ކުރިއަ މެދުވެރިކޮށް ރާއްޖެ އެތެރެކުރަން އުޅުނު 3.42 މިލިއަން ރުފިޔާގެ މަސްތުވާތަކެތި ކަސްޓަމްސް އިން އަތުލައިގަނެފި އެވެ.
މިތަކެތި އަތުލައިގަނެފައިވަނީ ކުރިއަ މެދުވެރިކޮށް އިނގިރޭސިވިލާތުން ރާއްޖެ ގެނެސްފައިވާ ޕެކޭޖުތަކެއްގެ ތެރެއިން ފެނުނު ކޮސްމެޓިކްސްތަކެއް ތެރޭގައި ޝައްކު ކުރެވޭ ޒާތުގެ ބާވަތެއް ހުރުމުން އެތަކެތި އިތުރަށް ބަލައި ފާސްކުރުމުގެ ތެރޭގަ އެވެ.
ކަސްޓަމްސް އިން ބުނި މާޗް 29 ވަނަ ދުވަހު ބަލައި ފާސްކުރެވުނު ދެ ޕެކޭޖެއްގެ ތެރޭގައި ހުރި ހަ ދަޅަކުން އަދި މާޗް 31 ވަނަ ދުވަހު ބަލައި ފާސްކުރެވުނު ޕެކޭޖެއްގެ ތެރޭގައި ހުރި ހަތަރު ދަޅަކުން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ތަކެތި ފެނިފައިވާ ކަމަށެވެ.
މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ތަކެތި ފުރަތަމަ މަރުހަލާގައި ތަހުލީލު ކުރިިއިރު މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ މެފެޑްރޯން އަށް ޕޮޒިޓިވްވެފައިވާ ކަމަށްވެސް ކަސްޓަމްސް އިން ވަނީ ބުނެފަ އެވެ.
މިތަކެތީގެ ބަރުދަނުގައި ޕެކިންއާއެކު ޖުމްލަ 1،800 ގްރާމު ހުރި ކަމަށާއި ތަކެތީގެ މަގުމަތީ އަގު 3.24 މިލިއަން ރުފިޔާއަށް އަރާނެ ކަމަށް ލަފާކުރެވޭ ކަމަށް ކަސްޓަމުން ވަނީ ބުނެފަ އެވެ.
ކަސްޓަމްސް އިން ބުނި ގޮތުގައި އަތުލައިގަނެވުނު މަސްތުވާތަކެތި ވަނީ ފުލުހުންނާ ހަވާލުކޮށްފަ އެވެ.