ރަޝިއާގެ އަސްކަރީ ފައުޖުތައް އަވަސް ގޮތަކަށް ޔުކްރޭނުން ބޭރުކޮށްލެވޭ ވަރުގެ ހިކުމަތްތެރި ކަމެއް ޔުކްރޭން ސިފައިންގެ ކިބާގައި ހުރި ކަމާމެދު ބައިޑަން ސަރުކާރަށް ޝައްކުކަން -- ލީކުވެފައި ހުރި އެމެރިކާގެ ސިއްރު ލިޔުންތަކުން ހާމަވެއްޖެ އެވެ.
ޕެންޓަގަނުން ލީކުވެފައި ހުރި ލިޔުންތަކުގެ ސައްހަކަމާ މެެދު އެމެރިކާ ސަރުކާރުން އަދިވެސް ވަކި އެއްޗެއް ނުބުނެ އެވެ. އެއީ ދޮގު ލިޔުންތަކެއް ނުވަތަ ތެދު ލިޔުންތަކެއް ކަމަށް ބުނުމުގެ ހިތްވަރެއް ވެސް ބައިޑަން ސަރުކާރުގައި ނެތެވެ. އެހެން ނަމަވެސް. ލީކުވި ލިޔުންތަކާ ހެދި އެމެރިކާ އޮތީ ކޮށިއަރާފަ އެވެ.
ޕެންޓަގަނުން ބުނާ ގޮތުން ލިޔުންތައް ލީކުވީ ކޮން ދިމާއަކުން ކަމެއް ބުނެދޭކަށް ނޭނގެ އެވެ. އަދި ވަކި މީހަކާ މެދު ޝައްކުކުރުމުގެ ފުރުސަތު ލޮލުކޮޅަށް ފެންނަ ހިސާބުގައި ވެސް ނެތެވެ.
އެމެރިކާ އެންމެ ގާތްކޮށް ގެންގުޅޭ ގައުމުތަކާ މެދު ކަންކުރަން ރާވާފައި އޮތް ގޮތްތަކާއި ވަކި ގައުމުތަކަކުން ޖާސޫސްކުރަން ރާފާފައި އޮތް ގޮތް އަދި ދޮރު ބަންދު -- ސިއްރު ބައްދަލުވުންތަކުން ބޭޒާރުވެފައި ހުރި މައުލޫމާތުގެ ސަބަބުން އެކުވެރި ގައުމުތައް ވެސް ވަނީ ޝޮކްޖެހިފަ އެވެ.
ޔުކްރޭން ހަނގުރާމަ ރާވައި ކުރިއަށް ގެންދާނެ ގޮތާއި ރަޝިއާ ސިފައިންނަށް ހަމަލާދޭން ބޭނުންކުރެވިދާނެ އެކި ބާވަތްތަކުގެ ހަތިޔާރާ ބެހޭ ގޮތުން ވެސް ލިޔުންތަކުގައި މަޝްވަރާކޮށްފައި ވެއެވެ.
ޔުކްރޭނަށް ވަކި މުއްދަތެއްގެ ތެރޭގައި ހަތިޔާރު ސަޕްލައި ނުކުރެވިއްޖެ ނަމަ ރަޝިއާ ސިފައިން ބާރުގަދަކުރާނެ ކަމަށާއި ރަޝިއާ ސިފައިންނަށް ވައިގެ ތެރޭގައި ފުރުސަތު ދީފިނަމަ ޔުކްރޭން ސިފައިން ވަރަށް ބޮޑަށް ނިކަމެތިވާނެ ކަމަށްވެސް ލިޔުންތަކުގައި ވަނީ ބުނެފަ އެވެ.
އަސްކަރީ ސިއްރު ލިޔުންތަކެއް އިންޓަނެޓަށް ލީކުވެފައި ވަނީ އެމެރިކާގެ ދިފާއީ އިދާރާ -- ޕެންޓަގަންގެ އިހުމާލުންނެވެ.
މިކަމާ ބެހޭ ގޮތުން އެމެރިކާގެ ދިފާއީ ވަޒީރު ލޮއިޑް އޮސްޓިން ވިދާޅުވީ ލިޔުންތައް ލީކުކުރި ބަޔަކު ހޯދުމަށް ނުފުރޮޅާ ގަލެއް ނުބާއްވާނެ ކަމަށެވެ.
ލޮއިންޑް އޮސްޓިން ވިދާޅުވި ގޮތުގައި ލިޔުންތައް ލީކުވިކަން އެނގިވަޑައިގަތީ ވެސް އިންޓަނެޓުން އެ ލިޔުންތައް ފެނިވަޑައި ގަތުމުންނެވެ. އޭގެ ކުރިން އެއީ އެއްގޮތަކަށް ވެސް ހީވެފައި އަދި އުއްމީދުކުރެއްވި ކަމެއް ނޫން ކަމަށްވެސް އޭނާ ވިދާޅުވި އެވެ.