އެމްއޭސީއެލް

އެމްއޭސީއެލްގެ މުވައްޒަފުންނަށް މުސާރައިގެ 50 ޕަސެެންޓް ޑޮލަރުން ދެނީ

މޯލްޑިވިސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް)ގެ މުވައްޒަފުންނަށް ލިބޭ މުސާރައިގެ 50 ފަސެންޓް ޑޮލަރުން ދޭން ނިންމައިފި އެވެ.

އެމްސީއެލްގެ މުވައްޒަފުންނަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މަހްޖޫބު ޝުޖާއު ސޮއިކުރައްވާ ފޮނުއްވި އިންޓާނަލް މެމޯއެއްގައި ބުނެފައިވަނީ މި މަހުން ފެށިގެން އަނެއްކާވެސް ޑޮލަރުން މުސާރައިގެ 50 ޕަސެންޓް ދޭން ނިންމާފައިވާ ކަމަށެވެ.

އެމްއޭސީއެލްގެ މުވައްޒަފުންނަށް ކޮވިޑް 19ގެ ކުރިންވެސް ޑޮލަރުން މުސާރަ ދީފައިވެ އެވެ.

ޑޮލަރުން މުސާރަ ދިނުން ހުއްޓާލީ ކޮވިޑް 19އާއި ގުޅިގެން ރާއްޖެއަށް ބޭރު ފައިސާ ލިބުން ވަރަށް ބޮޑަށް ދަތިވުމާ ގުޅިގެން އެކަމަށް ހައްލެއް ހޯދުމަށެވެ.

އެމްސީއެލް އަކީ ރާއްޖޭގައި ޑޮލަރުން އެންމެ ބޮޑު އާމްދަނީއެއް ލިބޭ ސަރުކާރުގެ އެންމެ ބޮޑު އެއް ކުންފުންޏެވެ.

އެމްއޭސީއެލް އަކީ އެ ކުންފުނީގެ މުވައްޒަފުންނަށް އެންމެ ގިނައިން ބޯނަސްވެސް ދޭ އެއް ކުންފުންޏެވެ. އެގޮތުން މިއަހަރުވެސް ކޮންމެ މުވައްޒަފަކަށް ބޯނަސްގެ ގޮތުގައި 25،000 ރުފިޔާ ދީފައިވެ އެވެ.