ހިޔާ ފްލެޓްތަކުގައި ދިރިއުޅޭ މީހުންގެ ސަލާމަތާއި ރައްކާތެރިކަމަށް އިހްމާލުވާ މީހުންގެ ފްލެޓް އަތުލާނެ ކަމުގެ އިންޒާރު ފްލެޓްތައް ބަލަހައްޓާ އާބަންކޯ އިން ދީފި އެވެ.
އާބަންކޯ އިން މިފަދަ އިންޒާރެއް ދީފައި މިވަނީ ހިޔާ ފްލެޓްގެ ދެ ޓަވަރެއްގައި މިމަހުގެ ތެރޭގައި އަލިފާނުގެ ދެ ހާދިސާއެއް ހިނގިއިރު މިހާދިސާތައް ހިނގުމުގައި ބައެއް އިހްމާލު އޮތް ކަމަށް ބެލެވޭތީ އެވެ.
އަލިފާނުގެ ހާދިސާ ހިނގާފައިވަނީ މިމަހުގެ ކުރީކޮޅު ހިޔާ ޓަވަރުތަކުގެ ތެރެއިން ފަސްވަނަ ޓަވަރުގެ 17 ވަނަ ބުރީގައި އާއި މިރޭގެ ވަގުތެއްގައި ހިޔާ ޓަވަރުތަކުގެ ތެރެއިން ހަތްވަނަ ޓަވަރުގެ ފުރަތަމަ ފަންގިފިލާގައި ހުރި އެޕާޓްމަންޓެއްގަ އެވެ.
މި ދެ ހާދިސާއާއި ގުޅިގެން އާބަންކޯ އިން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އަލިފާނުގެ ދެ ހާދިސާ ވެސް ހިނގީ ސިގިރެޓެއްގެ ސަބަބުން ކަމަށް ޝައްކު ކުރެވޭ ކަމަށެވެ.
އާބަންކޯ އިން ބުނީ އެންމެ މީހަކު ކުރާ މިފަދަ އަމަލެއްގެ ސަބަބުން އެތައް ރައްޔިތުންނެއްގެ ފުރާނައާއި މުދަލަށް ގެއްލުންވެ މިފަދަ އަމަލެއްގެ ސަބަބުން މިއަށްވުރެވެސް ނުރައްކާތެރި ހާދިސާއެއް ކުރިމަތިވުމުގެ ފުރުސަތު އޮތުމާއިއެކު، މިފަދަ އަމަލުތައް ކުރާ ފަރާތްތަކާއި ޔުނިޓްތައް ދެނެގަނެ ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށެވެ.
"މިފަދަ ހާދިސާތައް ތަހުގީގު ކުރުމަށްފަހު ރައްޔިތުންގެ ސަލާމަތަށް އިހްމާލުވެފައިވާ ފަރާތްތަކުގެ ޔުނިޓް އަތުލުމުގެ ފުރުސަތުވެސް އޮންނާނެ އެވެ. އަޅުގަނޑުމެންގެ އިލްތިމާސްއަކީ އެކަކު އަނެކަކަށް އިހްތިރާމްކޮށް، އެކުގައި ދިރިއުޅޭ އަވަށްޓެރިންގެ ރައްކާތެރިކަމާއިމެދެ ފަރުވާތެރިވެ މިފަދަ ކަންކަން ތަކުރާރުވިޔަ ނުދިނުމަށްޓަކައި ހުޅުމާލޭގެ ފްލެޓްތަކުގައި ދިރިއުޅޭ ރައްޔިތުންވެސް އަޅުގަޑުމެންނާއިއެކު ގުޅިގެން މަސައްކަތް ކުރުން،" އާބަންކޯގެ ބަޔާނުގައިވެ އެވެ.
ހިޔާ ޓަވަރުތަކުގައި އަލިފާން ރޯވާ މައްސަލަތަކުގައި ނުރައްކާތެރި ހާދިސާއެއް ހިނގާފާނެތީ ޓަވަރުތަކުގައި އުޅޭ ބައެއް މީހުންވެސް ގެންދަނީ ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރަމުންނެވެ.