ހިޔާނާތާއި ޓެކްސްއަށް މަކަރާއި ހީލަތް ހެދުމުގެ ތުހުމަތުކޮށް ހައްޔަރުކޮށްފައިވާ ސްރީލަންކާގެ ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސާގެ ދަރިކަލުން ޔޮޝީތާ ރާޖަޕަކްސާއަށް ގާނޫނީ ފިޔަވަޅު އޅަން ލަންކާގެ ޑިފެންސް މިނިސްޓްރީއިން އެ ގައުމުގެ ނޭވީ ކޮމާންޑަރަށް އަންގައިފި އެވެ.
ހިޔާނާތުގެ ތުހުމަތުގައި ޔޮޝީތާ ރާޖަޕަކްސާ ހައްޔަރު ކުރި އިރުވެސް އޭނާއަކީ ލަންކާގެ ނޭވީގައި މަސައްކަތް ކުރައްވާ ލެފްޓިނެންޓެކެވެ.
ޑިފެންސް މިނިސްޓްރީއިން ޔޮޝީތާ ރާޖަޕަކްސައަށް ގާނޫނީ ފިޔަވަޅު އަޅަން އަންގަވައިފާ ވަނީ ޔޮޝީތާ ޕްރެޒިޑެންޝަލް ސެކްރެޓޭރިއަޓްގައި އުޅުއަވައްމުން ހުއްދައެއް ނުހޯދައި އަމިއްލަ ދަތުރުފުޅުތަކުގައި ގައުމުތަކަށް ވަޑައިގެންފައިވާތީ އެވެ. ބައްޕާފުޅުގެ ވެރިކަމުގައި ވަޒީފާގައި އުޅުއްވަމުން ޔޮޝިތާ ވަރަށް ގިނައިން އަމިއްލަ ދަތުރުފުޅުތައް ކުރައްވާފައިވެއެވެ.
-- ސްރީލަންކާގެ ނޭވީ އިން ހިންގި ތަހްގީގުތަކުން އެނގުނު ގޮތުގައި ޔޮޝީތާ ރާޖަޕަކްސަ ވަނީ ނޭވީ ކޮމާންޑަރުގެ ހުއްދަ ނުހޯދާ އަމިއްލަ ދަތުރުތައް ކުރައްވާފަ އެވެ. --
ރިޕޯޓްތައް ބުނާ ގޮތުން ނޭވީ އޮފިސަރެއް ހުއްދަ ނުހޯދާ ގައުމުތަކަށް ދަތުރު ކުރާނަމަ ފިޔަވަޅު އެޅެ އެވެ. ނަމަވެސް ރާޖަޕަކްސަގެ ވެރިކަމުގައި ފިޔަަވަޅު ނާޅައި ގަވާއިދާ ޚިލާފަށް ހިނގާފަށް ހިންގާފައިވާ އަމަލުތަކަށް ފިޔަވަޅު އަޅަން މިހާރު ވަނީ އަންގާފަ އެވެ.
ޔޮޝީތާ ރާޖަޕަކްސަގެ މައްޗަށް ތަފާތު ތަހުގީގުތައް ހިނގަމުން ދާއިރު، ސްރީލަންކަން ނޭވީއިން ވަނީ އިތުރު އިންޓާނަލް ތަހުގީގެއް ވެސް ހިންގަން ފަށާފަ އެވެ.
ޔޮޝީތާ ރާޖަޕަކްސަ ހައްޔަރުކޮށް ހިންގާ ތަހުގީގުތައް ވަނީ މީޑިއާގެ ސަމާލު ކަމަށް އައިސްފައެވެ. ނަމަވެސް ސްރީލަންކާގެ ނޭވީއިން ވަނީ މީގެ އެތަކެއް ހަފްތާއެއް ކުރިން ތަހުގީގު ހިންގާ އޭގެ ރިޕޯޓް ޑިފެންސް މިނިސްޓްރީއަށް ހުށައަޅާފަ އެވެ.