އިންޑިއާގެ މަނިޕޫރް ސްޓޭޓްގައި ގޮތް ނޭނގޭ އާދަޔާ ހިލާފު ބަލިމަޑުކަމެއް ފެތުރި 200 އެއްހާ މީހުން ހޮސްޕިޓަލުތަކުގައި އެޑްމިޓްކޮށް ފަރުވާދޭން ފަށައިފި އެވެ. އޭގެ ތެރޭގައި ގިނަ އަދަދަކަށް އަންހެނުންނާއި ކުޑަކުދިން ހިމެނެ އެވެ.
މިބައްޔާއި ގުޅިގެން 200 މީހުންނަށް ހޮސްޕިޓަލުތަކުގައި އެޑްމިޓްކޮށްގެން ފަރުވާދިން އިރު 350 މީހުން ގައިން މި ބަލި ފެނިފައި ވެއެވެ.
މިބަލީގެ އަލާމާތްތަކުގެ ތެރޭގައި ގަދަޔަށް ހުން އައުމާއި ހޮޑުލެވުން އަދި ބޭރަށް ހިންގުން ހިމެނެ އެވެ. މިއީ ކޮލެރާ ބަލީގެ އަލާމާތަށް ވިޔަސް މިއީ ކޮލެރާކަން ނުވަތަ އެހެން ބައްޔެއްކަން ބުނަން އެނގޭނީ އިތުރަށް ތަހުލީލްތަކެއްކޮށްގެން ކަމަށް ޑޮކްޓަރުންނާ ހަވާލާދީ ރިޕޯޓްތައް ބުނެ އެވެ. އަދި މިބަލި ޖެހިގެން މިހާތަނަށް އެއްވެސް މީހަކު މަރުނުވި ނަމަވެސް މީހުންގެ ހާލު ނާޒުކު ކަމަށް ހޮސްޕިޓަލްތަކުން ވަނީ ބުނެފައެވެ.
މިބަލި ޖެހިފައިވާ މީހުންގެ އަދަދު އިތުރުވަމުންދާތީ އެ ސަރަހައްދުގެ ސަރުކާރު ހޮސްޕިޓަލްތައް މިހާރުވަނީ ފުރިފަ އެވެ. ބައެއް މީހުން އަމިއްލަ ހޮސްޕިޓަލްތަކުގައި ފަރުވާ ހޯދަމުންދާއިރު އެފަދަ ތަނަވަސްކަން ނެތް މީހުން ސަރުކާރު ހޮސްޕިޓަލްތަކުގެ ކޮރިޑޯތަކާއި ތަޅުންމަތީގައި އޮށޯވެގެން ތިބޭކަމަށް ވެސް ވެއެވެ.
އެސިޓީގެ ސިއްހަތާ ބެހޭ އިދާރާތަކުން މިހާރު ދަނީ މި ބަލިމަޑުކަމާއި ގުޅިގެން އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމުގެ މަސައްކަތް ކުރަމުންނެވެ.