މޯޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީ

ބަޓިކް އެއާގެ ދަތުރުތައް ޖޫން 23ގައި ރާއްޖެއަށް

Apr 10, 2023

މެލޭޝިއާގެ ބަޓިކް އެއާލައިން އިން ރާއްޖެއަށް ކުރާ ދަތުރުތައް މިއަހަރުގެ ޖޫން މަހު ފެށުމަށް ނިންމާ، ޓިކެޓުގެ އަގު ހާމަކޮށްފި އެވެ.

މިދަތުރުތައް ފެށުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ ޖޫން 23 ވަނަ ދުވަހު އެވެ.

މެލޭޝިއާގެ ވެރިރަށް ކުއަލަލަމްޕޫރު އިންޓަނޭޝަނަލް އެއާޕޯޓުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ކުރާ މިދަތުުރުތަކުގެ އެއްކޮޅު ޓިކެޓުގެ އަގަކީ 699 ރިންގިޓް -- 2،400 ރުފިޔާ އެވެ.

ބަޓިކް އެއާލައިން އިން ދުނިޔޭގެ 52 މަންޒިލަކަށް ދަތުރުކުރަމުންދާއިރު ރާއްޖެއަށް ކުރާ ދަތުރުތަކުގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ބޮއިން 737 މެކްސް މަރުކާގެ ބޯޓުތަކެވެ.

މެލޭޝިއާ އިން ރާއްޖެއަށް ކުރާ ސީދާ ދަތުރުތަކަކާއި މެލޭޝިއާ، ސްރީލަންކާ އަދި ރާއްޖެ އަށް ކުރާ ޓްރާންސިޓް ދަތުރުތަކެއްވެސް މިދަތުރުތަކުގައި ހިމެނެ އެވެ.

އެމްއޭސީއެލްގެ މައުލޫމާތުތަކަށް ބަލާއިރު 36 އެއާލައިނަކުން މިވަގުތު ރާއްޖެއަށް ޝެޑިއުލް ދަތުރުތައް ކުރެ އެވެ. މީގެއިތުރުން ރާއްޖެއަށް ޗާޓަރު ދަތުރުތަކެއް ކުރާ އެއާލައިންތަކެއް ވެސް ހުރެ އެވެ.