ރާއްޖެ ކުޅިވަރު

ނެޝަނަލް ޗެސް ޗެމްޕިއަންޝިޕްގައި ބައިވެރިވުމަށް ހުޅުވާލައިފި

Apr 12, 2023

މޯލްޑިވްސް ޗެސް އެސޯސިއޭޝަން (އެމްސީއޭ) އިން ބާއްވާ ނެޝަނަލް ޗެސް ޗެމްޕިއަންޝިޕްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

މިއީ އެމްސީއޭއިން ބާއްވާ އެންމެ ބޮޑު މުބާރާތެވެ. މީގެ 15 އަހަރު ކުރިން -- 2008 ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ މި މުބާރާތް މީގެ ކުރިން މެދުކަނޑާލާފައިވަނީ ކޮވިޑް-19ގެ ބަލިމަޑުކަމާއި ގުޅިގެން 2020 އަދި 2021 ވަނަ އަހަރު އެކަންޏެވެ.

މިއީ ގައުމީ ޓީމުތަކަށް ކުޅުންތެރިން ނެގުމަށް ބާއްވާ މުބާރާތެކެވެ. މިފަހަރުގެ މުބާރާތް ކުރިއަށް ގެންދާނީ ކްލަބް ކެޓަގަރީ، ވިމެންސް ކެޓަގަރީ އަދި އޯޕަންސް ކެޓަގަރީ ހިމެނޭ ގޮތަށް ތިން ކެޓަގަރީއަކަށް ބަހާލައިގެންނެވެ.

މީގެ ކުރިން ގައުމީ މުބާރާތް ބާއްވަމުން ގެންދިޔައީ މިއިން ކޮންމެ ކެޓަގަރީއެއް ވަކި މުބާރާތެއްގެ ގޮތުގަ އެވެ.

މިއަހަރުގެ ގައުމީ މުބާރާތް އިއުލާނުކޮށްފައިވާއިރު ކްލަބް ކެޓަގަރީގައި ބައިވެރިވުމުގެ މުއްދަތު ހަމަވާނީ މި މަހުގެ 26 ވަނަ ދުވަހު އެވެ.

މުބާރާތުގައި މި ކެޓަގަރީގެ މެޗުތައް އޮންނާނީ މޭ ހަތަރަކުން 12ގެ ނިޔަލަށެވެ.

ވިމެންސް ކެޓަގަރީގައި ބައިވެރިވެވޭނީ މެއި 10ގެ ކުރީންނެވެ. މި ކެޓަގަރީގެ ކުޅުން އޮންނާނީ މެއި 17 އިން 26ގެ ނިޔަލަށެވެ.

އޯޕަން ކެޓަގަރީގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް އެފުރުސަތު ހުޅުވާލާފައިވަނީ ޖޫން އެއްވަނަ ދުވަހާއި ހަމައަށެވެ. މި ކެޓަގަރީގެ މެޗުތައް ކުރިއަށްދާނީ ޖޫން ހަތަކުން 20 ވަނަ ދުވަހުގެ ނިޔަލަށެވެ.

މި މުބާރާތުގެ ފައިސާގެ އިނާމުގެ ގޮތުގައި ޖުމްލަ 80،000 ރުފިޔާ ވަނީ ހުށަހަޅާފަ އެވެ.