ޗައިނާގެ ދިފާއީ ވަޒީރު ލީ ޝެންގްފޫ -- ހަތަރު ދުވަހުގެ ރަސްމީ ދަތުރެއްގައި، އާދިއްތަ ދުވަހު ރަޝިއާއަށް ވަޑައިގަންނަވަނީ އެވެ. މިއީ ރަޝިއާގެ ދިފާއީ ވަޒީރު ސަރުގޭ ޝޮއިގޫގެ ދައުވަތަކަށް ކުރައްވާ ދަތުރެކެވެ.
ޗައިނާ ފޮރިން މިނިސްޓްރީގެ ތަރުޖަމާން ޓޭން ކެފޭއީ ވެސް ވަނީ ދިފާއީ ވަޒީރު މި ދަތުރު ކުރައްވާނެކަން ކަށަވަރު ކޮށްދެއްވާފަ އެވެ. އެހެން ނަމަވެސް، އިތުރު އެހެން މައުލޫމާތެއް ނުދެއްވަ އެވެ.
މިއީ ލީ ޝެންގްފޫ މާޗް 2023 ގައި ޑިފެންސް މިނިސްޓަރުކަމާ ހަވާލުވެ ވަޑައިގެންނެވި ފަހުން ރަޝިއާއަށް ކުރައްވަ ފުރަތަމަ ދަތުރެވެ. މި ދަތުރުގައި ދެ ގައުމުގެ ދިފާއީ ވުޒާރާގެ އޮފިޝަލުން މަޝްވަރާތައް ބާއްވަވާނެ އެވެ.
ޗައިނާ އާއި ރަޝިއާ އަކީ މިހާރު ދުނިޔޭގެ ފަލަ ސުރުޚީ އެވެ. އަނެއްކޮޅުން ޔުކްރޭން ހަނގުރާމާގައި ރަޝިއާއަށް ވާގިވެރިވާކަމުގެ ތުހުމަތު ޗައިނާ ބޮޅުގައި އެޅިފައި އޮތްއިރު މި ދެ ގައުމުގެ ދިފާއީ ވަޒީރުންގެ މެދުގައި ބައްދަލުވުންތަކެއް ބޭއްވުމަކީ ހުޅަނގުން ދުންއަރާނެ ސަބަބެކެވެ.
އެމެރިކާ އާއި ޗައިނާ ގުޅޭ ގޮތުން ދިރާސާކުރާ މީހުން ދެކޭ ގޮތުގައި ޗައިނާގެ ސިޔާސަތުގައި ބަޑި އާއި ކަނޑިއަށް ވުރެ ބޮލުން ކުޅުން މާ ކާމިޔާބެވެ. ޑިޕްލޮމެޓިކް އުސޫލުތައް ފޭލިވުމުން ދެން އޮންނަ ގޮތަކީ އަތްނުލައި އައްދޮ ކިޔުއްވުން ކަމަށް ޗައިނާ ގަބޫލުކުރެ އެވެ.
ދިފާއީ ވަޒީރުގެ މި ދަތުރަކީ އެމެރިކާ އާއި ބައިވެރިން ވިސްނާ ފިކުރުކުރުމަށް ޗައިނާ ކުޅޭ ކުޅިއެކެވެ.
ރަޝިއާ-ޗައިނާގެ ދިފާއީ ވަޒީރުން ދެ ގައުމުގެ ސަލާމަތީ މައުލޫތަކަށް އަލިއަޅުއްވާލާނެ ކަމަށް ޚަބަރުތައް ބުނެ އެވެ. އަދި ދުނިޔޭގެ މަސްލަހަތަށް ވެސް މަޝްވަރާ ކުރައްވާނެ އެވެ.
ޗައިނާގެ ދިފާއީ ވަޒީރު ރަޝިއާއަށް މި ވަޑައިގަންނަވަނީ އެ ގައުމުގެ ރައީސް، ޝީ ޖިންޕިން ރަޝިއާއަށް ކުރެއްވި ދަތުރުގެ ހޫނުކަން އަދި ނުފިލައިގެން އުޅެނިކޮށެވެ. އެހެންކަމުން މިއީ ދެ ގައުމުގެ ދެމެދުގައި ސިޔާސީ ފެންވަރަށް ވުރެ ގާތްކޮށް މުއާމަލާތްތަކެއް ހިނގާ ކަމުގެ ހެއްކެކެވެ.