ނ. މަނަދޫގައި އަނިޔާވެރިކޮށް މަރާލާފައި އޮއްވާ ފެނުނު އެރަށު އަންނާރުމާގެ، ނައީމާ މޫސާގެ މަރުގެ ތުހުމަތުގައި ތިން މީހަކަށް ދައުވާކޮށްފި އެވެ.
މިމައުލޫމާތު ހާމަކުރީ މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕްރޮސެކިއުޓާ ޖެނަރަލް ހުސައިން ޝަމީމް އެވެ.
އުމުރުން 62 އަހަރުގެ ނައީމާގެ މަރުގެ މައްސަލައިގައި ދައުވާކޮށްފައިވަނީ ނ. މަނަދޫ އަށް ނިސްބަތްވާ ތިން މީހުން ކަމަށްވާ ފެހިވިލާގެ، އަހްޒަމް އަބްދުލްޝަކޫރު (23 އ) އާއި، ވިނަރެސް، ހުސައިން ފަވާޒު (21 އ)ގެ އިތުރުން ފިނިފެންމާގެ، އަބްދުލްވާހިދު ރިފާސް (21 އ) އެވެ.
ނައީމާގެ މަރުގެ މައްސަލަ ތަހުގީގުކުރުމަށްފަހު ދައުވާކުރަން ފުލުހުންގެ އިދާރާ އިން މައްސަލަ ފޮނުވުމުން ޕީޖީ އޮފީހުން އެ މައްސަލަ ބަލައިގަތި މިދިޔަ އާދިއްތަ ދުވަހު އެވެ.
ޕީޖީ ހުސައިން ޝަމީމް ވިދާޅުވީ ނައީމާގެ މަރުގެ މައްސަލައިގައި ތުހުމަތުކުރެވޭ ތިން މީހުންނަށް ތިން ދައުވާއެއް ކުރާ ކަމަށެވެ. އެއީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމާއި، އަދުލު އިންސާފު ގާއިމުކުރުމަށް ހުރަސްއެޅުމުގެ ދައުވާ އަދި މައްޔިތާގެ ބޭނުން ނަހަމަ ގޮތުގައި ކުރުމުގެ ދައުވާ އެވެ.
ތިން ދައުވާ ކުރަންޖެހުނު ސަބަބުތައް ވެސް ޕީޖީ ހިއްސާކުރެއްވި އެވެ. އެގޮތުން ދައުވާ ލިބޭ މީހުން ނައީމާ މަރާލީ ގަސްދުގައި ކަމަށްވާތީ ގަސްދުގައި މީހަކު މެރުމުގެ ދައުވާ އުފުލީ އެވެ. އަދި އަދުލު އިންސާފު ގާއިމުކުރުމަށް ހުރަސްއެޅުމުގެ ދައުވާ ކުރީ ނައީމާ މަރާލުމަށް ބޭނުންކުރި ވަޅި އެހެންވެސް ބައެއް ތަކެތި ނައްތާލަން މަސައްކަތް ކުރުމުން ކަމަށާއި މައްޔިތާގެ ބޭނުން ނަހަމަ ގޮތުގައި ކުރުމުގެ ދައުވާ އުފުލީ ނައީމާ މަރާލުމަށްފަހު އޭނާގެ ހަށިގަނޑު އޮތް ގެއަށް ނުވަދެވޭ ގޮތަށް އެ ގޭގެ ދޮރު ތަޅުލާފައި ދިއުމުން ކަަމަށްވެސް ވިދާޅުވި އެވެ.
ޕީޖީ މިއަދު ވިދާޅުވި ގޮތުގައި ނައީމާ މަރާލުމުގައި އަމަލީ ގޮތުން ބައިވެރިވީ އަޒްހަމް އާއި އަބްދުލް ވާހިދު އެވެ. ނައިމާގެ މަރުގެ މައްސަލައިގައި ހިމެނޭ އެކަކު ކުށަށް އިއުތިރާފްވި ނަމަވެސް އޭނާގެ ނަމެއް ޕީޖީ ހާމަކުރައްވާފައެއް ނުވެ އެވެ.
ނައީމާ މަރުވެފައި އޮއްވާ ފެނުނީ މިދިޔަ އޭޕްރީލް މަހުގެ ހަތްވަނަ ދުވަހު ނައީމާ ޑިއުޓީއަށް ނުގޮސްގެން އަދި އޭނާގެ ހަބަރެއް ނުވެގެން ފުލުހުންނަށް ރިޕޯޓްކުރުމުން ފުލުހުން އެ ދުވަހު ހަވީރު އެ ގެއަށް ގޮސް ނައީމާ ދިރިއުޅޭ ގޭގެ ކޮޓަރީގެ ދޮރު ވައްޓާލައިގެން ބެލިއިރު އެވެ. ފުލުހުން ގެއަށް ވަންއިރު ނައީމާ އޮތީ ޒަހަމްތަކަކާ އެކު ތަޅުންގަނޑު މަތީގައި މަރުވެފަ އެވެ. އަދި ހަށިގަނޑުގައި ގިނަ އަދަދަކަށް ޒަހަމު ހުރި ކަމަށް އެނގިފައިވެ އެވެ.
ޕޯސްޓްމޯޓަމް ހެދުމުގެ ބަދަލުގައި ފުލުހުންގެ ތަހުގީގަށް ބޭނުންވާ ސާމްޕަލް ނެގުމަށްފަހު ނައީމާގެ ހަށިގަނޑު މަނަދޫގައި ވަޅުލީ މިދިޔަ އޭޕްރީލް މަހުގެ އަށްވަނަ ދުވަހު އެވެ.
ނައީމާގެ މަރުގެ މައްސަލައިގައި ތުހުމަތުކުރެވޭ ތިން މީހުން ހައްޔަރު ކުރީ މިދިޔަ މެއި މަހުގެ ތެރޭގަ އެވެ.