އުރީދޫ

އުރީދޫ ބޮކި ބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ޓީމް ޝަވިޔަނި ހޯދައިފި

Apr 10, 2023
1

އުރީދޫ މޯލްޑިވްސްއިން މި ރޯދަ މަހަށް ހާއްސަކޮށްގެން އިންތިޒާމް ކުރި އުރީދޫ ބޮކި ބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ޝަވިޔަނި ޓީމުން ހޯދައިފި އެވެ.

މުބާރާތް ނިންމާލުމުގެ ގޮތުން ހުކުރު ދުވަހުގެ ރޭ ބޭއްވި ރަސްމިއްޔާތުގައި ވަނަ ހޯދި ޓީމުތަކަށް މެޑަލް އާއި ތަށީގެ އިތުރުން ފައިސާގެ އިނާމުގެ ރަމްޒީ ލިޔުން ހަވާލުކުރީ މާޒިޔާ ސްޕޯޓްސް ކްލަބުގެ ވައިސް ޗެއާމަން އަބްދުﷲ މޫސާ އާއި އިބްރާހިމް ފަޔާޒް އަދި އުރީދޫ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ ޚާލިދު އަލް ހަމާދީ އެވެ.

މިމަހުގެ ހަތްވަނަ ދުވަހު ފެށި މި މުބާރާތުގައި ބައިވެރިވި ޓީމުތަކުން ވާދަވެރި އަދި މަޖާ މެޗުތަކަކަށް ފަހު ގަދަ ތިން ޓީމު ވަނީ ޖުމްލަ 35،000 ރުފިޔާގެ ފައިސާގެ އިނާމެއް ހޯދާފަ އެވެ.

ފައިނަލް މެޗުގައި ޝަވިޔަނި އާއި ބްރޯލާޒް - ރޭޖް ފިޓްނަސް ބައްދަލުކުރި މެޗުން ޓީމް ޝަވިޔަނި ޗެމްޕިއަންކަން ހޯދީ ޓީމް ބްރޯލާޒް އަތުން 1-0 އިން މޮޅުވެގެންނެވެ.

މުބާރާތުގެ ޗެމްޕިއަން ޓީމް ޝަވިޔަނިއަށް 20،000ރ. ލިބުނުއިރު ރަނަރަޕް ޓީމް - ބްރޯލާޒްއަށް 10،000ރ. އަދި ތިން ވަނައަށް ހޮވުނު ޓީމް - ކްރޮސްރޯޑްސް މޯލްޑިވްސް އަށް 5،000ރ. ލިބުނެވެ.

މުބާރާތާއި ގުޅޭ ގޮތުން އުރީދޫ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ ޚާލިދު އަލް ހަމާދީ ވިދާޅުވީ މުބާރާތް ކާމިޔާބު ކަމާއެކު ބާއްވާ ޓީމްތަކުން ވާދަވެރި ކުޅުމެއް ދައްކާ މަޖާ އަދި އުފާވެރި ވަގުތު ކޮޅެއް ހޭދަކޮށްލުމުގެ ފުރުސަތު ފަހި ކޮށްދެވުމަކީ ލިބޭ އުފަލެއް ކަމަށެވެ. މުބާރާތުން ވަނަވަނައަށް ދިޔަ ޓީމްތަކަށް ޚާލިދު އަލް ހަމާދީ ވަނީ މަރުހަބާ ކިޔާފަ އެވެ.

"އަންނަ އަހަރުވެސް މިއަށްވުރެ ފުރިހަމައަށް އަދި އިތުރު މަޖަލާއި އުފާވެރިކަމާ އެކު އުރީދޫ ބޮކި ބޯޅަ ފެނިގެންދާނެ،" ޚާލިދު އަލް ހަމާދީ ވިދާޅުވި އެވެ.

އުރީދޫ މޯލްޑިވްސްއަކީ ކުޅިވަރު ކުރިއެރުވުމަށާއި ދިވެހި ހުނަރުވެރިން ބާރުވެރިކުރުވުމަށް މަސައްކަތްކުރާ ކުންފުންޏެއް ކަމުން ކުރިއަށް އޮތްތަނުގައިވެސް އުރީދޫ ބޮކި ބޯޅަ މުބާރާތް ފަދަ މަޖާ އަދި އުފާވެރި ހަރަކާތްތައް ތައާރަފްކުރަމުން ގެންދާނެ ކަމަށް އެ ކުންފުނިން ވަނީ ބުނެފަ އެވެ.