ނައީމާގެ މަރު

ނައީމާގެ ހަށިގަނޑު މަނަދޫގައި މިއަދު ވަޅުލަނީ

Apr 8, 2023
1

އަނިޔާވެރިކޮށް މަރާލާފައި އޮއްވާ ފެނުނު ނ. މަނަދޫ، އަންނާރުމާގެ، ނައީމާ މޫސާގެ ހަށިގަނޑު މިއަދު ހަވީރު މަނަދޫގައި ވަޅުލުމަށް ނިންމައިފި އެވެ.

ރާއްޖޭގައި މީގެކުރިން ހިންގާފައިވާ މިފަދަ އަނިޔާވެރި މަރުތަކުގައި ހަށިގަނޑު މާލެ ގެނެސް ރާއްޖެއިން ބޭރުން ޕޯސްޓްމޯޓަމް ހެދުމަކީ ފުލުހުން ކުރަމުން އައި ކަމެކެވެ. ވަކިން ހާއްސަކޮށް މިފަދަ މަރުތަކުގައި ތުހުމަތު ކުރެވޭ މީހަކު ނެތް ނަމަ ޕޯސްޓްމޯޓަމް ހެދުމަށް ފުލުހުން އިސްކަންދީފައިވެސްވެ އެވެ.

ނަމަވެސް ނައީމާގެ މަރާ ގުޅިގެން އޭނާގެ ހަށިގަނޑު މާލެ ނުގެންދިއުމަށާއި އަދި ޕޯސްޓްމޯޓަމް ނުހެދުމަށް ފުލުހުން ނިންމި ސަބަބެއް ވަނީ ސާފުވާ ގޮތް ނުވެފަ އެވެ. ފުލުހުން މިކަމާ ގުޅޭގޮތުން އަދި އެއްވެސް އެއްޗެއް ނުބުނެ އެވެ.

ގދ. ހޯޑެއްދޫ، ސްވެން، އަބްދުﷲ ރަޝީދު (43 އ) މިދިޔަ އަހަރުގެ ތެރޭގައި މަރުވި މައްސަލައިގައި އާއިލާ އިން އޭނާގެ ޕޯސްޓްމޯޓަމް ހެދުމަށް ދެކޮޅު ހެދުމުންވެސް ފުލުހުން ވަނީ އަބްދުﷲގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހަދާފަ އެވެ.

އަވަސްއަށް މިއަދު މައުލޫމާތު ދެއްވަމުން މަނަދޫ ކައުންސިލްގެ ރައީސް ރައީސް އަބްދުލްރަހުމާން ސަބީހު ވިދާޅުވީ ނައީމާގެ ކަށުކަމާކެމީގެ ކަންކަން ނިންމުމަށްފަހު މިއަދު ހަވީރު 4:30ގައި އެރަށުގައި ހަށިގަނޑު ވަޅުލުމަށް ނައިމާގެ ހަށިގަނޑު ފުލުހުންގެ ފަރާތުން އާއިލާއާ ހަވާލުކޮށްފައިވާ ކަމަށެވެ.

ސަބީހު ވިދާޅުވީ ނައީމާގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމް ނުހެދުމަށް ފުލުހުން ނިންމި ސަބަބެއް އޭނާއަށް އެނގިވަޑައިނުގަންނަވާ ކަމަށެވެ.

"އެކަމަކު ނައީމާގެ ހަށިގަނޑުގެ ސާމްޕަލް ފުލުހުން ވަނީ ނަގާފައި،" ސަބީހު ވިދާޅުވި އެވެ.

ބޮޑުވެފައި ތިބި ތިން ކުދިންގެ މަންމަ -- ނައީމާގެ މަރުގެ މައްސަލަ ތަހުގީގުކުރުމަށް ފުލުހުންގެ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުގެ ހާއްސަ ޓީމެއް ރޭ ދަންވަރުގެ ވަގުތެއްގައި ވަނީ މަނަދޫއަށް ގޮސްފަ އެވެ.

އުމުރުން 62 އަހަރުގެ ނައީމާ އަކީ މަނަދޫ ކައުންސިލް އިދާރާގައި ރަށު ތެރެ ސާފުކުރަން އުޅޭ މުވައްޒަފެކެވެ. އޭނާ ދިރިއުޅެނީ ވަކިން ގެއެއްގައި އޭނާ އެކަންޏެވެ.

އަވަސް އަށް މަނަދޫގެ އެކި މީހުންގެ ފަރާތުން މައުލޫމާތު ލިބިފައިވާ ގޮތުގައި ނައީމާ އިއްޔެ ޑިއުޓީއަށް ނައިސްގެން އަދި އޭނާގެ ހަބަރެއް ނުވެގެން ފުލުހުންނަށް ރިޕޯޓްކުރުމުން ފުލުހުން އިއްޔެ ހަވީރު އެ ގެއަށް ގޮސް ނައީމާ ދިރިއުޅޭ ގޭގެ ކޮޓަރީގެ ދޮރު ވައްޓާލައިގެން ބެލިއިރު އޭނާ އޮތީ ޒަހަމްތަކަކާ އެކު ތަޅުންގަނޑު މަތީގައި މަރުވެފަ އެވެ. އަދި ހަށިގަނޑުގައި ގިނަ އަދަދަކަށް ޒަހަމު ހުރި ކަމަށް އެނގިފައިވެ އެވެ.

ނައީމާގެ މަރާ ގުޅިގެން މަނަދޫއަށް އެއްވެސް ބަޔަކު އަރާފައިބާނަމަ އެ ބައެއްގެ މައުލޫމާތު ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފަ އެވެ.

ފުލުހުން އަންނަނީ މިމައްސަލަ ސީރިއަސް މައްސަލަައެއްގެ ގޮތުގައި ތަހުގީގުކުރަމުން ކަމަށް އެ އިދާރާ އިން ބުނެފައިވެ އެވެ. ނައީމާގެ މަރާ ގުޅިގެން އަދި އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެ އެވެ.