ފަޅުރަށްތައް ކުއްޔަށް ދޫކުރުން ވަގުތީގޮތުން މަޑުޖައްސާލައިފި އެވެ.
އެގްރިކަލްޗާ މިނިސްޓްރީން ބުނި ގޮތުގައި ފަޅުރަށްތައް ކުއްޔަށް ދޫކުރުން މަޑުޖައްސާލީ ފަޅުރަށްރަށާ ބެހޭ ގަވައިދަށް އިސްލާހު ގެނައުމުގެ މަސައްކަތް ހިނގަމުންދާތީ ކަމަށެވެ. އެހެންވެ ފަޅުރަށްރަށް ކުއްޔަށް ހޯދުމަށް އެދި ހުށަހަޅާ ހުށަހެޅުންތައް ބަލައިގަތުމާއި، ކުއްޔަށް ދޫކުރުން މަޑުއްޖައްސާލީ ކަމަށްވެސް ބުނެ އެވެ.
ފަޅު ރަށްރަށް ކުއްޔަށް ދިނުމާ ބެހޭ ގަވައިދަށް މިދިޔަ އަހަރު ގެނައި އިސްލާހުގައިވާ ގޮތުން ފަޅުރަށްރަށް ވަރުވާ އަށް ލިޔެދޭ މުއްދަތު އިތުރު 10 އަހަރަށް އިތުރުކުރެވިދާނެ އެވެ.
އެގްރިކަލްޗާ މިނިސްޓްރީން ބޭނުންވާ ގޮތަކަށް ފަޅުރަށްތައް ކުރީގައި ކުއްޔަށް ދޫކުރެވެ އެވެ. ނަމަވެސް މިދިޔަ ނޮވެމްބަރުގެ ތެރޭގައި ފަޅުރަށްތަކާ ބެހޭ ގާނޫނަށް ގެނައި އިސްލާހާ ގުޅިގެން މިހާރު މިނިސްޓްރީއަށް ވެސް ފަޅުރަށެއް ކުއްޔަށް ދޫކުރެވޭނީ އެ ފަޅުރަށެއް އޮތް އަތޮޅުގެ ކައުންސިލާއި މަޝްވަރާ ކުރުމަށްފަހު އެވެ.
ފަޅުރަށްތަކާ ބެހޭ ގާނޫނަށް މިދިޔަ ނޮވެމްބަރުގެ ތެރޭގައި އިސްލާހު ގެނައީ ލާމަރުކަޒީ ގާނޫނަށް ސަރުކާރުން ގެނައި ބޮޑެތި ބަދަލުތަކާ އެކު މިގާނޫނާއި ފަޅުރަށްތަކާ ބެހޭ ގާނޫނުގައި ފުށުއެރުންތަކެއް ހުރުމުން އެކަން ހައްލުކުރުމަށެވެ.
ރާއްޖޭގައި ފަޅުރަށްރަށުގެ ގޮތުގައި ގާތްގަނޑަކަށް 774 ރަށެއް ހިމެނޭއިރު މިފަދަ ރަށްތައް ގިނައިން ކުއްޔަށް ދޫކޮށްފައި ހުރި ރިސޯޓް ހަދާށެވެ. ނަމަވެސް ލާމަރުކަޒީ ގާނޫނާ އެކު ކައުންސިލްތަކަށް ލިބުނު ބާރުތަކާ އެކު ކައުންސިލްތަކުން ދަނީ އެ ކައުންސިލެއްގެ އިހްތިސާސްގެ ތެރޭގައި ހިމެނޭ ނުވަތަ އެކައުންސިލް ނިސްބަތްވާ ރަށަކާ އެންމެ ކައިރީގައިވާ ފަޅުރަށްތައް އެކި ބޭނުންތަކުގައި ކުއްޔަށް ދޫކުރުމަށް މަސައްކަތް ކުރަމުންނެވެ.