އަސްކަރީ ތަމްރީންތަކެއްގައި އުދުހުނު ސައުދީ އަރަބިއްޔާގެ ފައިޓަރު ޖެޓެއް، ޔަމަނު ބޯޑަރަށް ވެއްޓި އެއިން ދަތުރުކުރި ދެ ފަޅުވެރިން މަރުވެއްޖެ އެވެ.
ސައުދީ އިދާރާތަކުން ބުނި ގޮތުން ފައިޓަރު ޖެޓު ވެއްޓުނީ ޚާލިދު ރަސްގެފާން އެއާ ބޭސްއާ މާދުރުނނޫން ހިސާބަކަށެވެ.
މި އެކްސިޑެންޓް ހިނގީ ބުދަ ދުވަހުގެ މެންދުރު ފަހު ސައޫދީގެ ސިޓީއެއް ކަމަށްވާ ޚަމީސް މުޝައިތުގަ އެވެ.
ސައުދީ ދިފާއީ ވުޒާރާގެ ތަރުޖަމާން ބްރިގޭޑިއާ ޖެނެރަލް ތުރުކީ އަލްމާލިކީ ވިދާޅުވި ގޮތުގައި، އެކްސިޑެންޓް ހިނގަން މެދުވެރިވި ސަބަބު އަދި މުޅިން ސާފެއް ނުވެ އެވެ. އެހެންނަމަވެސް، ސަބަބު އޮޅުފިލުވާނެ ކަމަށް އުއްމީދުކުރައްވާ ކަމަށް ތަރުޖަމާން ވިދާޅުވި އެވެ.
ކިންގް ޚާލިދު އެއާ ބޭސް ހުންނަނީ ސައުދީގެ ވެރިރަށް ރިޔާޒްއާ ގާތްގަނޑަކަށް 815 ކިލޯމީޓަރު ދުރުގަ އެވެ. އަދި ޔަމަނު ބޯޑަރާ 150 ކިލޯމީޓަރަށް ވުރެ ގާތުގަ އެވެ.
އަސްކަރީ ފަރިތަކުރުންތަކުގައި ވެއްޓުނީ އެމެރިކާގައި އުފައްދާ އެފް-15އެސްއޭ އެވެ. މި ޖެޓަކީ، އެފް-15 ފައިޓަރު ޖެޓްތަކަށް ނިސްބަތްކުރެވޭ މަރުކާ އެކެވެ. ސައޫދީ ފަދަ ފަރުބަދަތައް ގިނަ ގައުމުތަކަށް ހާއްސަ ޓެކޮނޮލޮޖީ ހިމަނާފައިވާ މި ޖެޓު ވެއްޓެން މެދުވެރިވި ސަބަބު، އެމެރިކާއިން ވެސް ބަލާނެ އެވެ.
މިއީ 3،000 ކިލޯމީޓަރު ބާރުމިނުގައި އުދުހޭ ފައިޓަރު ޖެޓެކެވެ.
މި މަރުކާގެ ފައިޓަރު ޖެޓްތައް ގަތުމަށް ސައޫދީ އަރަބިއްޔާ އާއި އެމެރިކާއާ ދެމެދު ސޮއިކުރީ 2011 ގައެވެ. ޖެޓްތައް ސައޫދީއަށް ފޮނުވާ ނިމުނީ 2020 ގައެވެ. މިއީ 29.4 ބިލިއަން ޑޮލަރުގެ ޑީލެކެވެ.
ސައޫދީ ކޯލިޝަނުން ޔަމަނުގެ ހޫތީންނާ ދެކޮޅަށް ކުރާ ހަނގުރާމައިގައި މި ވައްތަރުގެ ފައިޓަރު ޖެޓުތައް ބޭނުންކުރެ އެވެ. މިއީ އަމާޒަށް ހުޝިޔާރު އަދި ދުޝްމަނުންނަށް އަތުލަން އުނދަގޫ ފައިޓަރު ޖެޓެކެވެ.
ރިޕޯޓްތައް ބުނާ ގޮތުން 2015 ގައި ޔަމަނުގެ ހަނގުރާމަ ފެށި ފަހުން ސައޫދީ އަތުން މި މަރުކާގެ ފައިޓަރު ދެތިން ޖެޓެއް ވަނީ ވެއްޓިފަ އެވެ. މީގެ ކުރިން 2015 ގައި ވެއްޓުނު ޖެޓުގައި ތިބި ދެ ޕައިލެޓުން ވަނީ ކުއްލި ހާލަތުގައި ސަލާމަތްވާ އުކުޅުތައް ބޭނުންކޮށް ޖެޓު ދޫކޮށް ވައިކުޑާގައި ސަލާމަތްވެފަ އެވެ.