ލައިފްސްޓައިލް

"ޔޫގެންޑާ މަންމަ" 40 އަހަރު: 44 ދަރިން ވިހައިފި

ޔޫގެންޑާގެ މަރިއަމް ނަބަޓަންޒީ އެންމެ ފުރަތަމަ ވިހެއީ އުމުރުން 13 އަހަރުގަ އެވެ. ފުރަތަމަ ފަހަރު ވެސް އޭނާއަށް ލިބުނީ އެއްމާބަނޑު ދެބެންނެވެ. އޭގެ ފަހުން އޭނާ ވިހެއުމުގެ ސިލްސިލާ ފެށިގެން ކުރިއަށް ގޮސް މަރިއަމްގެ އުމުރުން 36 އަހަރު ފުރުނުއިރު 42 ދަރިން ވިހައިފި އެވެ. އަދި އުމުރުން 40 އަހަރު ފުރުނުއިރު 44 ދަރިން އޭނާ ވިހާފައި ވެއެވެ.

މި ހުރިހާ ދަރިން ލިބުނުފަހުން މަރިއަމްގެ ފިރިމީހާ އޭނާ ދޫކޮށްލާފައި ދިއުމުން ދަރިން ބެލުމުގެ ހުރިހާ ޒިންމާ އެއްވެސް އުފުލީ މަރިއަމް އެކަނިމާ އެކަންޏެވެ.

އިރުމަތީ އެފްރިކާގެ ޔޫގެންޑާގެ މި އަންހެންމީހާ އެ ގައުމުގެ މީހުންގެ މެދުގައި މަޝްހޫރުވެފައިވަނީ "މާމާ ޔޫގެންޑާ" (ޔޫގެންޑާގެ މަންމަ)ގެ ނަމުންނެވެ. އަދި މި އަންހެން މީހާ އަކީ މިވަގުތު ދުނިޔޭގައި ހުރި އެންމެ ގިނަ ދަރިން ވިހޭ މީހާ އެވެ.

މަރިއަމް ހަތަރު ފަހަރަށް އެއްމާބަނޑު ދެ ކުދިން ވިހެ އެވެ. އަދި ފަސް ފަހަރަށް އެއްމާބަނޑު ތިން ކުދިން ވިހާފައިވެ އެވެ. އަދި ފަސް ފަހަރަށް އެއްމާބަނޑު ހަތަރު ކުދިން ވިހާފައި ވެއެވެ. އޭނާއަށް އެންމެ ކުއްޖެއް ލިބުނީ އެންމެ ފަހަރަކު އެވެ.

މަރިއަމްގެ 44 ދަރިންގެ ތެރެއިން ހަ ކުއްޖަކު ވަނީ މަރުވެފަ އެވެ. އަދި މިހާ ބޮޑު އާއިލާއެއް ބެލުމުގެ ޒިންމާއިން ރެކެންވެސް އޭނާގެ ފިރިމީހާ ވަނީ މަރިއަމް އާއި އޭނާގެ ދަރިން ދޫކޮށްލާފައި ފިލާފަ އެވެ. އެމީހާ ދަމުން ދިޔައީ އާއިލާގައި ހުރިނަމަ ހުރި ފައިސާއެއް ވެސް ހިފައިގެންނެވެ. މިހާރު ދުނިޔޭގައި ތިބި މަރިޔަމްގެ 38 ދަރިން ބެލުމުގެ ޒިންމާ ހަމައެކަނި އޭނާގެ ބޮލަށް ޖަހާފަ އެވެ. މަރިއަމްގެ 38 ދަރިންގެ ތެރޭގައި ހިމެނެނީ 20 ފިރިހެން ކުދިންނާއި 18 އަންހެން ކުދިންނެވެ.

މަރިޔަމްގެ އަލަތު ކައިވެނި ކުރެވުނީ އޭނާގެ އުމުރުން އެންމެ 12 އަހަރުގަ އެވެ. އެއީ އޭނާގެ މައިންބަފައިން މީހަކަށް އޭނާ ވިއްކާލުމުންނެވެ. ކައިވެނި ކުރިތާ މާގިނަ ދުވަހެއް ނުވެ އުމުރުން 13 އަހަރުގައި މަރިއަމް އަށް ފުރަތަމަ ދަރިފުޅު ލިބުނެވެ.

މަރިޔަމް ނިސްބަތްވާ ޔޫގެންޑާ އަކީ ދަރިމައިވާ ރޭޓް ވަރަށް މަތީ ގައުމެކެވެ. އެ ގައުމުގައި އެވްރެޖްކޮށް ކޮންމެ އަންހެނަކަށް 5.6 ދަރިން އެބަތިބި ކަމަށް ވޯލްޑް ބޭންކުން ބުނެ އެވެ. މިއީ ދުނިޔޭގެ އެވްރެޖް ކޮށްފައިވާ ކޮންމެ އަންހެނަކަށް 2.4 ދަރިންނަށް ވުރެ ދެގުނަ އަށް ވުރެ ވެސް މަތީ އަދަދެކެވެ.

މަރިޔަމް އަށް އެއްފަހަރާ މާގިނަ ދަރިން ލިބޭތީ އޭނާ ޑޮކްޓަރަށް ވެސް ދެއްކި އެވެ. އޭނާ ބެލި މެޑިކަލް އެކްސްޕާޓުން ވިދާޅުވެފައިވަނީ މަރިއަމްގެ އިނީ އާދަޔާޚިލާފު ބޮޑު ދެ އޯވަރީ ކަމަށެވެ. މިކަމުގެ ސަބަބުން ހައިޕައޯވިއުލޭޝަން ކިޔާ މައްސަލައެއް ދިމާވެ އެވެ. މި މައްސަލަ ހުރުމުގެ ސަބަބުން ކޮންމެ ފަހަރަކު (ސައިކަލްއެއްގައި) އެތައް ބައިވަރު ބިހެއް މަރިޔަމްގެ އޯވަރީން ދޫކުރެ އެވެ.

ދޭތެރެ ދުރުކުރާ ބޭހާއި އެނޫން ވަސީލަތްތަކުން މަރިއަމް އަށް އެއްވެސް ފައިދާއެއް ނުކުރާނެ ކަމަށާއި މިފަދަ އެއްޗެއް ބޭނުންކޮށްފިނަމަ އޭނާއަށް ސިއްހީ ބޮޑެތި މައްސަލަތަކެއް ކުރިމަތިވެދާނެ ކަމަށް ވިދާޅުވެ މަރިއަމް އަށް އެއްވެސް ބޭހެއް ދޭކަށް ޑޮކްޓަރުންނަކަށް ކެރިވަޑައެއްނުގަތެވެ.

ޔޫގެންޑާގެ ކަމާލާ ސްޓޭޓްގެ މުލާގޯ ހޮސްޕިޓަލްގެ އަންހެނުންގެ ހާއްސަ ޑޮކްޓަރު ޑރ. ޗާލްސް ކިއްގުންޑޫ ވިދާޅުވީ މަރިއަމްއަށް ދިމާވެފައިވާ ފާޓިލިޓީ މައްސަލައަކީ އާއިލީ ގޮތުން ވާރުތަވެގެން އައިސްފައިވާ ކަމެއް ކަމަށެވެ.

"އޭނާގެ ކޭސް އަކީ ޖެނެޓިކް މައްސަލައެއް. ކޮންމެ ބުރަކު އެތައް ބިހެއް އެއްފަހަރާ އޭނާގެ އޯވަރީން ރިލީޒްކުރާތީ އެއްފަހަރާ ގިނަ ކުދިންތަކަކަށް ބަލިވެ އިންނަން މެދުވެރިވަނީ،" ޑރ. ޗާލްސް ވިދާޅުވި އެވެ.

މަރިއަމްގެ މި މައްސަލަ ހުންނާތީ އޭނާ ބަލިވެ އިނުން ވެސް މުހިއްމެވެ. ބަލިވެ ނީންނަނަމަ ދެން ދިމާވެދާނެ ސިއްހީ މައްސަލަތައް ގިނަ އެވެ. އެންމެ ފަހުން ހަދާނެ ގޮތް ހުސްވެގެން ޑޮކްޓަރުން ވަނީ ސާޖަރީ ހަދައި މަރިއަމްގެ ރަހިމު އެތެރޭން ކަނޑާލައި އިތުރަށް ބަލިވެ ނީންނާނެ ގޮތް ހަދާފަ އެވެ.

މަރިއަމްގެ ފިރިމީހާ 2016ގައި އޭނާ ދޫކޮށްލާފައި ދިއުމުން މަރިއަމް އަށް ވަނީ ރެޔާއި ދުވާލު ބުރަކޮށް މަސައްކަތްކުރަން މަޖުބޫރުވެފަ އެވެ. އޭނާއަކީ އިވެންޓް ޑެކަރޭޓާ އެކެވެ. އަދި ހެއާ ސްޓައިލިސްޓެކެވެ. އަދި ހަކީމީ ބޭސް ތައްޔާރުކުރާ މީހެއް ވެސް މެއެވެ. އޭނާގެ ހާލަތަށް ބަލައި އެކި މީހުން ޚައިރާތުގެ ގޮތުގައި ވެސް އޭނާއަށް ފައިސާ ދެއެވެ. ދަރިންނަށް ކާންދީ ބޯންދީ އެކުދިން ބެލެހެއްޓުމުގެ ހުރިހާ ކަމެއް އޭނާއަށް ކުރެވެނީ އެހެން މީހުންގެ ދީލަތި އެހީތެރިކަމާވެސް އެކުގަ އެވެ.