ޓައިވާންގެ ރައީސް ސައި އިންވެން އަކީ ޓައިވާނަށް ބޮޑު ނުރައްކަލެއް ކަމަށް ޗައިނާގެ ޓައިވާން އެފެއާޒް އޮފީހުގެ ތަރުޖަމާނު ޒޫ ފަންގްލިއަން ވިދާޅުވެއްޖެ އެވެ.
އޭނާ އަދި ވިދާޅުވީ ޓައިވާންގެ ސިޔާސަތު އެމެރިކާ ކޮޅަށް މާބޮޑަށް ބުރަވުމަކީ މުޅި ސަރަހައްދަށް ވެސް އޮތް ނުރައްކަލެއް ކަމަށެވެ.
ތަރުޖަމާން ވިދާޅުވި ގޮތުގައި ޓައިވާން މިހާރު އެ އޮތީ އޮއިގަދަ ކަނޑެއްގަ އެވެ.
ޓައިވާނަށް މި ހާލަތު މެދުވެރިވީ ޓައިވާންގައި މިހާރު ވެރިކަންކުރާ ޕާޓީ ވަކި ސިޔާސަތެއް ކަނޑައަޅައި ގައުމުން ބޭރު އާދަތަކެއް ތަންފީޒުކުރަން ހަދައިގެން ކަމަށެވެ.
ތަރުޖަމާން މި މޭރުމުން ވާހަކަދެއްކެވި ސަބަބަކީ ޗައިނާގެ އަސްކަރިއްޔާއިން ޓައިވާން ވަށާލައި ބާއްވަމުން ގެންދާ ފަރިތަކުރުންތަކަށް ހުޅަނގުން ފާޑުކިޔައި ޗައިނާއަށް އިންޒާރުދިނުމާ ގުޅިގެންނެވެ.
ޒޫ ފަންގްލިއަން ވިދާޅުވީ ޗައިނާ އޮތީ އަމިއްލަ ދިފާއުގައި ކަމަށާއި ބަޔަކު ދައްކާ ބިރަކަށް ގުޑައިނުލާނެ ކަމަށެވެ. އޭނާ އަދި ވިދާޅުވީ މުޅި ސަރަހައްދަށް ނުރައްކާކުރަން ޓައިވާން ކުރާ މަސައްކަތްތަކަށް ޗައިނާ ހުރަސްއަޅާނެ ކަމަށެވެ.
ސަރަހައްދީ މަސްލަހަތު ޓައިވާންގެ މަސްލަހަތަށްވެސް ވާން ޖެހޭނެ ކަމަށް ތަރުޖަމާން ވިދާޅުވި އެވެ. އެ ނޫން ގޮތެއްގައި މަސްރަހު ކޮޅެއްގައި ޖެއްސުމަކީ ޗައިނާގެ އަސްކަރިއްޔާގެ ޒިންމާއެއް ކަމަށްވެސް އޭނާ ވިދާޅުވި އެވެ.