ނައީމާގެ މަރު

ނައީމާގެ ހަށިގަނޑު ވަޅުލައިފި

Apr 8, 2023
1

އަނިޔާވެރިކޮށް މަރާލާފައި އޮއްވާ ފެނުނު ނ. މަނަދޫ، އަންނާރުމާގެ، ނައީމާ މޫސާގެ ހަށިގަނޑު މިއަދު ހަވީރު މަނަދޫގައި ވަޅުލައިފި އެވެ.

ބޮޑުވެފައި ތިބި ތިން ކުދިންގެ މަންމަ -- ނައީމާގެ ޖަނާޒާގެ ކަންކަން ކުރިއަށް ދިޔައީ މިއަދު ހަވީރު 4:30 ހާއިރު އެވެ. ނައީމާގެ ޖަނާޒާއާއި ކަށުނަމާދުގައި މަނަދޫގެ ގިނަ ބަޔަކު ބައިވެރިވި އެވެ.

އުމުރުން 62 އަހަރުގެ ނައީމާ އަކީ މަނަދޫ ކައުންސިލް އިދާރާގައި ރަށު ތެރެ ސާފުކުރަން އުޅޭ މުވައްޒަފެކެވެ. އޭނާ ދިރިއުޅުނީ ވަކިން ގެއެއްގައި އޭނާ އެކަންޏެވެ.

އަވަސް އަށް މަނަދޫގެ އެކި މީހުންގެ ފަރާތުން މައުލޫމާތު ލިބިފައިވާ ގޮތުގައި ނައީމާ އިއްޔެ ޑިއުޓީއަށް ނައިސްގެން އަދި އޭނާގެ ހަބަރެއް ނުވެގެން ފުލުހުންނަށް ރިޕޯޓްކުރުމުން ފުލުހުން އިއްޔެ ހަވީރު އެ ގެއަށް ގޮސް ނައީމާ ދިރިއުޅޭ ގޭގެ ކޮޓަރީގެ ދޮރު ވައްޓާލައިގެން ބެލިއިރު އޭނާ އޮތީ ޒަހަމްތަކަކާ އެކު ތަޅުންގަނޑު މަތީގައި މަރުވެފަ އެވެ. އަދި ހަށިގަނޑުގައި ގިނަ އަދަދަކަށް ޒަހަމު ހުރި ކަމަށް އެނގިފައިވެ އެވެ.

ނަމަވެސް ނައީމާގެ ހަށިގަނޑު މިއަދު ވަޅުލީ ޕޯސްޓްމޯޓަމް ނުހަދަ އެވެ.

ފުލުހުން ބުނީ ނައީމާގެ ހަށިގަނޑުން ފުލުހުން ބޭނުންވާ ސާމްޕަލް ނަގާފައިވާ ކަމަށެވެ. އެހެންކަމުން އިތުރަށް ޕޯސްޓްމޯޓަމް ހަދަންޖެހޭ ސަބަބެއް ނެތް ކަމަށް ފުލުހުންގެ ފޮރެންސިކް ޕެތޮލޮޖިސްޓް ނިންމާފައިވާ ކަމަށް ފުލުހުން މިއަދު ބުނެފައިވެ އެވެ.

ނައީމާގެ މަރާ ގުޅިގެން މަނަދޫއަށް އެއްވެސް ބަޔަކު އަރާފައިބާނަމަ އެ ބައެއްގެ މައުލޫމާތު ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފަ އެވެ.

ފުލުހުން އަންނަނީ މިމައްސަލަ ސީރިއަސް މައްސަލަައެއްގެ ގޮތުގައި ތަހުގީގުކުރަމުން ކަމަށް އެ އިދާރާ އިން ބުނެފައިވެ އެވެ. ނައީމާގެ މަރާ ގުޅިގެން އަދި އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެ އެވެ.