ވަރަށް ބޮޑެތި ވޭނާއި ތަކުލީފުތައް އުފުލަމުންދާ މީހުން ދުނިޔޭގައި ވަރަށް ގިނަ އެވެ. ނަމަވެސް އެމީހަކަށް އެފަދަ ކަމެއް ދިމާވުމުން ނޫނީ އެކަމުގައި ހުރި އުނދަގުލާއި ތުރާތައް އެއްވެސް މީހަކަށް އިހްސާސެއް ނުކުރެވޭނެ އެވެ.
މިއީ ބަލިމަޑުކަމެއްގެ ސަބަބުން މިފަދަ ގަދަފަދަ ވޭނަކާއި ތުރާލެއް ބަރުދާސްތު ކުރަމުންދިޔަ ޒުވާން އަންހެނެއް ކަމަށްވާ 20 އަހަރުގެ އެލިޝަން ފިޝާގެ ވާހަކަ އެވެ. ނަސީބަކުން އެލިޝަންގެ ވޭންތަކަށް ޝިފާ ލިބި އޭނާއަށް ސިއްހަތު ރަނގަޅު ދިރިއުޅުމެއް އުޅުމުގެ ދެވަނަ ފުރުސަތެއް ވަނީ ލިބިފަ އެވެ.
އިނގިރޭސިވިލާތުގެ ބާމިންހަމްގައި ދިރިއުޅޭ އެލިސަން އަށް ފުރަތަމަ ސިއްހީ މައްސަލަތައް ދިމާވާން ފެށީ 2020ގަ އެވެ. އެންމެ ފުރަތަމަ އޭނާގެ ބަނޑުގައި ވަރަށް ގަދަޔަށް ރިއްސަން ފެށި އެވެ. އަދި ޕީރިއަޑް މައްސަލަ ޖެހެން ފެށީ އެވެ. އަދި 2020 ފެށުނުތަނާ ޕީރިއަޑްވީ ގޮތަށް އަހަރެއް ފާއިތުވީއިރުވެސް ރަނގަޅެއް ނުވެ އެވެ. ނަމަވެސް 20 އަހަރުގެ މި ޒުވާނާ ޑޮކްޓަރަކަށް ނުދައްކަ އެވެ. ސަބަބަކީ އޭނާއަކީ ޑޮކްޓަރަށް ދާން އެއްގޮތަކަށް ވެސް ބޭނުން ނުވާ މީހުންގެ ތެރޭގައި ހިމެނޭ މީހަކަށް ވެފައި ފެށުނީއްސުރެ އެލިޝަން ހުންނަނީ ވަރަށް ފަލަކޮށް ކަމުން ޑޮކްޓަރަކަށް ދައްކާއިރަށް އޭނާ ފަލަކަމުގެ ވާހަކަ ދައްކާނެހެން ހީވާތީ އެވެ.
"އަހަރެން އޭރު ގަބޫލުކޮށްގެން ހުރީ އަޅާ ނުލާ ހުންނަނިކޮށް އަމިއްލައަށް މިކަން ހައްލު ވާނޭ. އަހަރެން ހުރީ ހަގީގަތުގައި ވެސް ވަރަށް ބިރުގަނެފަ. އެހެން އުޅެނިކޮށް ކޮވިޑް-19 ޕެންޑެމިކް ލައިގަތީ. ދެން ދެ ކަންތައް އެކުވެގެން އެންޒައިޓީ މައްސަލަތައް ދިމާވެ ދިރިއުޅެން ދަތިވެގެން ޑޮކްޓަރަކަށް ދެއްކީ،" އެލީޝަން ބުންޏެވެ.
އޭނާ ބުނި ގޮތުގައި ކުޑައިރުއްސުރެ ކަންފަތެއްގައި ރިއްސާތީ ދެއްކިޔަސް ޑޮކްޓަރުން ބުނަނީ މާ ބަރުދަން އިތުރޭ އެވެ. އަދި ބަރުދަން ލުއިކުރަން ޑޮކްޓަރުން އަބަދު އިރުޝާދު ދޭތީ އޭނާ ހިތްހަމަނުޖެހެނީ އެވެ. ނަމަވެސް ބަނޑުގައި އެއްޗެއް އުފެދެމުންދާ ކަމުގެ އިހްސާސްތައް ކުރެވެން ފެށުމުން އެލިޝަން އެންމެ ފަހުން ޑޮކްޓަރަށް ދެއްކީ އެވެ.
"ބަނޑު ފުފެމުން ހަރުވަމުން ގޮސް ފަސް މިނިޓް ވެސް ކޮޅަށް ނުހުރެވޭ ވަރު ވުމުން ދެން ޑޮކްޓަރަށް ދިޔައީ. އެއްފަހަރާ 10 ދަރިންނަށް ބަލިވެ އިނީމަ ކުރެވޭނެ ކަހަލަ އިހްސާސްތަކެއް އޭރު އަހަރެންނަށް ކުރެވެމުން ދިޔައީ. އަހަރެންނަށް އުއްޑުން އޮށޯވެއެއް ނޯވެވޭ. އަހަންނަށް ހީވަނީ އަހަރެންގެ އެތެރެހަށީގެ ހުރިހާ ގުނަވަންތަކެއް ފިތި ބާރުވަނީހެން،" އެލިޝަންގެ ތަޖުރިބާ ހިއްސާ ކުރަމުން ބުންޏެވެ.
އެންމެ ފަހުން ކެތް ނުކުރެވިގެން އެލިޝަން ޑޮކްޓަރަށް ދެއްކީ 2022ގެ ޑިސެމްބަރު މަހުގެ ފަހުކޮޅު އެވެ.
ވަގުތުން އޭނާގެ ބަނޑުގެ ސްކޭންތަކާއި އިތުރު ޓެސްޓްތައް ހެދި އެވެ. އަދި މި ޓެސްޓްތަކަށް ބައްލަވައި އެލިޝަން ކައިރީ ޑޮކްޓަރު ވިދާޅުވީ އޭނާގެ ބަނޑުގައި 104 ޕައުންޑް (ގާތްގަނޑަކަށް 47 ކިލޯ)ގެ ސިސްޓެއް ހެދި ބޮޑުވަމުންދާ ކަމަށެވެ. އަދި މި ސިސްޓްގެ ތެރޭގައި 46 ލިޓަރުގެ ދިޔަ އެބަހުރި ކަމަށެވެ. އަދި ވީހާވެސް އަވަހަކަށް ސާޖަރީ ހަދައިގެން ސިސްޓް ނަގަން ޑޮކްޓަރުން އިރުޝާދު ދިނެވެ.
މިހާ ބޮޑު ސިސްޓެއް އުފެދެމުން ދިއުމުގެ ސަބަބުން އެލިޝަން އަށް ސިއްހީ ބޮޑެތި ހިތާއި ފުއްޕާމޭގެ މައްސަލަތައް ދިމާވުމުގެ ބިރު އޮތެވެ. އެހެންވެ އޭނާގެ ސާޖަރީ ހެދުމަށްޓަކައި މި ހުރިހާ ދާއިރާއެއްގެ ޑޮކްޓަރުން ހިމެނޭ ގޮތަށް ޓީމެއް އެކުލަވާލި އެވެ. އަދި މި ސާޖަރީ ހަދާފައިވަނީ ރޮބޮޓް ޓެކްނޮލޮޖީގެ ބޭނުން ކޮށްގެންނެވެ.
މި ސާޖަރީއަށް ފަހު ލިބުނު ލުއިގެ ބޮޑުމުން ދިރިއުޅުމަށް ދެ ވަނަ ފުރުސަތެއް ލިބިއްޖެ ކަމުގެ އިހްސާސް އެލިޝަން އަށް ކުރެވުނެވެ. މި ބޮޑު ސިސްޓް ބަނޑުތެރޭގައި އިނުމުގެ ސަބަބުން ހިނގާބިނގާވެ އުޅުމާއި ވަރަށް އާދައިގެ ކުދިކުދި ކަންތައްތައް ކުރުމަށް ވެސް އެލިޝަން އަށް ހުރީ ނުކުޅެދިފަ އެވެ. އަދި ބަނޑުބޮޑުކަމުން އޭނާގެ އަމިއްލަ ދެ ފައިތިލަ އޭނާއަށް ނުފެންނަތާ ވެސް ކިތަންމެ ދުވަހަކެވެ.
އެލިޝަންގެ މި ބޮޑު ސިސްޓް އިނީ އޭނާގެ އޯވަރީގަ އެވެ. އޯވަރީގައި ސިސްޓްހުރުމަކީ ވަރަށް ގިނަ އަންހެނުންނަށް ކުރިމަތިވާ މައްސަލަ އެކެވެ. މާޔޯ ކްލިނިކްގެ މައުލޫމާތުތަކުގައި ވާގޮތުން ވަރަށް ގިނަ އަންހެނުންގެ ހަޔާތުގެ ކޮންމެވެސް ހިސާބެއްގައި މި މައްސަލަ ދިމާވެގެން އުޅެން ޖެހެ އެވެ. ނަމަވެސް މިހާ ބޮޑުވަނީ ވަރަށް މަދު މީހެއްގެ އެވެ.