ރައީސް އަބްދުﷲ ޔާމީން

ޔާމީން އިސްތިއުނާފް ކުރި ދެ މައްސަލައެއްގެ ހުކުމް މާދަމާ

Apr 10, 2023

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ފަރާތްޕުޅުން ހައިކޯޓުގައި އިސްތިއުނާފްކޮށްފައިވާ ދެ މައްސަލައެއްގެ ހުކުމް ކުރުން މާދަމާއަށް ތާވަލްކޮށްފި އެވެ.

ރައީސް ޔާމީން ހައިކޯޓުގައި އިސްތިއުނާފް ކޮށްފައިވަނީ ވ. އާރަށު މައްސަލައިގައި އެމަނިކުފާނު މައްޗަށް ސާބިތުވި ރިޝްވަތާއި މަނީ ލޯންޑަރިންގެ ދައުވާގައި ހިމެނޭ 3،413،230 ޑޮލަރު ނުވަތަ 53 މިލިއަން ރުފިޔާ ދައުލަތަށް ދެއްކުމަށް ކްރިމިނަލް ކޯޓުން ކުރި އަމުރާއި، ރ. ފުއްގިރި މައްސަލާގައި ރައީސް ޔާމީނަށް ކުރާ ދައުވާއާ ގުޅިގެން ޝަރީއަތުގެ ކުރީގެ ހުށަހެޅުންތަކާ މެދު ކްރިމިނަލް ކޯޓުން ނިންމި ނިންމުންތަކެވެ.

މި ދެ މައްސަލައިގެ ތެރެއިން 53 މިލިއަން ރުފިޔާގެ މައްސަލައިގައި ހުކުމްކުރުން އޮތީ މާދަމާ ހެނދުނު 11:30 ގައެވެ. ކްރިމިނަލް ކޯޓުގެ ނިންމުންތަކާ މެދު ހައިކޯޓުން ގޮތެއް ނިންމުން އޮތީ މާދަމާ ހެނދުނު 11:45 ގައެވެ.

ވ. އާރަށު މައްސަލައިގައި ރައީސް ޔާމީން 11 އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން އިއްވާފައިވާ ހުކުމްވެސް އެމަނިކުފާނު ވަނީ ހައިކޯޓުގައި އިސްތިއުނާފް ކޮށްފަ އެވެ. ނަމަވެސް މިމައްސަލައިގެ އިސްތިއުނާފް އަޑުއެހުންތައް އަދި ފެށިފައެއް ނުވެ އެވެ.

ރައީސް ޔާމީނަށް އިއްވާފައިވާ 11 އަހަރުގެ ޖަލު ހުކުމު، މަތީ ކޯޓަކުން ބާތިލް ނުކުރާހާ ހިނދަކު އެމަނިކުފާނަށް ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދައެއް ނުކުރެއްވޭނެ އެވެ.