ތިލަމާލެ ބްރިޖު އަޅަން ހަވާލުކޮށްފައިވާ އިންޑިއާގެ އެފްކޮންސް ކުންފުނި ބަނގުރޫޓްވެފައިވާތީ ދިވެހި ދައުލަތުން ބޮޑު ބަދަލެއް ދޭންޖެހި އެފްކޮންސްގެ މައްސަލަ ނުރައްކާ ވެދާނެ ކަމަށް ކުރީގެ އިކޮނޮމިކް މިނިސްޓަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.
އެފްކޮންސް ކުންފުންޏަކީ އިންޑިއާގެ ބިލިއަނަރެއް ކަމުގައިވާ ޝާޕޫރު މިސްޓްރީގެ ޝާޕޫރުޖީ ޕަލޯންޖީ (އެސްޕީ)ގެ ދަށުން ހިންގަމުންދާ ކުންފުންޏެކެވެ.
އެފްކޮންސް ކުންފުންޏާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ސައީދު ވާހަކަދައްކަވާފައި މިވަނީ އެސްޕީއަށް ދިމާވެފައިވާ މާލީ މައްސަލަތަކާ ގުޅިގެން އެފްކޮންސް ކުންފުނީގެ އިތުރުން އެސްޕީ ގުރޫޕުން އިންޑިއާގައި ހިންގާ ގޯޕާލްޕޫރު ޕޯޓް ވިއްކާލުމަށް ތައްޔާރުވަމުންދާ ކަމަށް އިންޑިއާގެ ބައެއް ނޫސްތަކުގައި ރިޕޯޓް ކުރުމާ ގުޅިގެންނެވެ.
ވިއްކާލަން މަސައްކަތް ކުރަނީ ގާތްގަނޑަކަށް ދެ ބިލިއަން ޑޮލަރުގެ އެސެޓް ކަމަށް ރިޕޯޓްތައް ބުނެ އެވެ.
ސައީދު މިއަދު ވިދާޅުވީ އިންޑިއާގެ ޖީއެމްއާރް ކުންފުނީގެ މައްސަލައަށް ވުރެ އެފްކޮންސްގެ މައްސަލަ ދިވެހި ދައުލަތަށް ނުރައްކާވެދާނެ ކަމަށެވެ. އެފްކޮންސްގެ އެސެޓް ނުއަގުގައި ވިއްކާނީ އެފްކޮންސްގެ ހާލަތު ވަރަށް ގޯސްވުމުން ކަމަށް ސައީދު ކަންބޮޑުވުމާ އެކު ފާހަގަކުރެއްވި އެވެ.
"އަޅުގަނޑު ދިވެހި ސަރުކާރަށް ދިވެހިރާއްޖޭގެ މާލިއްޔާގެ ޒިންމާ ނަންގަވާ ހުރިހާ ފަރާތްތަކަށް ގޮވާލަން އެފްކޮންސްއަށް ދޫކުރަން ހުރި އެއްވެސް ފައިސާއެއް ދޫނުކުރަން،" ސައީދު ވިދާޅުވި އެވެ.
ސައީދު އިތުރަށް ވިދާޅުވީ ތިލަމާލެ ބްރިޖު ނާޅާނެ ކަމަށާއި އެކަން ކުރެވޭނެ ޓެކްނޮލޮޖީ ވެސް އެ ކުންފުނީގައި ނެތް ކަމަށެވެ.
"ދިވެހިރާއްޖޭގައި މިފަހުގެ ތާރީހުގައި ރައްޔިތުންނަށް ދިމާވާނެ އެންމެ ބޮޑު މުސީބާތް އިއްޒަތްތެރި ރައީސް މިބްރިޖުގެ މަސައްކަތް ނުނިމުން. މިއީ ދެވަނަ ޖީއެމްއާރް އަށް ވުރެ މާނުރައްކާތެރި މައްސަލައެއް،" ސައީދު ވިދާޅުވި އެވެ.
ޖީއެމްއާރް ކުންފުންޏަކީ އެމްޑީޕީގެ ފުރަތަމަ ވެރިކަމުގައި ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ހިންގަން ހަވާލުކުރި ކުންފުންޏެވެ. ދިވެހި ގިނަ ރައްޔިތުންނާއި އޭރުގެ ސިޔާސީ ހުރިހާ ޕާޓީތަކުންހެން ދެކޮޅު ހައްދަމުން ދަނިކޮށް ރައީސް ނަޝީދުގެ ވެރިކަމުގައި ވީއައިއޭ ހިންގުން ޖީއެމްއާރްއާ ހަވާލުކުރި އެވެ. އެ ނިންމުމާ ގުޅިގެން ދައުލަތަށް ލިބޭ އާމްދަނީ ދިގު މުއްދަތަކަށް ބަލައިފިނަމަ ވަރަށް ބޮޑަށް ކުޑަވެގެންދާތީއާއި ދިވެހި ދައުލަތުގެ މަސްލަހަތު ހިފެހެއްޓިފައި އޮތް ގޮތް ކަމުނުދާތީ ރައީސް މުހައްމަދު ވަހީދުގެ ވެރިކަމުގައި ވަނީ ޖީއެމްއާރް އެއްބަސްވުން ދިވެހި ދައުލަތުން ބޭނުންވެގެން އުވާލާފަ އެވެ.
މިކަމާ ގުޅިގެން ޖީއެމްއާރް އިން ސިންގަޕޫރުގެ އާބިޓްރޭޝަނަށް ބަދަލު ހޯދުމަށް ހުށަހެޅުމުން އެ މައްސަލަ ނިމުނީ ޖީއެމްއާރްއާ އެއްކޮޅަށެވެ. އެހެންވެ ސައީދުގެ އިކޮނޮމިކް މިނިސްޓަރު ކަމުގައި އަދި ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ޖީއެމްއާރްއަށް ދިވެހި ދައުލަތުން ބަދަލުގެ ގޮތުގައި 271 މިލިއަން ޑޮލަރު -- 4.2 ބިލިއަން ޑޮލަރުގެ ބަދަލެއް ދެއްކި އެވެ.
ސައީދު ވިދާޅުވީ އެފްކޮންސް ބަނގުރޫޓްވި ކަމަށް އެ ކުންފުނި ނިސްބަތްވާ ގައުމު -- އިންޑިއާގެ ނޫސްތަކުގައި ރިޕޯޓް ކުރުމަކީ ވަރަށް ބޮޑަށް ކަންބޮޑުވާންޖެހޭ މައްސަލައެއް ކަމަށެވެ.
އެފްކޮންސް އިން ރާއްޖޭގައި ހިންގަމުންދާ މަޝްރޫއުތަކަށް އެކަނިވެސް ގާތްގަނޑަކަށް 10 ބިލިއަން ރުފިޔާ ދިވެހި ސަރުކާރުން ހަރަދުކުރާނެ އެވެ. އެއީ ބްރިޖުގެ މުޅި މަޝްރޫއަށް ގާތްގަނޑަށް 8 ބިލިއަން ރުފިޔާއާއި އައްޑޫ މަގު ހެދުމަށް ގާތްގަނޑަކަށް ދެ ބިލިއަން ރުފިޔާ އެވެ.
ތިލަމާލެ ބްރިޖު އަޅަން އެފްކޯންސް ކުންފުންޏާ އެކު ދިވެހި ސަރުކާރުން އެއްބަސްވުމުގައި ސޮއި ކުރީ އޮގަސްޓް 26، 2021 ގައެވެ. ބްރިޖު އެޅުމުގެ މަސައްކަތާ ކަމާ ގުޅޭ ސޭވާ ތަކާއި ދިރާސާތައް ވެސް ކުރީ އެފްކޯންސް ކުންފުނިންނެވެ.
އިންޑިއާ ސަރުކާރުން ފަންޑުކޮށްގެން ތިލަމާލެ ބްރިޖު އަޅަނީ އިންޑިއާގެ 100 މިލިއަން ޑޮލަރުގެ ހިލޭ އެހީ އާއި 400 މިލިއަން ޑޮލަރުގެ ލޯނު ފައިސާއިންނެވެ. ރާއްޖޭގައި ހުންނަ އިންޑިއާ އެމްބަސީން ބުނެފައިވާ ގޮތުގައި 400 މިލިއަން ޑޮލަރަކީ އެ ގައުމުން ރާއްޖެއަށް ދިން 800 މިލިއަން ޑޮލަރުގެ ކްރެޑިޓް ލައިންގެ ބައެކެވެ. ކްރެޓިޑް ލައިން އަކީ ލޯނުތަކާ ހިލާފަށް ސަރުކާރަށް ބޭނުންވެއްޖެ ހާލަތެއްގައި އެ ދައްކަން ޝަރުތުކޮށް ނުވަތަ ނުދައްކައި ދަންމާލެވޭ ގޮތަށް ދޫކުރާ ދަރަންޏެކެވެ.
އިންޑިއާއިން ވަނީ ތިލަމާލެ ބްރިޖު އަޅަން ހިލޭ އެހީގެ ގޮތުގައި އިތުރު 15 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 231.3 މިލިއަން ރުފިޔާ) ވެސް ދީފަ އެވެ.
ބްރިޖާއި ކޯޒްވޭ ހިމެނޭ ގޮތަށް ހަދަން ނިންމާފައިވާ ތިލަމާލެ ބްރިޖަކީ ގާތްގަނޑަކަށް 6.695 ކިލޯ މީޓަރު ދިގު ބްރިޖެކެވެ.
"ގްރޭޓާ މާލެ ކަނެކްޓިވިޓީ ޕްރޮޖެކްޓް"ގެ ދަށުން މާލެ، ވިލިގިނލި، ތިލަފުށި އަދި ގުޅީފަޅު ގުޅާލުމުން ރާއްޖޭގެ އިގުތިސޯދަށް އޭގެ ގިނަ ފައިދާތަކެއް ލިބި، ވިޔަފާރިތަކަށާއި އާއްމު ރައްޔިތުންނަށް ގިނަ ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ސަރުކާރުން ބުނެ އެވެ.