދަރުގައި ބަނދަރުކުރެވޭނެ އެވެ.
ޔަމަން ހަނގުރާމަ ފެށުނީ 2015 ގައެވެ. އެއީ ޔަމަންގައި އޮތް އިންތިހާބީ ސަރުކާރު ބަދަލުކޮށް ހޫސީން ބާރުގަދަކޮށް ގަތުމާ ގުޅިގެންނެވެ. އެއަށް ފަހު ޔަމަންގެ ދެކުނުގެ ބޮޑު ބައެއް އޮންނަނީ ސައޫދީ ކޯލިޝަންގެ ބެލުމުގެ ދަށުގަ އެވެ.
ރިޕޯޓްތައް ބުނާ ގޮތުން ޔަމަންގައި ގާއިމުކުރަން ސައޫދީން ބޭނުންވާ ސަރުކާރުގެ އޮފިޝަލުން ސައޫދީ ޚާރިޖީ ވުޒާރާއަށް ހާޒިރުކޮށް ހޫސީންނާ އެކު މަޝްވަރާކުރަން އޮތް ޝަރުތުތައް ވަނީ ބަޔާންކޮށްދީފަ އެވެ.
ހޫސީންނަކީ އީރާނުން ހިތްވަރު ހޯދައި ސައޫދީ އާއި ޔުނައިޓެޑް އަރަބް އެމިރޭޓްސް ފަދަ ސުންނީ ގައުމުތަކަށް ހަމަލާދޭ ގާނޫނީ ބާރެއް ނެތް ޖަމާއަތެކެވެ. އެ މީހުންނާ އެކު ސުލްހަވާން ޖެހެނީ ލުބްނާން އާއީ އީރާން އަދި ޔަމަންގައި ހޫސީންނަށް ވާގިވެރިވާ ޖަމާއަތްތައް ގިނަވެ އާންމު އުނދަގުލަށް ވެފަައި ވާތީ އެވެ.